ބޮޑެތި ޒަހަމްތަކަކާ އެކު މަރުވެފައި އޮއްވައި ވ. ރަކީދޫ ގެއެއްގެ ތެރެއިން ފެނުނު މުހައްމަދު އިބްތިހާލްގެ މަރާ ގުޅިގެން އެކުއްޖާގެ މަންމަ ހައްޔަރު ކުރުމަށް ކްރިމިނަލް ކޯޓުގައި ފުލުހުން އެދެފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދު ވިދާޅުވީ އަންހެން މީހާ ހައްޔަރު ކުރުމުގެ އަމުރަކަށް މިއަދު ކޯޓުގައި އެދިފައިވާނެ ކަމަށެވެ. ނަމަވެސް އަދި ކޯޓު އަމުރު ފުލުހުންނަށް ލިބިފައެއްނުވެ އެވެ.
އިބްތިހާލްގެ މަންމަ ހައްޔަރު ކުރުމުގެ އަމުރަކަށް ފުލުހުން އެދުނު އިރު އިބްތިހާލްގެ މަންމަ އާފިޔާ މުހައްމަދު އޮތީ ރަކީދޫ ސިއްހީ މަރުކަޒުގައި އެޑްމިޓްކޮށްފައި އެވެ. އެ މައްސަލައިގައި މިހާތަނަށް އަދި އެއްވެސް މީހަކު ހައްޔަރެއް ނުކުރެ އެވެ.
އުމުރުން ތިން އަހަރުގެ އިބްތިހާލު މަރުވެފައި އޮއްވައި ފެނުނީ އެ ކުއްޖާ ދިރިއުޅޭ ގޭގެ ސިޓިންރޫމުގައި އޮއްވައި އިއްޔެ 11:45 އެހާކަންހާއިރު ކަމަށް އެ ރަށު ކައުންސިލުން މައުލޫމާތު ދެ އެވެ.
މަރުވެފައި އޮއްވައި ފެނުނު އިބްތިހާލުގެ ހަށިގަނޑުގައި ބޮޑެތި ޒަހަމްތަކެއް ފެންނަން ހުއްޓެވެ. އަދި އެކުއްޖާއަށް މަންމަގެ ފަރާތުން އަނިޔާ ލިބެމުންދާތީ އެކި ފަހަރު މަތިން އެކުއްޖާގެ މަންމައަށް ވަނީ ކައުންސިލުން ނަސޭހަތްތެރިވެފަ އެވެ. އަދި އިބްތިހާލަށް އަނިޔާ ކުރާ މައްސަލައިގަ ޖެންޑާ މިނިސްޓްރީންވެސް އޭނާއަށް ނަސޭހަތްތެރިވެފައިވާ ކަމަށް ކައުންސިލުން ބުންޏެވެ.
އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާއިރު އެޗްއާރުސީއެމުންވެސް ދަނީ އިބްތިހާލްއަށް އަނިޔާކޮށްފައިވާ މައްސަލަ ބަލަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް