ރަހުމް ކުޑަ އަނިޔާތަކަކަށްފަހު މަރާލާފައި އޮއްވާ އިއްޔެ ފެނުނު އުމުރުން ތިން އަހަރުގެ އިބްތިހާލްގެ ކަންކަން މޮނީޓާ ކޮށް ބެލުމަށް އެއްވެސް ފަރާތަކާ ހަވާލު ނުކުރާ ކަމަށާއި މިފަދަ ހާދިސާތައް ދިމާވެފައިވާ ކުދިންނާއި ފަރާތްތައް ރައްކާތެރި މާހައުލަކަށް ބަދަލު ކުރުމުގެ ބާރު ގާނޫނީ ގޮތުން ލިބިފައިވާ ފަރާތަކީ ޖެންޑާ މިނިސްޓްރީ ކަމަށް ރަކީދޫ ކައުންސިލުން ބުނެފި އެވެ.
ރަކީދޫ ކައުންސިލުން މިހެން ބުނެފައިވަނީ ކައުންސިލް ރައީސް ސޮއި ކޮށް ރޭ ނެރުނު ބަޔާނެއްގަ އެވެ.
އެ ބަޔާނުގައި ބުނެފައިވަނީ ތުއްތު ކުއްޖާގެ މަންމަގެ ފަރާތުން، ތިން އަހަރުގެ ތުއްތު ކުއްޖާއަށް އަނިޔާ ކުރާތީ، ކައުންސިލުން 29 ޑިސެމްބަރު 2014 ވަނަ ދުވަހު އެއަތޮޅުގައި މަސައްކަތްކުރައްވާ ޖެންޑާ މިނިސްޓްރީގެ ބޭފުޅުންނާ ގުޅުމުން 30 ޑިސެމްބަރު 2014 ވަނަ ދުވަހު ފުލުހުންނާއެކު ރަކީދުއަށް ވަޑައިގެން، ޖެންޑާގެ ބޭފުޅުންނާއި ފުލުހުން ވަކިން މި ކުއްޖާގެ މަންމައާއި ސުވާލުކޮށް ނަސޭހަތްތެރިވި ކަމަށެވެ.
އަދި ޖެންޑާ މިނިސްޓްރީގެ ބޭފުޅުންގެ އަރިހުގައި މި ކުއްޖާއަށް އަނިޔާ ނުކުރާނެ ކަމަށް ކުއްޖާގެ މަންމަ އެއްބަސްވެފައިވާކަމަށް ޖެންޑާއިން ވަޑައިގެންނެވި ބޭފުޅުންގެ ފަރާތުން ކައުންސިލަށް މައުލޫމާތު ދިން ކަމަނާއި ނަމަވެސް ކުއްޖާ މޮނީޓާ ކުރުމަށް އެއްވެސް ފަރާތަކާ ހަވާލު ނުކުރާ ކަމަށް ކައުންސިލްގެ ބަޔާނުގައި ވެއެވެ.
އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ އޭގެ ފަހުން މިކަންތައް ތަކުރާރުވަމުންދާތީ ތުއްތު ކުއްޖާގެ މަންމައަށް ތަފާތު އެކި ފަހަރުމަތިން ކައުންސިލުން ނަސޭހަތްތެރިވި ކަމަށާއި މިފަދަ ހިތާމަވެރި ހާދިސާތައް އިތުރަށް ހިނގިޔަ ނުދިނުމަށް އިތުރަށް ފިޔަވަޅު އެޅުމުގެ ގޮތުން، ކައުންސިލަށް ކުރެވޭނެ މަސައްކަތްތަކަކީ ކޮބައިތޯ ބަލައި، މިކަމަށް އެކުލަވާލަންޖެހޭ އޮނިގަނޑުތަކާއި އުސޫލުތައް ބަލައި، އެ މަސައްކަތް ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން ރަށު ރައްޔިތުންނާ ދިވެހިންނަށް އަރުވާ ކަމަށެވެ.
ބޮޑެތި ޒަހަމް ތަކަކާއެކު "މަރާލާފައިވާ" އިބްތިހާލްގެ ހަށިގަނޑު އިތުރު ތަހުލީލުތައް ކުރުމަށް މާލެ ގެނެސްފައިވާއިރު އެރަށު ވ.ރަކީދޫ މީހުން ތުހުމަތު ކުރަނީ އެ ކުއްޖާ މަރާލީ އެ ކުއްޖާގެ މަންމަ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް