މާލޭގައި ހުރި ބޮންޑެޑް ވެއާހައުސް އަކުން ހަތް މިލިޔަނެއްހާ ސިނގިރޭޓު ގެއްލިއްޖެ

މާލޭގައި ހުންނަ ބޮންޑެޑް ވެއާހައުސް އަކުން ހަތް މިލިޔަނަށްވުރެ ގިނަ ސިނގިރޭޓު ގެއްލުނު މައްސަލައެއް ފެންމަތިވެއްޖެއެވެ. މިކަން އަދަދު ނޫހުގައި މިއަދު ރިޕޯޓްކޮށްފައިވާއިރު މިކަން ތަހުގީގީ އިދާރާތަކުގެ ...

28 Dec 2024 | 13:55

މާލޭގައި ހުންނަ ބޮންޑެޑް ވެއާހައުސް އަކުން ހަތް މިލިޔަނަށްވުރެ ގިނަ ސިނގިރޭޓު ގެއްލުނު މައްސަލައެއް ފެންމަތިވެއްޖެއެވެ.

މިކަން އަދަދު ނޫހުގައި މިއަދު ރިޕޯޓްކޮށްފައިވާއިރު މިކަން ތަހުގީގީ އިދާރާތަކުގެ ބެލެނިވެރި މިނިސްޓްރީ ކަމުގައިވާ ހޯމް މިނިސްޓްރީގެ މިނިސްޓަރު ދޮގުކުރައްވާފައެއް ނުވެއެވެ. އަދި އެކަން ހިނގާދިޔަ ގޮތް ކޮންމެވެސް ވަރަކަށް މިނިސްޓަރު ވަނީ ހިއްސާކުރައްވާފައެވެ.

އަދަދުގައި ރިޕޯޓްކޮށްފައިވާގޮތުގައި ގެއްލިގެން އުޅެނީ ރާއްޖޭގައި އާންމުކޮށް ބޭނުންކުރާ ތިން ބްރޭންޑެއްގެ ސިނގިރޭޓުގެ 575 ކޭހެވެ. އެއީ ކާޓަނުން ބަލާނަމަ 34،500 ކާޓަނެވެ. ވަކި ސިނގިރޭޓުން ބަލާނަމަ އެއީ ގާތްގަނޑަކަށް ހަތް މިލިޔަނެއްހާ ސިނގިރޭޓެވެ.

މިކަމާއި ގުޅޭގޮތުން މިނިސްޓަރު އަލީ އިހުސާން ވިދާޅުވެފައިވަނީ ޒަމާންތަކެއް ވަންދެން "ބޮންޑެޑް ވެއާހައުސް" ތައް މާލޭގެ އެކި ގެތަކުގަ އަދި އެޕާޓްމަންޓްތަކުގަ ހިންގަމުންގޮސްފައިވާއިރު އެތަންތަނުގައި ދެ ތަޅު ހަރުކޮށް އެއް ތަޅުގެ ތަޅުދަނޑި ބަލަހައްޓަނީ ކަސްޓަމްސްގެ ފަރާތުން ކަމަށެވެ.

ސިނގިރޭޓުތައް ގެއްލުނު ބޮންޑެޑް ވެއާހައުސްއަކީވެސް އެގޮތަށް ގެއެއްގައި ހަދާފައިހުރިތަނެއްކަން ފާހަގަކޮށް މިނިސްޓަރު ވިދާޅުވެފައިވަނީ ވެރިފަރާތުން ވެއާހައުސް ހިންގިތަން ދޫކޮށް އެތަނުގެ އެހެން މަސައްކަތެއް ކުރަމުން އަންނަކަމުގެ މައުލޫމާތު ކަސްޓްމްސްއަށް ލިބުމުން އެކަން ޔަގީންކޮށް އެ ވެއާހައުސްގައި ހުރިކަމަށް ކަސްޓްމަސްގެ ރެކޯޑްތަކުން ދައްކާ މުދަލަށް ޑިއުޓީ ދެއްކުމަށް އަންގާފައިވާނެކަމަށެވެ. (ބެލެވޭގޮތުގައި ސިނގިރޭޓުތައް ގެއްލުނުކަން އެނގުނީ އެހިސާބުންނެވެ).

"މިކަން ހިނގިގޮތް ބަލާ ގާނޫނީ ފިޔަވަޅު އެޅުމަށް ކަސްޓަމްސްއާއި ފުލުހން ދަނީ ތަހުގީގު ކުރަމުން" މިނިސްޓަރު ވިދާޅުވެފައިވެއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވެފައިވާގޮތުގައި މިގޮތަށް ގޭގެތަކުގައި ބޮންޑެޑް ވެއާހައުސް ހިންގުމަކީ ސަލާމަތީ ގޮތުން އަދި ކޮންޓްރޯލް ކުރުމަށް އެންމެ ރަނގަޅު ގޮތްކަމަށް ނުފެންނާތީ ބޮންޑެޑް ވެއާހައުސް ދެން ހިންގޭނީ ހަމައެކަނި ކަސްޓަމްސްގެ ފުލް ކޮންޓްރޯލް އޮންނަ ސަރަހައްދުތަކުގައި އެކަނި ކަމަށް ކަނޑައަޅައި އެ ސިޔާސަތު ސަރުކާރުން ތަންފީޒުކުރަން ފަށާފައިވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް