ހުޅުމާލޭގައި ފުޅާ ދާއިރާއެއްގައި ބޮގަރު (ރާއްޖޭގެ މާހައުލުގައި އަމިއްލައަށް އުފައްދާ ބަނގުރާ) އުފައްދައި އޭގެ ވިޔަފާރި ކުރަމުންދިޔަ ތިން ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.
މި ޑިސެންބަރު މަހުގެ 26 ވަނަ ދުވަހުގެރޭ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައިވަނީ އެމްޑީ އަހަންނާން (51އ) އާއި ތުހިންމިއާ (34އ) އާއި މުހައްމަދު ޝަޖަލާލް (33އ) އެވެ. މިތިން މީހުންނަކީވެސް ބަންގްލަދޭޝް ރައްޔިތުންނެވެ.
ފުލުހުން ބުނެފައިވާގޮތުގައި މި ތިން މީހުންގެ ތެރެއިން އެމްޑީ އަހަންނާން ހައްޔަރުކޮށްފައިވަނީ ހުޅުމާލެ ފޭސް ތިނަކުން ފޮށިގަނޑެއް ހިފައިގެން ދާތަން ފުލުހުންނަށް ފެނުމުން އޭނަގެ ހަރަކާތްތައް ބަލަމުންދަނިކޮށް ފޭސް ތިނެއްގެ އަތިރިމަތީގައި ފޮށިގަނޑު ފޮރުވުމަށްފަހު ދަނިކޮށެވެ. އަދި އޭނާ ހުއްޓުވަން އުޅުމުން ވަނީ މާރާމާރީ ހިންގައި ފުލުހުންނަށް ފިލަން މަސައްކަތް ކުރިކަމަށާއި އަދި އޭނާ ހައްޔަރުކޮށް، އަތިރިމަތީގައި އޭނާ ފޮރުވި ފޮށިގަނޑު ނަގައި ބަލައިފާސްކުރިއިރު ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 500 އެމްއެލްގެ 30 ފުޅި ފެނުނު ކަމަށާއި އަނެއް ދެމީހުން ހައްޔަރުކޮށްފައިވަނީ އެމީހުން އުޅެމުންދާ ސައިޓަށް ފުލުހުން ދިއުމުން ފުލުހުންނަށް ފިލަން މަސައްކަތްކުރަނިކޮށް ކަމުގައި ފުލުހުން ބުނެފައިވެއެވެ.
އެތިން މީހުން ހައްޔަރުކޮށް އެމީހުން މަސައްކަތްކުރާ ސައިޓުގެ ބަދިގެ ބަލައިފާސްކުރިއިރު އެވަގުތު ބަނގުރާ ކެއްކުމުގެ މަސައްކަތްކުރަމުންދިޔަކަން ވަނީ ފާހަގަކުރެވުނު ކަމަށާއި އަދި އެތަން ބަލައިފާސްކުރިއިރު ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 500 އެމްއެލްގެ 72 ފުޅިއާއި ބަނގުރާ ފުޅިއެއް ފެނިފައިވާކަމަށާއި މީގެއިތުރުން ބަދިގެ ތެރެއިން ބަނގުރާ ކެއްކުމަށް ބޭނުންކުރާ ތަކެތި ފެނިފައިވާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ބުނެފައިވާގޮތުގައި މިމައްސަލާގައި ހައްޔަރުކޮށްފައިވާ ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ 10 ދުވަހުގެ މުއްދަތެއް ދީފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް