މިފްކޯ ހިންގުމުގައި މަސްވެރިންގެ ދައުރު ފުޅާކުރުމަށް މިފްކޯގެ ބޯޑަށް މަސްވެރިއަކު އައްޔަންކުރުމަށް އިއުލާންކޮށްފިއެވެ.
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން މި އިއުލާންކޮށްފައި މިވަނީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މިފްކޯ ހިންގުމުގައި މަސްވެރިންގެ ދައުރު ފުޅާކުރުމުގެ ސިޔާސަތުގެ ދަށުންނެވެ.
މިފްކޯގެ ބޯޑުގައި މަސްވެރިން ތަމްސީލުކުރުމަށް ކުރިމަތިލައި އައްޔަންކުރާ މީހަކީ މަސްވެރިކަމުގައި މިހާރުވެސް ހަރަކާތްތެރިވާ، އުމުރުން 18 އަހަރުވެފައިވާ ދިވެހިރައްޔިތަކަށް ވާން ޖެހޭނެއެވެ. އަދި ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ، 12 މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް ތަންފީޒުކުރަމުންދާ މީހަކު ކަމުގައި ނުވުމާއި، އަދި ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ 12 މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް ކޮށްފައިވާ މީހަކު ނަމަ އެ ހުކުމެއް ތަންފީޒުކޮށް ނިމުނުތާ، ނުވަތަ އެ ހުކުމުން ކަނޑައެޅުނު އަދަބު މައާފުކުރެވުނުތާ 5 އަހަރު ވެފައިވާ މީހަކު ކަމުގައި ވާން ޖެހޭނެ ކަމަށް މަސްވެރިކަމާ ބެހޭ ވުޒާރާއިން ކުރި އިއުލާނުގައި ވެއެވެ.
އެ ވުޒާރާއިން ބުނީ މިފްކޯގެ ބޯޑުގައި މަސްވެރިން ތަމްސީލުކުރުމަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން، އެކަމަށް އެދި ހުށަހަޅާ ފޯމާއި، މަސްވެރިކަން ކުރާ ފަރާތެއްކަން ބަޔާންކުރާ ކައުންސިލްގެ ލިޔުމަކާއި، އައިޑީ ކާޑުގެ ކޮޕީއަކާއެކު 11 ޖެނުއަރީ 2024 ވަނަ ދުވަހުގެ މެންދުރު 13:30ގެ ކުރިން އެ ވުޒާރާއަށް ހުށަހަޅަން ޖެހޭނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް