ސަރުކާރާ ދެކޮޅަށް ހަބަރު ގެނެސްދޭ ދެ އޮންލައިން ނޫހެއް ބްލޮކް ކުރުމަށްފަހު، އާއްމުންގެ ފާޑުކިޔުން އަމާޒުވުމުން އެ ދެ ވެބްސައިޓް އަންބްލޮކް ކޮށްފިއެވެ.
މިގޮތުން، ސަރުކާރުން ބްލޮކްކޮށް ނުވަދެވޭގޮތް ހެދި އޮންލައިން ދެ ނޫހަކީ dhiyavaru.com އާއި kurushee.com އެވެ.
ވެބްސައިޓްތައް ބްލޮކް ކުރުމާ ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕޯކްސްޕާސަން މުޙައްމަދު ޝަހީބު ވިދާޅުވެފައިވަނީ ޤާނޫނާއި ޤަވާއިދުތަކުގެ ދަށުން ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ އެއްވެސް ނޫސް/މަޖައްލާއެއް ސަރުކާރުން ބްލޮކެއް ނުކުރާނެ ކަމަށެވެ. އަދި ނޫސްވެރިކަމުގެ މިނިވަންކަން އޭގެ އެންމެ ފުޅާ މިނުގައި ދެމެހެއްޓުން މި ސަރުކާރުން ކަށަވަރު ކުރާނެ ކަމުގެ ޔަގީންކަން ޝަހީބު ވަނީ އަރުވާފައެވެ.
ސަރުކާރުގެ އެ ނިންމުމާ ގުޅިގެން ވަރަށް ގިނަ ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށް، އެ އަމަލު ހަރުކަށި އިބާރާތުން ކުށްވެރިކުރަމުން ދިޔައެވެ. އެގޮތުން ސިޔާސީ ޕާޓީތަކާއި، ނޫސްވެރިންގެ ޖަމިއްޔާ އެމްޖީއޭ އާއި، ޓްރާންސްޕޭރެންސީ މޯލްޑިވްސް އާއި، ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ވަކާލާތުކުރާ ބޭފުޅުން ހިމެނެއެވެ.
އެ ދެ ވެބްސައިޓް މިއަދު އަންބްލޮކް ކޮށްފައިވަނީ އެ މައްސަލައާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ފޮނުވާފައިވަނިކޮށެވެ. މި މައްސަލަ ހުށަހަޅާފައިވަނީ ވެލިދޫ ދާއިރާގެ މެމްބަރު މުޙައްމަދު އަބްދުﷲ ޝަފީޤުއެވެ.
ދެ ވެބްސައިޓް އަންބްލޮކް ކުރުމާ ގުޅޭ ގޮތުން ނޫސްވެރިންގެ ޖަމިއްޔާ، އެމްޖީއޭ އިން ބުނީ އެ ޖަމްއިއްޔާ އާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ދިފާއުގައި މަސައްކަތް ކުރާ އެހެންވެސް ފަރާތްތަކުގެ ގޮވާލުންތަކަށް އިޖާބަދީ ސަރުކާރާ ދެކޮޅަށް ކޮންޓެންޓް ގެނެސްދެމުން ދިޔަ 2 ވެބްސައިޓް ބްލޮކްކޮށްފައި އޮތް އޮތުން ސަރުކާރުން މިއަދު ނިމުމަކަށް ގެނެސްފައި ވާތީ އެކަން ފާހަގަ ކުރާކަމަށާއި އެއީ ހެޔޮ ފާލެއް ކަމަށް އެ ޖަމްއިއްޔާއިން ދެކޭ ކަމަށެވެ.
އަދި ސަރުކާރުން ވަނީ އިންޓަނެޓް ސެންސަޝިޕްގެ ބާރު މިހާރު ބޭނުން ކުރަމުން ދާ ގޮތަށް ކުރިއަށް އޮތްތަނުގައި ބޭނުން ނުކުރާނޭ ކަމުގެ ޔަގީންކަން ދީފައިކަން ވެސް އެމްޖީއޭ އިން ފާހަގަކުރިއެވެ. އެހެން ނަމަވެސް ސަރުކާރުން އަދިވެސް ބަންދުކޮށްފައި ހުރި ވެބްސައިޓްތަކާއި އެ ސައިޓްތައް ބަންދުކުރި ސަބަބުތައް ހާމަކޮށްފައި ނުވާއިރު، މިހާތަނަށް ބްލޮކްކޮށްފައި ހުރި ސައިޓްތަކާއި އެ ސައިޓްތައް ބުލޮކްކޮށްފައި ހުރި ސަބަބުތައް ހާމަކުރުމަށް އެމްޖީއޭ އިން ވަނީ ސަރުކާރަށް ގޮވާލާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް