ޚަބަރާއި ރިޕޯޓު އަދި އެ ޒާތުގެ ލިޔުންތައް ލިޔެ ޝާއިޢުކުރަމުންދިޔަ ދެ ވެބްސައިޓެއް ސަރުކާރުން ބްލޮކްކުރި މައްސަލަ ކުއްލި މައްސަލައެއްގެގޮތުގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
ކުއްލި މި މައްސަލަ މިއަދުގެ ޖަލްސާގައި ހުށަހަޅާފައިވަނީ ވެލިދޫ ދާއިރާގެ މެންވަރު މުހައްމަދު އަބްދުﷲ ޝަފީގެވެ.
މައްސަލަ ހުށަހަޅުއްވަމުން އޭނާ ވިދާޅުވީ އެ މައްސަލަ ހުށަހަޅަނީ އޮންލައިންކޮށް ޚަބަރާއި މަޢުލޫމާތު ފަތުރަމުންދިޔަ ބައެއް ވެބްސައިޓްތައް ބްލޮކްކޮށް ރާއްޖެއިން ނުވަދެވޭގޮތް ހަދަމުންދާއިރު، ސަރުކާރުގެ މި އަމަލަކީ ގާނޫނު އަސާސީއާއި ހިލާފު އަދި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް އެޅޭގޮތަށް އަދި ނޫސްވެރިންނާ ނޫސްތަކަށާ ޖުމްލަގޮތެއްގައި ދިވެހި ރައްޔިތުންނަށް ދީފައިވާ އިންޒާރެއްގެ ގޮތުގައި ދެކޭކަމަށެވެ. އަދި ޑިމޮކްރަސީއާ ބީރަށްޓެރި މި އަމަލުގެ ސަބަބުން ރާއްޖޭގެ ޑިމޮކްރަސީ ހަޔާތުގައި އެތައް އަހަރެއް ފަހަތަށް ސޮއްސާލައިގެންދާފަދަ ބިރުވެރި ނިންމުމެއްގެ ގޮތުގައި ސިފަކުރެވޭ ކަމަށެވެ.
ނޫސްވެރިންނަށާ ނޫސްތަކަށް ބިރުދެއްކުމުގެ ގޮތުން ސަރުކާރުން މިހާރު ފަށާފައިވާ ވެބްސައިޓްތައް ބްލޮކް ކުރުމުގެ ސިލްސިލާ މިހާރުން މިހާރަށް ހުއްޓާލުމަށާ، ގާނޫނު އަސާސީން ލިބިދޭ ހައްގުތައް އެންމެ ފުރިހަމަޔަށް ކަށަވަރު ކުރުމަށް ކުއްލި އެ މައްސަލައިގާ ގޮވާލާފައިވެއެވެ.
ކުއްލި އެ މައްސަލަ ބަހުސްކުރަން ފެނޭތޯ ރިޔާސަތުން ވޯޓަކަށް އެހުމުން ހާޒިރުވެތިއްބެވި 36 މެމްބަރުންގެ ތެރެއިން 32 މެންބަރަކު އެ ވޯޓުގައި ބައިވެރިވެ ފެންނަކަމަށް 36 މެންބަރަކު ވޯޓު ދެއްވުމުން ބަހުސް ކުރިޔަށް ގެންދަން ފެންނަކަމަށް ރިޔާސަތުން ނިންމައި، މިހާރު އަންނަނީ މަޖިލީހުގެ ތަޅުމުގައި އެ މައްސަލައަށް ބަހުސް ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް