އެއްވެ އުޅުމުގެ ޤާނޫނު ފާސްނުވެގެން އުޅެނީ ސަރުކާރުން ބޭނުން ނުވާތީ: އުޝާމް

އެއްވެއުޅުމުގެ ޤާނޫނު ފާސްނުވެގެން އުޅެނީ މިސަރުކާރުން އެކަންކުރަން ބޭނުންނުވާތީވެ، ކަމަށް ވިލިމާލެ ދާއިރާގެ މަޖިލިސް މެންބަރު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ. އުޝާމް މިހެން ވިދާޅުވީ، މިއަދު ބޭއްވި ނ...

28 Dec 2022 | 17:57

އެއްވެއުޅުމުގެ ޤާނޫނު ފާސްނުވެގެން އުޅެނީ މިސަރުކާރުން އެކަންކުރަން ބޭނުންނުވާތީވެ، ކަމަށް ވިލިމާލެ ދާއިރާގެ މަޖިލިސް މެންބަރު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.

އުޝާމް މިހެން ވިދާޅުވީ، މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުރީގެ ރައީސް ޔާމީން ޢަބްދުލް ޤައްޔޫމްގެ ވެރިކަމުގައި އެއްވެ އުޅުމުގެ މިނިވަންކަމާގުޅޭ ޤާނޫނަށް ގެނައި ހަރުކަށި ކަންކަން ދޫކޮށްލަން ޤާނޫނު އިސްލާހު ކުރެވޭނީ ރައްޔިތުންގެ މަޖިލީހުން އެ ޤާނޫނު ފާސްކޮށްދިނުމުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވުމާއި ގުޅިގެންނެވެ.

އަދި މަޖިލީހުން އެބިލު ފާސްކޮށްދީފިނަމަ އެ ބިލް ތަސްދީގު ކުރައްވާނެ ކަމަށް ރައީސް ވިދާޅުވެފައި ވެއެވެ.

އެގޮތުން ރައީސްގެ މި ވާހަކަފުޅަށް އިޝާރަތްކުރައްވާ އުޝާމް ކުރި ޓްވީޓެއްގައި ވިދާޅުވީ، އެ ވާހަކަ އެ ދައްކަވަނީ ރައްޔިތުންނަށް ކަންކަން އޮޅުވާލުމަށް ކަމަށެވެ.

އަދި މިހާތަނަށް 19ވަނަ މަޖިލީހުގައި ކަންހިނގާފައި އޮތްގޮތަށް ބަލާއިރު މިސަރުކާރުން ބޭނުންވާ ކޮންމެކަމެއް ކޮންމެ ވަގުތެއްގައިވެސް ވަނީ ކޮށްފައި ކަމަށެވެ.

މީގެ އިތުރުން، އެއްވެއުޅުމުގެ ޤާނޫނު ފާސްނުވެގެން އުޅެނީ މިސަރުކާރުން އެކަންކުރަން ބޭނުންނުވާތީ ކަމަށް އުޝާމްގެ ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.

ކުރީގެ ރައީސް ޔާމީން ޢަބްދުލް ޤައްޔޫމްގެ ވެރިކަމުގައި އެއްވެ އުޅުމުގެ މިނިވަންކަމާގުޅޭ ގާނޫނަށް ގެނައި ހަރުކަށި ކަންކަން ދޫކޮށްލަން ޤާނޫނު އިސްލާހު ކުރުމަކީ ރައީސް ޞާލިޙްގެ ރިޔާސީ ވަޢުދުފުޅެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް