ރިޔާސީ އިންތިހާބާއި ހަމައަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދަތުރުކޮށްފިނަމަ ލިބިލައްވާނީ އެންމެ 20 އިންސައްތަ ކަމުގައި ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ ރިޔާސީ އިންތިހާބަށް އެމްޑީޕީގެ ޓިކެޓު ހޯދުމަށް ވާދަކުރެއްވުމަށްފަހު މިރޭ ބާއްވަމުންގެންދަވާ ކެމްޕޭނު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތުން ވަރަށް ޖޯޝާއި ފޯރީގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ޕްރައިމަރީގައި ރައީސް ސޯލިހް ހޮވިއްޖެނަމަ ރިޔާސީ އިންތިހާބުގައި އެމްޑީޕީއަށް ލިބޭނެ ވޯޓު މަދުވާނެކަން ސާފު ކަމަށެވެ.
"އެހެން ވެއްޖެނަމަ ރިޔާސީ އިންތިހާބުގައި އެމްޑީޕީއަށް ލިބޭނެ ވޯޓުގެ މިންވަރު ވަރަށް މަދުވާނެ" ރައީސް ނަޝީދު ވިދާޅުވިއެވެ.
އެ މޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން ރައީސް ނަޝީދު ވިދާޅުވީ ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި މަދު ބޭފުޅުންކޮޅަކާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ކުންފުނިތަކުގެ ވަޒީފާގައި ތިބި ބަޔަކު ފިޔަވާ އިތުރު ބަޔަކު ރައީސް ސޯލިހަށް ވޯޓު ނުދޭނެކަމަށެވެ. އަދި ރައީސް ސޯލިހާއި ގާތް ތިމާގެބޭފުޅުންނާއި ރައްޓެހިންވެސް ތިބީ ސާފުބަހުން ނުދޭނަމޭ ބުނެގެންކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ ރައީސް ސޯލިހާއި ރައީސް ސޯލިހްގެ ޓީމުން މިދިޔަ ފަސް އަހަރު މަސައްކަތްކުރީ އެމަނިކުފާނާއި ޕާޓީގެ މެންބަރުން ބާކީކޮށް އެ ޕާޓީގެ ލޯގޯއާއި ނިޝާނާއި ކުލައާއި ޖޯޝު ބޭނުންކޮށްގެން 39 ހާސް މެންބަރުން ވަކިކޮށް އެ ޕާޓީ އެހެން ޕާޓީއަކަށް ބަދަލުކޮށްލުމަށް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް