މިދިޔަ އޮގަސްޓު މަހު ފުވައްމުލަކު ސިޓީއަށް ނިސްބަތްވާ ޝިއާއު ސައީދު މަރާލި މައްސަލައިގަ ހައްޔަރު ކޮށްފައި ހުރި އޭނާގެ ލޯބިވެރިޔާ ފ. ނިލަންދޫ ފިނިފެންމާގޭ އަލީ ޝާހިލްގެ މައްޗަށް އުފުލައިފި އެވެ.
ޝިއާއު މަރާލީ އޮގަސްޓް ހަވަނަ ދުވަހުގެ ރޭ ހެންވޭރު ގެއެއްގެ އެޕާޓްމެންޓެއްގެ ތެރޭގައި އެވެ. މި މައްސަލައިގަ ޝިއާއު މަރާލި ކަމުގެ ތުހުމަތުގައި ޝާހިލް ހައްޔަރު ކުރީ ކުށުގެ ވެށިންނެވެ.
ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓަރު އަދި މީޑިއާ އޮފިޝަލް އަހުމަދު ޝަފީއު ވިދާޅުވީ ޝާހިލްގެ މައްޗަށް ފަސް ދައުވާއެއް އުފުލާފައިވާ ކަމަށެވެ. އެ ދައުވާތަށް ކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހެޅީ މިއަދު ކަމަށް ވިދާޅުވި އެވެ.
އޭގެ ތެރޭގައި ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ 5 ވަނަ މާއްދާގެ ދަށުން ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާ ހިމެނެ އެވެ. ދެން އުފުލާފައިވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނަބިސް ބޭނުން ކުރުމާއި އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާ އެވެ.
ދެން ކޮށްފައިވާ ދެ ދައުވާގެ ތަފްސީ،ލް ހާމައެއް ނުކުރެ އެވެ. ޝަފީއު ވިދާޅުވީ އެ ދައުުވާތައް ހާމަ ނުކުރަނީ ޝިއާއުގެ އާއިލާއަށް އިހުތިރާމް ކުރުމުގެ ގޮތުން ކަމަށް ވިދާޅުވި އެވެ.
މި މައްސަލައިގަ ފުލުހުން ބުނީ ތަހުގީގަށް ޝާހިލްގެ ފަރާތުން އެއްބާރުލުން ލިބިފައި ނުވާ ކަމަށެވެ. އެކަމަކު ޝިއާއު މަރާލީ ޝާހިލްކަން ސާބިތު ކުރެވޭ ވަރަށް އޭނާ އާއި ދެކޮޅަށް ހެކި ލިބިފައިވާ ކަމަށެވެ.
ފުލުހުން ތުހުމަތު ކުރާ ގޮތުގައި ޝިއާއު މަރާލިރޭ ޝާހިލް ހައްޔަރު ކުރި އިރު ހުރީ މަސްތުގެ ހާލަތުގައި އެވެ. އަދި އޭނާގެ ނަފްސާނީ މައްސަލަތަކެއް ހުރި ކަމަށް ބުނާ ވާހަކަވެސް ފުލުހުން ދޮގު ކުރި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް