ވާހަކަ ދައްކާށެވެ! ދުނިޔޭގައި ބުއްދިއާއެކު ވާހަކަ ދެއްކޭ ހަމައެކަނި މަޙުލޫގަކީ އިންސާނުންނެއް ނޫންހެއްޔެ؟

އަޅުގަނޑުމެންނަކީ އިންސާނުންނެވެ. ވާހަކަދައްކައި ޙިޔާލު ބަދަލުކުރަންވާނެއެވެ. މާތް اللّٰه ތަޢާލާ އިންސާނުންނަށް ދެއްވި ވާހަކަދައްކައި ޙިޔާލު ބަދަލުކުރުމުގެ ބާރަކީވެސް ނިޢުމަތެއްކަމުގައިދެކި ހެޔޮ ގޮތުގ...

28 Dec 2022 | 13:57

އަޅުގަނޑުމެންނަކީ އިންސާނުންނެވެ. ވާހަކަދައްކައި ޙިޔާލު ބަދަލުކުރަންވާނެއެވެ. މާތް اللّٰه ތަޢާލާ އިންސާނުންނަށް ދެއްވި ވާހަކަދައްކައި ޙިޔާލު ބަދަލުކުރުމުގެ ބާރަކީވެސް ނިޢުމަތެއްކަމުގައިދެކި ހެޔޮ ގޮތުގައި އެކަކު އަނެކަކާއި  ރަނގަޅަށް ވާހަކަ ދައްކަންވާނެއެވެ. ދެރަވާ ވަގުތުގައި ހިތްވަރުގެ ބަހަކުންނެވެ. އުފާވެރި ވަގުތު ތަކުގައި ފަޙުރާއި އުފަލާއެކުގައެވެ. ހިތްހަމަނުޖެހޭ ހާލަތްތަކުގައި އެކަމެއް ހައްލު ކުރުމުގެ ބޭނުމުގައެވެ. އެކަކު އަނެކަކާއި އެކު ވާކަމުގެ އިހްސާސް ކޮށްދިނުމަށެވެ. ދިރިއުޅުމުގެ ހާލަތު ދެނެގަނެ  ދުނިޔޭގެ ހަޔާތްފަސޭހަކުރުމަށްޓަކައެވެ.

ވާހަކަ ދައްކަށް ލިބިފަ އޮތް ކުޅަދާނަ ކަމުގެ ބޭނުން ހިފުމަށްވެސް ވާހަކަދައްކަންވާނެވެ. ބުއްދިއަކީ ދުނިޔޭގެ އެހެން މަޙްލޫގުންނަށް ނުލިބި ހަމައެކަނި އިންސާނުންނަށް މާތްاللّٰه ތަޢާލާ ދެއްވި ނިޢުމަތެކެވެ. ރަނގަޅު ވިސްނުމާއެކު އިސްލާމް ދީނުގައި އޮންނަ ސުލޫކުގެ ތެރެއިން އެކަކު އަނެކަކާއި މުއާމަލާތު ކުރާށެވެ. އެގޮތުން ދީނުގައި ނަހީކުރައްވާފައިވާޢީބަ ބުނުމާއި ދެބައޮޑުވުމާއި ނެތިމޮށުންތަކުން ވާހަކަދެއްކުމުގައި ދުރުހެލި ވާންވާނެއެވެ.

ދިރިއުޅުމަކީ ވަގުތީ ތަނެއްކަމުން މައްސަލަތައް ހައްލުކުރެވޭތޯ ވާހަކަ ދައްކާށެވެ. އެގޮތުން ކޮންމެ މީހެއްގެވެސް ވާހަކައެއް އެމީހެއްގެ ކޮޅުން އެކަމެއް ދިމާވި ގޮތުގެ އުޒުރު ހޯދުމަށްވާހަކަ ދައްކާށެވެ.  ދުވަސްތައް ރުޅި އާއި ނަފްރަތުގައި ހިތްހަމަނުޖެހުމާއި ދެބަސްވުންތަކުގައި ހޭދަ ނުކުރާށެވެ. ކޮންމެ އުމުރެއްގެ ކޮންމެ ހައިސިއްޔަތެއްގެ މީހެއް ނަމަވެސް ބޭނުންތެރި ވާހަކަތަކެއް ދެއްކުމުން އެތައް ކަންކަމެއްގެ ހައްލު ލިބިގެންދާނެއެވެ. އެތައް ކަމެއް ވިސްނިގެންދާނެއެވެ. އުމުރަށް ލިބިގެންދާނެ އެތައް ފިލާޥަޅުތަކެއް ކަމުގައިވެގެންދާނެއެވެ.

ވާހަކަ ދައްކަންވާނީ އޮގާތެރިކަމާއި އެކުގައެވެ. އަލަށް ފެންނަ މީހެއްކަމުގައިވީނަމަވެސް ރަނގަޅު ހެޔޮ ބަހެއް ބުނާށެވެ. ކީރިތި ރަސޫލާގެ ސުންނަތުން މިސާލު ހޯދައިގެންނެވެ. އަދި އެކަކު އަނެކަކަށް ރިވެތި ކޮށް ބޭނުންތެރިކޮށް މުއާމަލާތު ކުރާށެވެ. ވާހަކަ ދެއްކުމަކީ ގުޅުންތައް ބަދަހިކުރުމުގެ ހަތިޔާރު ކަމުގައި ދެކި ބޭނުންކޮށްގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް