ކަނޑުގެ ދިރުން ތަކަށް ކާން ދިނުމަކީ ބޮޑު ގޯހެއް ކަމަށާއި އެކަމުގެ ސަބަބުން ޤުދުރަތީ ނިޒާމަށް ބަދަލު އައިސް، ކުރިން ނުފެންނަހާ ކައިރިން "ފެމުނު ފަދަ ނުރައްކާތެރި ކަނޑުގެ ދިރުންތައް ފެންނަން ފަށާފައިވާ" ކަމަށް އެންވަޔަރްމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނެފިއެވެ.
އީޕީއޭ އިން މިކަން ހާމަކޮށްފައި ވަނީ ރާއްޖެ ޓީވީގެ "ފަލަ ސުރުހީ" ޕްރޮފްރާމްގައި ރޭގެ ވަގުތެއްގައި އީޕީއޭގެ ޑިރެކްޓަރް ޖެނެރަލް އިބްރާހީމް ނައީމް ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތުން ނައީމް ވިދާޅުވީ ފެމުނަކީ އިންސާނަކަށް ވަރަށް ނުރައްކާތެރި ހަމަލާއެއް ދީފާނެ ބާވަތެއް ކަމަށެވެ.
އަދި އާއްމުކޮށް ކާން އަޅާ ވަރަށް ގިނަ ތަންތަނުން މިހާރު ފެމުނު (ޓައިގާ ޝާކް) އާއްމުކޮށް ފެންނަން ފަށާފައިވާ ކަމަށާއި
ފެމުނު ތިލަވަނީ ކާން އަޅާ ތަންތަނަށް ކަމަށް ވާއިރު، އާއްމުކޮށް ކާން އަޅާ ތަނަކަށް ކާން ނާޅާ ދުވަހު، (އެތަނަށް އަންނަ) ފެމުނުގެ ކަންތައް ހުންނާނީ ކިހިނެތްތޯ، އެއީ ބަލައިލަން ޖެހޭ ކަމެއް ކަމަށް ވެސް ނައީމް ވިދާޅުވެފައި ވެއެވެ.
ނައީމް ވިދާޅުވީ ކަނޑުގެ ދިރުން ތަކަށް ކާންދޭ މީހުން އެ ދިރުން ތަކަށް ކާން ދެމުން ދަނީ އޭއްޗިއްސަށް ދީގެންވާނެ ތަކެއްޗެއްވެސް ނޫން ކަމަށެވެ.
އަދި ކާން ދިނުމުގެ މައްސަލައިގައި އީޕީއޭއިން ކަންބޮޑުވަނީ މިގޮތަށް ކަންތައް ކުރުމުން ދިރުންތަކުގެ އުޅުމަށް ބަދަލު އަންނާނެތީވެ އާއި އެތަކެތީގެ ސިއްހަތަށް ވެސް އޭގެ ގެއްލުން ވާނެތީކަމަށް ނައީމް ވިދާޅުވެފައި ވެއެވެ.
ދިރުން ތަކުގައި، ގުދުރަތީ ގޮތުން ހުންނަ ޝިކާރަކުރުމުގެ ހުނަރު ވެސް އެ ދިރުންތަކަށް ގެއްލި، ފަލެވެ، ކާންދޭ ހިސާބުތަކުގައި އުޅޭ މިޔަރުތައް ވެސް މިހާރު ތިބެނީ އިންސާނުން ތިބޭ ގޮތަށް ފަލަވެފައި ކަމަށް ނައީމް ފާހަގަކުރައްވާފައި ވެއެވެ.
މީގެ އިތުރުން، ކަނޑުގެ ދިރުންތައް ބަލަން އެއް ފަހަރާ އެތައް ބަޔަކު އެއްވާތީ އެކަމާ ވެސް ނައީމް ވަނީ ކަންބޮޑުވުން ފާޅުކުރައްވާ، އެގޮތަށް ކަންތައް ކުރާނަމަ އެ ބާވަތްތައް ނުފެންނަން ފެށުމަކީ ވެސް އޮތް ކަންބޮޑުވުމެއް ކަމުގައި ވިދާޅުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް