އިދިކޮޅު މުޒާހަރާއިން ރޭ ހައްޔަރު ކުރި 19 މީހަކު ދޫކޮށްލައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމް ކުރުމާއި ގުޅިގެން އިދިކޮޅު ކޯލިޝަނުން މާލޭގައި ކޮންމެ ރެއަކު ކުރަމުންދާ މުޒާހަރާތަކުން ރޭ ހައްޔަރު ކުރި ގިނަ މީހުން ދޫކޮށްލައިފި އެވެ....

28 Dec 2022 | 05:37

ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމް ކުރުމާއި ގުޅިގެން އިދިކޮޅު ކޯލިޝަނުން މާލޭގައި ކޮންމެ ރެއަކު ކުރަމުންދާ މުޒާހަރާތަކުން ރޭ ހައްޔަރު ކުރި ގިނަ މީހުން ދޫކޮށްލައިފި އެވެ.

ޔާމީންގެ މައްޗަށް ދައުލަތުން އުފުލީ ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ބޭނުން ކުރުމާއި މަނީ ލޯންޑަރިންގެ ދައުވާ އެވެ. މި ދައުވާތަށް ސާބިތުވެ މިމަހުގެ 25 ވަނަ ދުވަހު އެމަނިކުފާނު 11 އަހަރަށް ޖަލަށް ލައި ފަސް މިލިއަން ޑޮލަރުން ވަނީ ޖޫރިމަނާކޮށްފައި އެވެ.

މި ހުކުމާއި އެކު ކުރަމުންދާ މުޒާހަރާތަކުން ރޭ21 މީހަކު ހައްޔަރު ކުރި އެވެ.

ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ އޭގެ ތެރެއިން ދެ މީހަކު ފިޔަވާ އެންމެން ދޫކޮށްލާފައިވާ ކަމަށެވެ. ފުލުހުންގެ ހައްޔަރުގައި ތިބި ދެމީހުން ދޫނުކޮށްލި ސަބަބު އަދި ނޭނގެ އެވެ.

ރޭގެ މުޒާހަރާއިން މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދުވެސް ހައްޔަރު ކުރި އެވެ. އެކަމަކު މާގިނަ އިރެއް ނުވެ އޭނާ ދޫކޮށްލި އެވެ.

އިދިކޮ÷ު ޕީޕީއެމް/ ޕީއެންސީން ސިލްސިލާކޮށް ކުރަމުންދާ މުޒާހަރާތަކުގައި ކޮންމެ ރެއަކަކުވެސް10ށްވުރެ ގިނަ މީހުން ހައްޔަރު ކުރެ އެވެ. އެކަމަކު މުޒާހަރާ ހުއްޓާލުމުން ދަންވަރުގެ ވަގުތުގައި އެ ހުރިހާ އެންމެން ކޮންމެ ދުވަހަކު ދޫކޮށްލަ އެވެ.

އިދިކޮޅުން ކުރަމުންދާ މުޒާހަރާތަކުގައި ގޮވާލަނީ އެމަނިކުފާނު މިނިވަން ކުރުމަށެވެ. އަދި ޔާމީނަށް އިއްވި ހުކުމަކީ ގާނޫނު އަސާސީ އާއި ހިލާފު، ހަރާމް ހުކުމެއް ކަމަށެވެ.

ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުން ވަނީ އެ ހުކުމް އިސްތިއުނާފު ކުރަން ނިންމާފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް