އިންޑިއާގެ ކަނޑުގެ ސަރަހައްދުން ހަތިޔާރާއި ޑްރަގް އުފުލި ޕާކިސްތާނު މަސް ބޯޓެއް އަތުލައިގެންފި އެވެ.
އިންޑިއާ ކޯސްޓްގާޑުން ނެރުނު ބަޔާނެއްގައި ބުނެފައިވާގޮތުގައި އެ ބޯޓު ހިފެހެއްޓީ އެ ގައުމުގެ ގުޖުރާތުގެ ކަނޑުގެ ސަރަހައްދުންނެވެ. އެ އޮޕަރޭޝަނަކީ ދުރާލާ ލިބުނު މައުލޫމާތަކާއި ގުޅިގެން ގުޖުރާތު އެންޓީ ޓެރަރިޒަމް ޑިޕާޓްމެންޓުން ހިންގި އޮޕަރޭޝަނެއް ކަމަށް ބުންޏެވެ.
މި އޮޕަރޭޝަންގައި އެ ބޯޓުގައި ދަތުރު ކުރި ޕާކިސްތާނުގެ 10 މީހަކު ހައްޔަރު ކޮށްފައިވެ އެވެ. އަދި ހަ ފިސްޓޯލާއި 120 ވަޒަން އަތުލައިގަތެވެ.
މީގެ އިތުރުން މަސްތުވާތަކެތީގެ އެކި ވައްތަރުތަކުގެ 40 ކިލޯ އަތުލައިގަތެވެ. މި ތަކެތީގެ މަގުމަތީ އަގު 36.2 މިލިއަން އެމެރިކާ ޑޮލަރަށް އަރާނެ ކަމަށް ލަފާ ކުރެ އެވެ.
އެ ބޯޓު ހުއްޓުވަން މަސައްކަތް ކުރުމުން ނުހުއްޓާ ދަތުރު ކުރަމުން ދިޔަ ކަމަށާއި އިންޒާރު ދިނުމުގެ ގޮތުން ވައިގެ ތެރެއަށް ބަޑި ޖެހުމުންވެސް ފުރަތަމަ ބޯޓު ހުއްޓާފައި ނުވާ ކަމަށް ކޯސްޓްގާޑުން ބުނެފައިވެ އެވެ.
ގުޖުރާތު ކޯސްޓްގާޑުން ބުނީ މިއީ މިދިޔަ 18 މަސް ތެރޭގައި އެ ސްޓޭޓްގެ ކޯސްޓްގާޑުން ހިންގި މިފަދަ ހަތް ވަނަ އޮޕަރޭޝަން ކަމަށެވެ.
މިދިޔަ 18 މަސް ދުވަސްތެރޭގައި ހިންގި އޮޕަރޭޝަންތަކުގައި މަސްތުވާތަކެތި އުފުލި ޕާކިސްތާނުގެ 44 މީހުންނާއި އީރާންގެ ހަތް މީހަކު ހައްޔަރު ކޮށްފައިވެ އެވެ. އަދި އެ މައްސަލަތަކުގައި 233 މިލިއަން ޑޮލަރުގެ ހެރޮއިން އަތުލައިގެންފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް