ޗައިނާ ހުޅުވާލާކަން އިއުލާނު ކުރުމާއި އެކު ޓްރެވަލް ސައިޓުތަކަށް ބާރު ބޮޑުވެއްޖެ

ޗައިނާ ބޯޑަރު ހުޅުވާލާކަން އިއުލާނު ކުރުމާއި އެކު އެ ގައުމުގެ ޓްރެވަލް ވެބްސައިޓުތަކަށް ބާރު ބޮޑުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ. ޗައިނާގެ މައި ސަރުކާރުން ބުނީ އަންނަ މަހުގެ އަށް ވަނަ ދުވަހު އެ...

28 Dec 2022 | 03:27

ޗައިނާ ބޯޑަރު ހުޅުވާލާކަން އިއުލާނު ކުރުމާއި އެކު އެ ގައުމުގެ ޓްރެވަލް ވެބްސައިޓުތަކަށް ބާރު ބޮޑުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

ޗައިނާގެ މައި ސަރުކާރުން ބުނީ އަންނަ މަހުގެ އަށް ވަނަ ދުވަހު އެ ގައުމުގެ ބޯޑަރު ހުޅުވާލާނެ ކަމަށެވެ. ކޯވިޑް-19 ގެ ހާލަތާއި ގުޅިގެން އެގައުމުގެ ބޯޑަރު ބަންދުކޮށްފައި އޮންނަތާ ތިން އަހަރު ވެއްޖެ އެވެ.

ބައެއް ޓްރެވަލް ވެބްސައިޓުތަކާއި ހަވާލާދީ މީޑިއާގައި ރިޕޯޓުކޮށްފައިވާގޮތުގައި ޗައިނާ ސަރުކާރުގެ އިއުލާނާއި އެކު އެމީހުންގެ ސައިޓުތަކަށް ބާރު ބޮޑުވެ، ސައިޓަށް ނުވަދެވޭ ކަމުގެ ޝަކުވާ މީހުން ކުރާ ކަމަށެވެ. ޗައިނާއިން ބޭރަށް ޗުއްޓީއަށް ދާން ބޭނުންވެފައިވާ އެތައް ހާސް މީހުން އެ ގައުމުގައި އެބަތިއްބެވެ.

ޗައިނާ ހުޅުވާލި ނަމަވެސް އެ ގައުމުގެ ދަތުރުވެރިންނަށް އޮތް އެންމެ ބޮޑު ހުރަހަކީ ކޯވިޑްގެ ސަބަބުން ގިނަ ގައުމުތަކަށް ޗައިނާ ޓޫރިސްޓުންނަށް އެތެރެވޭނެ ގޮތެއް ނެތުމުންނެވެ.

އެގޮޮތުން ޗައިނާ މީހުން އެންމެ ގިނައިން ޗުއްޓީއަށްދާ ޖަޕާނުން ވަނީ ޗައިނާ ހުޅުވާލާނެކަން އިއުލާނު ކުރުމާއި އެކު ގަވައިދުތަކެއް އާންމުކޮށްފައި އެވެ އެގޮތުން ޗައިނާ ޓޫރިސްޓުން އަތުގައި ނެގެޓިވް ޕީސީއާރު ޓެސްޓު ނަތީޖާއެއް ނުހިފާ ގޮސްފި ނަމަ ހަތް ދުވަހަށް ކަރަންޓީން ވާން ޖެހޭނެ ކަމަށް ބުނެފައިވެ އެވެ.

އިންޑިއާއިންވެސް ވަނީ ޗައިނާ ޓޫރިސްޓުން އެތެރެވާއިރު ޕީސީއާރު ނެގެޓިވް ޓެސްޓެއް އޮތުން މަޖުބޫރު ކޮށްފައި އެވެ.

ޗައިނާގައި ޒީރޯ ކޯވިޑް ޕޮލިސީއަށް ލުއިދީ ގައުމު ހުޅުވާލަން ނިންމީ ހުއްޓުމެއް ނެތި ރައްޔިތުން ކުރި މުޒާހަރާތަކައި ގުޅިގެން މަޖުބޫރީ ހާލަތުގައި އެވެ. އެމީހުންގެ މުޒާހަރާތަކުގައި ގޮވަމުން ދިޔައީ އެ ޕޮލިސީގެ ސަބަބުން ވިޔަފާރިތަކާއި ފެކްޓްރީތައް ބަންދު ކުރަން ޖެހުމުން ރައްޔިތުންގެ އާމްދަނީއަށް އޭގެ އަސަރު ކުރަމުންދާ ކަމަށެވެ.

އެކަމަކު ފިޔަވަޅުތަކަށް ލުއިދޭން ފެށުމާއި އެކު ޗައިނާގެ ކޯވިޑް ހާލަތު ވަނީ ގޯސްވާން ފަށާފައި އެވެ. ބައެއް ސަރަހައްދުތަކުގެ ހޮސްޕިޓަލްތައް ފުރެމުންދާއިރު މިހާރު ޗައިނާއިން ދުވާލަކު ހާހެއްހާ މީހުންނަށް ބަލި ޖެހޭ ކަމަށްވެ އެވެ.

މިފަދަ ހާލަތެއްގައި ބޯޑަރު ހުޅުވާތީ ސިއްހީ ތަޖުރިބާކާރުން ވަނީ ހިތްހަމަ ނުޖެހުން ފާޅު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް