ޕްރިމިއާ ލީގު: ނޮޓިންހަމް ބަލިކޮށް ޔުނައިޓެޑް ގަދަ ހަތަރަކާއި ގާތަށް ޖެހިލައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ނޮޓިންހަމް ފޮރެސްޓްގެ މައްޗަށް ފަސޭހަ މޮޅެއް ހޯދައި މެންޗެސްޓާ ޔުނައިޓެޑުން ލީގުގެ ގަދަ ހަތަރަކާއި ގާތަށް ޖެހިލައިފިއެވެ. އަމިއްލަ ދަނޑުގައި ނޮޓިންހަމް ފޮރެސްޓް އާއި ދެކ...

28 Dec 2022 | 01:28

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ނޮޓިންހަމް ފޮރެސްޓްގެ މައްޗަށް ފަސޭހަ މޮޅެއް ހޯދައި މެންޗެސްޓާ ޔުނައިޓެޑުން ލީގުގެ ގަދަ ހަތަރަކާއި ގާތަށް ޖެހިލައިފިއެވެ.

އަމިއްލަ ދަނޑުގައި ނޮޓިންހަމް ފޮރެސްޓް އާއި ދެކޮޅަށް ކުޅުނު މެޗު ޔުނައިޓެޑުން ކާމިޔާބު ކުރީ 0-3 ގެ ނަތީޖާއަކުންނެވެ.

ރޭގެ މޮޅާއި އެކު ޔުނައިޓެޑުން ގަދަ ހަތަރަކާއި ގާތަށް ޖެހިލިއިރު، އެޓީމުން ވަނީ ހަތަރުވަނާގައި އޮތް ޓޮޓެންހަމާއި ޕޮއިންޓެއް ގާތައް ޖެހިލާފައެވެ. ޓޮޓެންހަމް ހަތަރުވަނާގައި އޮތީ 16 މެޗުން ލިބުނު 30 ޕޮއިންޓާއި އެކުގައެވެ. ޔުނައިޓެޑު ފަސްވަނާގައި އޮތީ 16 މެޗުން 29 ޕޮއިންޓް ލިބިގެންނެވެ.

ޔުނައިޓެޑުން މޮޅު ކުޅުމެއް ދެއްކި މި މެޗުގެ 19 ވަނަ މިނިޓްގައި މާކަސް ރަޝްފޯޑް ޖެހި ލަނޑުން ޔުނައިޓެޑުން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މިއީ ކޯނަރެއްގައި ކްރިސްޓިއަން އެރިކްސަން ނެގި ބޯޅައަކުން ރަޝްފޯޑް ޖެހި ލަނޑެކެވެ. މި ލަނޑަށް ފަހު މަދު ސިކުންތުކޮޅެއްގެ ތެރޭ ޔުނައިޓެޑުން އެޓީމުގެ ދެވަނަ ލަނޑު ޖަހާ މެޗުގެ ލިޑު ފުޅާކުރިއެވެ. މި ލަނޑު ރަޝްފޯޑް ދިން ބޯޅައަކުން ޖަހައިދިނީ އެންތަނީ މާޝިއަލްއެވެ.

ދެ ލަނޑުގެ ލީޑަކާއި އެކު މެޗުގެ ފުރަތަމަ ހާފު ޔުނައިޓެޑުން ނިންމާލިއިރު، ފަހު ހާފަށް ކުޅެން ނިކުމެވެސް ޔުނައިޓެޑުން ރަނގަޅު ކުޅުމެއް ދެއްކިއެވެ. އެގޮތުން ގިނަ ހަމަލާތަކެއް އުފެއްދިއެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 87 ވަނަ މިނެޓުގައި ޔުނައިޓެޑުން އެޓީމުގެ ތިންވަނަ ލަނޑު ކާމިޔާބު ކުރިއެވެ. މި ލަނޑު ޔުނައިޓެޑަށް ޖަހައިދިނީ މެޗުގެ 77 ވަނަ މިނެޓުގައި ކްރިސްޓިއަން އެރިކްސަންގެ ބަދަލުގައި ކުޅެން އެރި ފްރެޑްއެވެ. މި ލަނޑު ފްރެޑް ޖެހީ ކަސެމީރޯގެ އެހީތެރިކަމާއި އެކުގައެވެ.

ލީގުގައި ދެން ޔުނައިޓެޑް ނުކުންނާނީ ވުލްވްސް އާއި ދެކޮޅަށެވެ. މި މެޗު ކުޅޭނީ މިމަހުގެ 31 ވަނަ ދުވަހުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް