އިންޑިއާ އިން، ދިވެހި ނޫސްވެރިންނަށް ތަމްރީނުވުމުގެ ފުރުސަތުތައް ހޯދައިދިނުމާ ގުޅޭ ގޮތުން މޯލްޑިވްސް މީޑިއާ ކައުންސިލާ (އެމްއެމްސީ) އިންޑިއަން ހައި ކޮމިޝަނާ ދެމެދު މަޝްވަރާތަކެއް ކޮށްފިއެވެ.
އެމްއެމްސީން ވިދާޅުވީ އިންޑިއާ އަށް ދިވެހި ނޫސްވެރިން ފޮނުވައިގެން ތަމްރީނު ޕްރޮގްރާމްތަކެއް ހިންގުމަށާއި، އިންޑިއާގެ ތައުލީމީ ހިދުމަތްދޭ މަރުކަޒުތަކުގެ މާހިރުން ރާއްޖެ ގެނެސްގެން ތަމްރީނު ޕްރޮގްރާމްތަކެއް ފެއްޓުމަށް އިންޑިއަން ހައި ކޮމިޝަނާއި އެކު މަޝްވަރާ ކުރެވިފައިވާ ކަމުގައެވެ.
މިގޮތުން، ކުރު މުއްދަތާއި ދިގު މުއްދަތުގެ ސްކޮލާޝިޕް ޕްރޮގްރާމްތަކެއް ނޫސްވެރިންނަށް ހޯދައިދިނުމާ ގުޅޭގޮތުން ވެސް މަޝްވަރާ ކޮށްފައިވާ ކަމަށް އެމްއެމްސީން ވިދާޅުވިއެވެ.
މީގެ އިތުރުން ނޫސްވެރި ކަމުގެ ދާއިރާގެ ތަމްރީނު ޕްރޮގްރާމްތަކެއް އޮންލައިން ކޮށް ހިންގުމަށް މަޝްވަރާ ކުރެވިފައިވާ ކަމުގައި އެމްއެމްސީން ހާމަ ކުރެއެވެ.
މި މަޝްވަރާތަކުގައި ދިވެހި ނޫސްވެރިންނަށް ތަމްރީނު ފުރުސަތުތައް ފަހިކޮށްދެއްވުމަށް މަސައްކަތް ކޮށްދެއްވާނެކަމުގެ ޔަގީންކަން ހައި ކޮމިޝަނުން ދީފައިވާ ކަމުގައި އެމްއެމްސީން ވިދާޅުވިއެވެ.
އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅައިފައި ހުންނަވާ ސަފީރު މުނޫ މަހާވަރާއި ޑެޕިއުޓީ ހައި ކޮމިޝަނަރު ރޯހިތު ރިތިޝްމި އާއެކު ކުރިއަށް ދިޔަ މި މަޝްވަރާ ބައްދަލުވުންތަކުގައި އެމްއެމްސީގެ ރައީސް ސަހުބާން ފަހުމީ އާއި މެންބަރު އަލީ ހުސެއިން، މެންބަރު އިބްރާހިމް ފައުޒީ، މެންބަރު މުހައްމަދު ޝިފާއު ހަސަންގެ އިތުރުން ސެކްރެޓަރީ ޖެނެރަލް ޑރ. އިބްރާހިމް ސަމީރު ވަނީ ބައިވެރިވެޑައިގެންފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް