މާންދޫ ރަންގެ ބައިވެރިންނަށް ރަނިންގ ކިޓް ދޫކުރަން ފަށައިފި

މާންދޫ ރަންގެ ބައިވެރިންނަށް ރަނިންގ ކިޓް ދޫކުރަން ފަށައިފިއެވެ. ރަނިންގ ކިޓް ދޫކުރަން ފަށާފައިވަނީ މިއަދުއެވެ. އެގޮތުން މިއަދު މެންދުރު ދޭކުން ހަވީރު ހަތތަރުގަޑި ތިރީހަށް ކިޓް ދޫކުރި އިރު، މާދަމާ ވެސ...

28 Dec 2021 | 16:27

މާންދޫ ރަންގެ ބައިވެރިންނަށް ރަނިންގ ކިޓް ދޫކުރަން ފަށައިފިއެވެ.

ރަނިންގ ކިޓް ދޫކުރަން ފަށާފައިވަނީ މިއަދުއެވެ. އެގޮތުން މިއަދު މެންދުރު ދޭކުން ހަވީރު ހަތތަރުގަޑި ތިރީހަށް ކިޓް ދޫކުރި އިރު، މާދަމާ ވެސް ހަމައެގަޑީގައި ކިޓް ދޫކުރާނެއެވެ.

ހޮރައިޒަން ފިޝަރީޒްގެ 18 ވަނަ އަހަރީ ދުވަހާއިގުުވައިގެން ބާއްވަން ނިންމާފައިވާ މި ދުވުން ބޭއްވުމަށް މިހާރު ނިންމާފައިވަނީ މި ޑިސެމްބަރ މަހުގެ 31 ވަނަ ދުވަހުއެވެ.

މި ދުވުމުގައި 5 ކިލޯ މީޓަރާއި 10 ކިލޯ މީޓަރު އަދި ހާފް މެރަތަން (21 ކިލޯ މީޓަރު) އަދި ކުޑަކުދިންނަށް ޚާއްސަކޮށްގެން “ފަން ރަން” ގެ ނަމުގައި ޚާއްސަ ދުވުމެއް ވެސް ބާއްވަން ވަނީ ނިންމާފައެވެ.

މި ރަން ބާއްވާ ތާރީޚް މީގެކުރިން ދެފަހަރެއްގެމަތީން ވަނީ ފަސްކުރެވިފައެވެ. އެއީ އެ އަތޮޅުގައި ކޮވިޑުގެ ހާލަތު ހުރިގޮތުން އެފަދަ ދުވުމެއް ބޭއްވުމަކީ އެންމެއެދެވޭގޮތް ކަމުގައި ނުވާތީއެވެ. މާންދޫ ގޭޓުން ފަށައި އަދި އެ ގޭޓު ކައިރިޔަށް ނިންމާގޮތަށް ހަމަޖެހިފައިވާ މި ދުވުމުގައި މިހައިތަނަށް ތިން ސަތޭކަ އަށްވުރެ ގިނަ މީހުން ވަނީ ބައިވެރިވެފައެވެ.

މި ދުވުމުގައި ބައިވެރިވާ ފަރާތްތަކަށް ހިތްވަރު ދިނުމަށް ޑރ. ހުސައިން ހަލީމް (ކުޑަ ހުސައިން) ބައިވެރިވުމަށް އޭނާމިހާރު ހުންނެވީ އެރަށުގައެވެ. އަދި ބައެއް ދުވުންތެރިންނަށް ކިޓް ހަވާލުކުރުމުގައި ވެސް އޭނާވަނީ މިއަދު ހަރަކާތްތެރިވެފަ އެވެ.

ކުޑަހުސައިންއަކީ ދުވުމުގައި ޚާއްސަކޮށް ދިގު ދުވުމުގައި ރާއްޖޭގެ އެތައް ރެކޯޑެއް ހަދާ، އޮލިމްޕިކްސް ގައި ރާއްޖެ ދެފަހަރު ތަމްސީލު ކުރައްވާފައިވާ ފަރާތެކެވެ.

އޭނާގެ އިތުރުން އޮލިމްޕިކްސްގައި 3 ފަހަރު ރާއްޖެ ތަމްސީލުކޮށްފައިވާ ކުރީގެ ބާރު ދުވުންތެރިޔާ އަދި ފިޒިކަލް ޓްރެއިނަރ އަހްމަދު ޝަފީގު (ރިވަރިން) ވެސް މާންދޫ ރަން ގެ ދުވުންތެރިންނަށް ހިތްވަރު ދިނުމަށް ބައިވެރިވާގޮތަށް ވަނީ ހަމަޖެހިފައެވެ.

މި ދުވުން ނިންމާ ކޮންމެ ބައިވެރިއަކަށް މެޑެލް ދިނުމަށް ވަނީ ނިންމާފައެވެ. މި ދުވުން ކުރިއަށް ދާނީ އެޗްޕީއޭގެ ގައިޑް ލައިނާ އެއްގޮތަށް ކަމަށް އެ ފަރާތުން ބުނެއެވެ.

“މާންދޫ ރަން” ގެ މީޑިއާ ޕާޓްނަރއަކަށް ހަމަޖައްސާފައިވަނީ ދުވަސްއެމްވީއެވެ.

ދުވަސްއެމްވީ އިން މީގެ ކުރިން ވެސް ވަނީ މިފަދަ ހަރަކާތްތަކުގައި އެކި ހަރަކާތްތަކުގައި މީޑިއާ ޕާޓްނަރގެ ގޮތުގައި ހަރަކާތްތެރިވެފައެވެ.

އެގޮތުން ހދ. ހަނިމާދޫގައި 12 ފެބްރުއަރީ 2016 ގައި ބޭއްވި މޫދު ކުޅިވަރު ހަރަކާތްތަކެއްގެ މީޑިއާ ކަވަރޭޖު ހަދާފައިވާ އިރު، މިއަހަރުގެ އޯގަސްޓު މަހު ބ. ދަރަވަންދޫގައި ބޭއްވި “ދަރަވަންދޫ ފުޓްސަލް ފިއެެސްޓާ 2021ގެ” އޮންލައިން މީޑިއާ ޕާޓްނަރގެ ގޮތުގައި ވެސް ދުވަސްއެމްވީ ވަނީ ހަރަކާތްތެރިވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް