ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އެއް ހަމައެއްގައި ވަޒީފާގެ ކުރިއެރުން ނުލިބޭ މައްސަލަ ސިވިލް ކޯޓަށް ވައްދައިފި އެވެ.
މި މައްސަލަ ކޯޓަށް ވެއްދީ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ 489 މުވައްޒަފުން ނިސްބަތްވާ މޯލްޑިވްސް ހެލްތް ޕްރޮފެޝަނަލް ޔޫނިއަން އިން ޕަބްލިކް އިންޓަރެސްޓު ލޯ ސެންޓަރު ގުޅިގެންނެވެ. މައްސަލަ ހުށަހަޅާފައިވަނީ ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)، ފިނޭންސް މިނިސްޓްރީ އަދި ހެލްތް މިނިސްޓްރީ އާއި ދެކޮޅަށެވެ.
މޯލްޑިވްސް ހެލްް ޕްރޮފެޝަނަލް ޔޫނިއަންއިން މި ކަމާއި ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންގެ ފަންނީ އޮނިގަނޑެއް އޮންނަ ކަމަށެވެ. އެކަމަކު އެ އޮނިކަނޑަށް ކަމާ ބެހޭ އިދާރާތަކުން އަމަލު ކުރަމުން ނުދާ ކަމަށެވެ.
އެ ޔޫނިއަން އިން ބުނީ މި މައްސަލަ ހުށަހެޅުމުގައި ރާއްޖޭގެ ހުރިހާ އަތޮޅެއްގައި މަސައްކަތް ކުރާ ސިއްހީ ދާއިރާއަށް ނިސްބަތްވާ މުވައްޒަފުން ހިމެނޭނެ ކަމަށެވެ.
މި މައްސަލަ ކޯޓަށް ވެއްދީ 2008 ވަނަ އަހަރުން ފެށިގެން ސިވިލް ސާވިސްގެ ހެލްތް ޕްރޮފެޝަންގެ ފަންނީ ވަޒިފާތަކުުގެ ކުރިއެރުން ލިބޭނެ ގޮތެއް ވެފައި ނުވަނީ ވަޒީފާގެ ކުރިއެރުން ލިބޭނެ އޮނިގަނޑެއް ނެތުމުގެ ސަބަބުން ކަމަށްވާތީ އެވެ. އެކަމަކީ ގާނޫނު އަސާސީގެ 37 ވަނަ މާއްދާގެ ބަޔާން ކޮށްފައިވާ އަސާސީ ހައްގުން މަހުރޫމުވުން ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.
އެ މައްސަލައިގަ އެދިފައިވަނީ ވަޒީފާގެ ކުރިއެރުން ލިބޭނެ އޮނިގަނޑެއް ތައްޔާރުކޮށް ތަންފީޒު ކުރުމަށް ސީއެސްސީ އާއި ފިނޭންސް އަދި ހެލްތްގެ މައްޗަށް އަމުރު ކޮށްދިނުމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް