ރައީސް ސޯލިހު މި ފަސް އަހަރަށްވުރެ އިތުރަށް ހުންނަވާނެ: އަސްލަމް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިތުރު ދައުރެއްގައި ރާއްޖޭގެ ވެރިކަމުގައި ހުންނަވާނެ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ. އޭނާ މިހެން ވިދާޅުވީ މިއަދު މާފުށީ ކައިރީގައި...

28 Dec 2021 | 14:50

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިތުރު ދައުރެއްގައި ރާއްޖޭގެ ވެރިކަމުގައި ހުންނަވާނެ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ މިއަދު މާފުށީ ކައިރީގައި ހިއްކި ބިމާއި ޕިކްނިކް އައިލެންޑް އެ ރަށުގެ ކައުންސިލާ ހަވާލުކުރުމަށްޓަކައި މިއަދު ބޭއްވި ހަފުލާގައި ވާހަކަ ދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި ރައީސް ސޯލިހު ބައިވެރިވެވަޑައިގެންނެވި އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވީ އޭނާގެ ހަޔާތުގައި އެކި ރައީސުންގެ ވެރިކަމުގައި ގިނަ މަގާމުތަކެއް އަދާ ކުރެއްވިއްޖެ ކަމަށެވެ. އެކަމަކު މި ސަރުކާރުގެ ސްޕީޑާ އެއްވަރަށް ތަރައްގީގެ މަޝްރޫއުތައް ހިންގި ދުވަސްވަރެއް މިހާތަނަށް ދެކެވަޑައިނުގަންނަވާ ކަމަށް ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވީ ރައީސް ސޯލިހުގެ ވެރިކަމުގައި18 ބިލިއަން ރުފިޔާގެ މަސައްކަތް ނިންމާނެ ކަމަށެވެ. އެވަރުން ނިންމާލެވެން ނެތްކަން ފާހަގަ ކުރައްވާ އޭނާ ވިދާޅުވީ މި ސަރުކާރުން މިހާތަނަށް ކުރި މަސައްކަތްތަކަށް ބަލާފައި ބާކީ ހުރި މަސައްކަތްތައް ކުރުމަށް ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެ މަގާމުގައި ދެމިހުންނަވާނެ ކަމަށެވެ.

ރާއްޖެއަކީ ތަރައްގީ ވެފައި އޮތް ގައުމަކަށް ހެދުމާ ދިމާލަށް މިސްރާބު ޖެހުމަށްޓަކައި އިތުރު ދައުރެއްގައި އެ މަނިކުފާނު ހުންނަވާނެ ކަމަށް އަސްލަމް މިއަދު ވިދާޅުވި އެވެ. މިއީ މިސަރުކާރުގެ ހާއްސަކޮށް އެމްޑީޕީގެ ވެރިއަކު ރައީސް ސޯލިހު އިތުރު ދައުރެއްގައި ވެރިކަން ކުރައްވާނެކަމަށް ވިދާޅުވި ފުރަތަމަ ފަހަރެވެ.

އަސްލަމް ވިދާޅުވި ގޮތުގައި މި ސަރުކާރުން ވެރިކަމަށް އައި ފަހުން 373 އެކި ބާވަތުގެ މަޝްރޫއުތައް ކުރިއަށް އެބަގެންދެއެވެ. މިހާތަނަށް ނިމުނު މަޝްރޫއުތަކަށް 1.8 ބިލިއަން ރުފިޔާ ހަރަދު ކުރި އިރު، ހިނގަމުންދާ މަޝްރޫއުތަކާއި ސޮއިކޮށްފައި ހުރި މަޝްރޫއުތަކާއި ޓެންޑަ މަރުހަލާގައި ހުރި މަޝްރޫއުތަކުގެ އަގު 16.2 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ވެސް އަސްލަމް ވިދާޅުވިއެވެ.

ޕްލޭނިން މިނިސްޓްރީގެ ދަށުން ހިންގާ ބައެއް މަޝްރޫއުތަކުގެ ތަފާސްހިސާބުތައް ކިޔައިދެއްވަމުން އަސްލަމް ވިދާޅުވީ ބަނދަރު ހެދުމުގެ 60 މަޝްރޫއަކާއި ބިން ހިއްކުމުގެ 18 މަޝްރޫއަކާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ 28 މަޝްރޫއެއް މިހާރު ވެސް ކުރިއަށް ގެންދާ ކަމަށެވެ.

ތާރު އަޅައިގެން މަގު ހެދުމުގެ 18 މަޝްރޫއެއްގެ މަސައްކަތާއި ފެނާއި ނަރުދަމާގެ ޖުމުލަ 245 މަޝްރޫއެއްގެ މަސައްކަތް ހިންގާ ކަަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް