ހިންގުމުގެ ދާއިރާގެ އިސް މުވައްޒަފުން ތަމްރީން ކުރުމުން ހިދުމަތުގެ ފެންވަރު މިހާރަށްވުރެ ރަނގަޅު ވާނެ: ރައީސް

ސަރުކާރުގެ ހިންގުމުގެ ދާއިރާގެ އިސް މުވައްޒަފުންގެ ހުނަރާއި ޤާބިލުކަން އިތުރުކުރުމުގެ ތަމްރީނު ޕްރޮގްރާމުގެ ނަތީޖާއަކަށް ވާނީ، ސަރުކާރުގެ އިދާރާތަކުން ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު މިހާރަށްވުރެ ރަނގަ...

28 Dec 2021 | 11:51

ސަރުކާރުގެ ހިންގުމުގެ ދާއިރާގެ އިސް މުވައްޒަފުންގެ ހުނަރާއި ޤާބިލުކަން އިތުރުކުރުމުގެ ތަމްރީނު ޕްރޮގްރާމުގެ ނަތީޖާއަކަށް ވާނީ، ސަރުކާރުގެ އިދާރާތަކުން ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު މިހާރަށްވުރެ ރަނގަޅުވެގެން ދިއުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕަބްލިކް ސަރވިސް ޓްރޭނިންގ ޔުނިޓާއި، ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓް ގުޅިގެން، 2 އަހަރު ދުވަހުގެ މުއްދަތައް ކުރިޔަށް ގެންދަން މިއަދު ފެށި ސަރުކާރުގެ ހިންގުމުގެ ދާއިރާގެ އިސް މުވައްޒަފުންގެ ހުނަރާއި ޤާބިލުކަން އިތުރުކުރުމުގެ ތަމްރީނު ޕްރޮގްރާމު ފެށުމުގެ ަރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމާއި ދައުލަތުގެ ވަޒީރުންނާ މުއައްސަސާތަކުގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މި ސަރުކާރުން ރައްޔިތުންނަށް ޚިދުމަތް ކުރުމާ ޙަވާލުވީ، ރައްޔިތުންނަށް ބޭނުންވާ ވަރަށް ގިނަ އަސާސީ އަދި އިޖްތިމާޢީ ޚިދުމަތްތަކެއް، ވަކި މުއްދަތުތަކެއްގައި ފުރިހަމަކޮށްދޭން ވަޢުދުވެގެންކަމަށާއި، އެއީ ވަކި ފަރުދަކަށް ނުވަތަ ވަކި މުއައްސަސާއަކަށް އެކަނި ފުރިހަމަކުރެވޭނެ ވަޢުދުތަކެއް ނޫންކަމުގައެވެ. އެހެންކަމުން މި ސަރުކާރުން ޙާޞިލްކުރަން ބޭނުންވާ ނަތީޖާ ޙާޞިލްކޮށް އެ ނަތީޖާ ނެރެވޭނީ ސަރުކާރުގެ ހުރިހާ މުއައްސަސާތައް ގުޅިގެން، އެއް މިސްރާބަކަށް ދަތުރުކޮށްގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިގޮތުން ޤައުމީ ތަރައްޤީއާ ގުޅިފައިވާ މަޝްރޫޢުތައް ކުރިއަށް ގެންދިޔުމުގައްޔާއި، މި ސިޔާސަތުތައް ތަންފީޒުކުރުމުގައި އެންމެ ކުރީ ސަފުގައި ތިއްބަވަންވީ ސިޔާސީ މަޤާމުތަކަށް ޢައްޔަންކޮށްފައި ތިއްބެވި ބޭފުޅުންކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި ސަރުކާރުގެ ސިޔާސީ މަޤާމުތަކުގައި ތިއްބެވި ބޭފުޅުންނަކީ، ކަންކަމުގައި ބަސްކިޔައި ގޮތް ނިންމުމާ އެކީ ޢަމަލީ ގޮތުން ކަންކަން ކުރަން ޖެހޭ ބޭފުޅުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ވެސް އެމަނިކުފާނު ވަނީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރުމުގައި ސިޔާސީ މަޤާމުތަކުގައި ތިއްބެވި ބެފުޅުންނާއި ސިވިލް ސާވިސްގެ މުވައްޒަފުންގެ މެދުގައި ބަދަހި ގުޅުމެއް އޮތުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވިގޮތުގުގައި ޢާންމު ރައްޔިތުންނާއި ސަރުކާރާ ދެމެދު މުޢާމަލާތްކުރުމަށް މިހާރު މިއޮތީ ވަރަށް ފުޅާ މަގެއް ޤާއިމުކުރެވިފައިކަމަށާއި، މިގޮތުން އެމީހަކު ހުރި ރަށަކުން ހުރި ތަނަކުން، އިންޓަނެޓްގެ ޒަރީޢާއިން ގަވް.އެމްވީ މެސެޖުގެ ޚިދުމަތް މެދުވެރިކޮށް މިހާރު ސަރުކާރާ މުޢާމަލާތު ކުރެވޭނެއެވެ. އަދި، ޓެކްނޮލޮޖީގެ ޒަމާން އަރާ ހަމަކޮށްފައިވާއިރު، ސަރުކާރު ހިންގުމުގެ ދާއިރާއަށް ޓެކްނޮލޮޖީގެ ލުއިފަސޭހަތައް ތަޢާރަފް ކުރިޔަސް، އެކަމުގެ ލުއިފަސޭހަކަން ލިބޭނީ، ޚިދުމަތް ދޭން ތިބޭ މުވައްޒަފުން ޓެކްނޮލޮޖީއަށް އަހުލުވެރިވި މިންވަރަކުންކަމުގައި އެމަނިކުފާނު ހާމަކުރެއްވިއެވެ.

މީގެ އިތުރުން ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ސަރުކާރުން ޚިދުމަތް ދިނުމުގެ ވައްޓަފާޅިއަށް ވެސް އަދި އުޞޫލުތަކަށް ވެސް މިހާރު މިއޮތީ ވަރަށް ބޮޑެތި ބަދަލުތަކެއް އައިސްފައިކަމުގައި ވިދާޅުވެ ސަރުކާރު އޮފީސްތަކުން ދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް މިވަގުތު ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭ އެއް ކަމަކީ، ސަރުކާރު އޮފީސްތަކުގެ ސަރވިސް ޗާޓަރުތައް ތައްޔާރުކޮށް ޢާންމުކުރުންކަމުގައި ވިދާޅުވެފައެވެ.

މިމޭރުމުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ސަރުކާރުގެ އޮފީސްތަކުން ފޯރުކޮށްދޭ ޚިދުމަތްތަކަކީ، ރައްޔިތުން ހެޔޮ ހިތުން ބަލައިގަންނަ ޚިދުމަތްތަކަށް ވެގެންދާ ދުވަސް އެއީ އެމަނިކުފާނު ދެކިވަޑައިގަންނަވަން ބޭނުންފުޅުވާ ދުވަހެއްކަން ހާމަކުރައްވާފައެވެ.

މި ޕްރޮގްރާމަކީ ސިޔާސީ މަޤާމުތަކަށް ޢައްޔަން ކުރައްވައިފައިވާ ބޭފުޅުންނަށާއި ސިވިލް ސަރވިސްގެ އިސް މުވައްޒަފުންނަށް އަމާޒުކޮށްގެން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ ސެޝަންތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ރާއްޖެއާއި ރާއްޖޭން ބޭރުގެ ކަމާބެހޭ މާހިރުންގެ އެހީތެރިކަމާ އެކުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް