އިދިކޮޅު ޕީޕީއެމް/ ޕީއެންސީން ކުރިޔަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕެއިނަށް ތާއީދު ނުކުރާ ކަމަށް މޯލްޑިވްސް ތާޑްވޭ ޑިމޮކްރޭޓު (އެމްޓީޑީ) އިން ބުނެފި އެވެ.
އިދިކޮޅުގެ މި ކެމްޕެއިނަކީ ރާއްޖޭގައި ތިބި އިންޑިއާ އަސްކަރިއްޔާގެ75 ސިފައިން ބޭލުމަށް ގޮވާލާ ކުރާ ކެމްޕެއިނެކެވެ. މި ކެމްޕެއިން ވަރުގަދަވެފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ވުމުންނެވެ.
އެމްޓީޑީން ނެރުނު ބަޔާނެއްގައި ބުނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައިގެން "އިންޑިއާ އައުޓް" ކެމްޕޭން ހިންގަވަނީ އެ ގައުމުން ރައީސް އިބްރާޙީމް މުހައްމަދު ސޯލިހްގެ ސަރުކާރަށް ދެމުންދާ އެހީތަކަށް "ހަޖަމު ނުވެގެން" ކަމަށެވެ. މި ކެމްޕެއިން އެ ޕާޓީން ސިފަ ކުރީ ޔާމީންގެ އަމިއްލަ މަގުސަދެއް ހާސިލް ކުރަން ހިންގާ ކެމްޕެއިނެއް ގޮތުގައި އެވެ.
އެމްޓީޑީން ބުނީ މި ކެމްޕެއިންގެ މަގްސަދަކީ ރައީސް ޔާމީން ގޯސްކޮށް ކުރައްވާފައިވާ ކަންކަން ފޮރުވައި އިންޑިއާއާމެދު ނަފުތަރު އުފައްދައި ކޮވިޑްގައި މިހާރު ލިބެމުންދާ އެހީތަކާއި ރާއްޖެއަށް އަންނަ އިންވެސްޓްމަންޓްތައް ހުއްޓުވާލުން ކަމަށެވެ.
މި ކެމްޕެއިނަށް އިދިކޮޅު ދެ ޕާޓީ ނޫން ހުރިހާ ޕާޓީތަކުން ދަނީ ފާޑުކިޔަމުންނެވެ. މިހާތަނަށް "އިންޑިއާ އައުޓް" ކެމްޕެއިނަށް ތާއީދު ނުކުރާކަން ހާމަ ކުރި ސިޔާސީ ޕާޓީތަކުގެ ތެރޭގައި އެމްއާރުއެމް، އެމްއެންޕީ، ޖޭޕީ، އަދާލަތު ޕާޓީ އަދި އެމްޑީޕީ ހިމެނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް