ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު 21 ވަނަ ފަހަރަށް ދަމަހައްޓައިފި

ކޮވިޑް-19 އާ ގުޅިގެން އިއުލާނު ކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އަންނަ ޖެނުއަރީ މަހުގެ 29 ވަނަ ދުވަހާއި ހަމައަށް ދަންމާލައިފިއެވެ. މިއީ މި މުއްދަތު އިތުރުކުރި 21 ވަނަ ފަހަރެވެ. ...

28 Dec 2021 | 08:04

ކޮވިޑް-19 އާ ގުޅިގެން އިއުލާނު ކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އަންނަ ޖެނުއަރީ މަހުގެ 29 ވަނަ ދުވަހާއި ހަމައަށް ދަންމާލައިފިއެވެ.

މިއީ މި މުއްދަތު އިތުރުކުރި 21 ވަނަ ފަހަރެވެ.

މުޅި ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑާއި ގުޅިގެން ރާއްޖޭގައި އިއުލާނު ކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިތުރުުކޮށްފައިވަނީ އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުން ހެލްތު މިނިސްޓަރަށް ލިބިދޭ ބާރުގެ ދަށުންނެވެ.

ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ސޮއި ކުރައްވާ މިއަދު ނެރުއްވާފައިވާ ގަރާރުގައި ވިދާޅުވެފައިވަނީ ކޮވިޑް-19 އަދިވެސް އިތުރަށް ފެތުރުމުގެ ނުރައްކާ އޮތް ހިނދު އަދި ރާއްޖޭގައި ވެސް ފުޅާ ދާއިރާއެއްގައި މި ބަލި ފެތުރުމުގެ ނުރައްކާ އަދިވެސް އޮތުމާއެކު މާޗް 12، 2020 ގައި އިއުލާނު ކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އަދިވެސް ދެމި އޮތް ކަަމަށެވެ.

އެހެންކަމުން އެ ނުރައްކާ ކުޑަކޮށް އާންމު ރައްޔިތުންގެ ސިއްހަތަށާއި ރައްކާތެރިިކަން ކަށަވަރު ކުރުމަށްޓަކައި ހާއްސަ ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ގަބޫލުކުރޭ ކަމަށް ލަފާ ދެއްވާފައިވާތީ ޖެނުއަރީ މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ދެމެހެއްޓުމަށް ނިންމާފައިވާ ކަމުގައެވެ.

މީގެ އިތުރުން މިގަރާރުގައި މިނިސްޓަރު ނަސީމް ވަނީ ރައްކާތެރިކަމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވަމުން ގެންދިއުމަށް ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް އަންގަވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް