މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރާ ޓާސްކްފޯހެއް އެކުލަވާލާ، މަސައްކަތް ފަށައިފި

މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރާ ޓާސްކްފޯހެއް އެކުލަވާލާ، މަސައްކަތް ފަށައިފި އެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ޗެއަރ ކުރައްވާ މި ޓާސްކްފޯހުގެ މަސައްކަތް މަހެއްހާދުވަސް ކ...

28 Dec 2021 | 07:17

މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރާ ޓާސްކްފޯހެއް އެކުލަވާލާ، މަސައްކަތް ފަށައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ޗެއަރ ކުރައްވާ މި ޓާސްކްފޯހުގެ މަސައްކަތް މަހެއްހާދުވަސް ކުރިން ފަށާފައިވާ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވީ އެކި އޮޕަރޭޝަންތަކުގައި އަތުލައިގެންފައިވާ މަސްތުވާތަކެތި ނައްތާލުން ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައެވެ.

ސީޕީ ޙަމީދު ވިދާޅުވީ އަންނަ އަހަރު އިތުރަށް މަސައްކަތްކޮށް، މަސްތުވާތަކެތީގައި ޒުވާން ޖީލު ހަލާކުވެގެންދާ ދިއުމަށް ހުއްޓުމެއް ގެނައުމަށް ވަރަށް ގިނަ މަސައްކަތް ކުރައްވާނެ ކަމަށެވެ.

މިއަދުގެ ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ބައިވެރިވެވަޑައިގެން ވިދާޅުވީ ޓްރާންސިޓް ޕޮއިންޓެއްގެ ގޮތުގައި ރާއްޖެ ބޭނުންކޮށްގެން ގެންނަ މަސްތުވާތަކެތި ހޯދައި، އެ އެއްޗެހި ނައްތާލުމަކީ ފުލުހުން ކުރާ ވަރަށް ބޮޑު މަސައްކަތެއް ކަމަށެވެ. އެކަމަކު މުޅި މައްސަލައަށް ހައްލެއް ނުލިބި، މަގުމަތީގައި މަސްތުގެ ހާލަތުގައި ލިބޭ މީހުން ގިނަވެ އެކަމުގެ އުނދަގޫ އާއްމުންނަށް ފޯރަމުން ދިއުމާއި އިޖުތިމާއީ، އިގްތިސާދީ ވެއްޓަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

އަލަށް ހެދި ޓާސްކް ފޯހުން ކުރަމުން އަންނަ މަސައްކަތުގެ ނަތީޖާ އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރގައި ފެންނަން ފަށާނެކަމަށް ހޯމް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގައި މި ވަގުތު އޮތް އިޖުތިމާއީ އެންމެ ބޮޑު އެއް މައްސަލައަކީ މަސްތުވާތަކެތި ބޭނުންކުރާ ތަންތަން މާލެއާއި އަތޮޅުތަކުގައި އިތުރުވެ، އެ މައްސަލައިގާ ބަންދުކުރާ މީހުން ދާދިއަވަހަށް ސަލާމަތްވެ، މުުޖުތަމަޢުގައި އުޅެން ފެށުމެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް ސަރުކާރުގެ ސިޔާސަތުތައް މީގެ ކުރިން ހަދަމުން ދިޔައީ، މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން އުފައްދާފައިވާ ނޭޝަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލުންނެވެ. ނައިބު ރައީސް ފައިސަލް ނަސީމް ޗެއަރ ކުރައްވާ ކައުންސިލުގައި ކަމާގުޅޭ އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް