އަޅުގަނޑަކީ އަބަދުވެސް ޕީޕީއެމް ޕީއެންސީގެ ފިކުރުގެ މީހެއް ކަމަށް- ކައިރި މުސްތަގުބަލެއްގައި މިހާރަށްވުރެ ބޮޑަށް ޕީޕީއެމް އާ ގާތްވާނަން: މޮސްޓާ

ރައްޔިތުންގެ މަޖިލީހުގައި ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) އަކީ ބަދުވެސް ޕީޕީއެމް ޕީއެންސީގެ ފިކުރުގެ ބޭފުޅެއް ކަމަށް އޭނާ ވިދާޅުވެއްޖެއެވެ. މިނިވަން މެންބަރެއްގެ ގޮތުގަ...

28 Dec 2021 | 06:56

ރައްޔިތުންގެ މަޖިލީހުގައި ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) އަކީ ބަދުވެސް ޕީޕީއެމް ޕީއެންސީގެ ފިކުރުގެ ބޭފުޅެއް ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

މިނިވަން މެންބަރެއްގެ ގޮތުގައި މިވަގުތު ހުންނެވި މޮސްޓާ މިހެން ވިދާޅުވީ ޕީޕީއެމް އިން ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ދާދި އަވަހަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންއާ ގުޅިވަޑައިގަންނަވާނެ ކަމުގެ އިޝާރާތެއް ދެއްވާ، އޭނާ ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރަށް ތިން އަހަރު ވެގެން ދިޔައިރު އޭނާއަށް އިހުސާސް ކުރެއްވުނު އަނެއް ކަމަކީ ގައުމަށް ހެޔޮ އެދިގެން ރާއްޖޭގައި ވެރިކަން ކުރެއްވި ހަމައެކަނި ރައީސަކީ ވެސް އިދިކޮޅުގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށެވެ.

"ހއ. ތުރާކުނުން ފެށިގެން ނ. ކަނޑޫދުއާ ހަމައަށް ޕީޕީއެމްގެ އެއްވެސް މެންބަރެއް ނެތް. އެކަމަކު ވަރަށް އަވަހަށް އެ ސަރަހައްދުން ޕީޕީއެމްގެ މެންބަރުންތަކެއް ފެންނާނެ." މޮސްޓާ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ ދުވަސްކޮޅަކަށް އެމްއެންޕީ އުފައްދަވަން މަސައްކަތް ކުރެއްވި އިރު އޭނާއަށް އިހުސާސް ކުރެއްވުނު ކަމަކީ ޕީޕީއެމް، ޕީއެންސީގެ ފިކުރާ ދުރަށް އޭނާ ވަޑައިގެންފައި ނުވާކަން ކަމަށެވެ. އަދި ޕީޕީއެމްގެ ޕޯޑިއަމަކަށް އެރުއްވުމަކީ ހިތްހަމަޖެހުމެއް ލިބިވަޑައިގެންނެވި ކަމަށެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މޮސްޓާ އިތުރަށް ވިދާޅުވީ މިހާރަށްވުރެ ބޮޑަށް ކައިރި މުސްތަގުބަލެއްގައި "ޕީޕީއެމްއާ ގާތްވާނެ" ކަމަށެވެ.

އެމްއެންޕީ އުފެއްދުމުގައި ވެސް އިސް ރޯލެއް އަދާކުރައްވާފައިވީނަމަވެސް އޭނާ އެ ޕާޓީއަށް ސޮއިކުރައްވާފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް