ޓެކްސް ދައްކަންޖެހޭ ވެރިފަރާތުގެ ބައިވެރިވުމެއް ނެތި މީރާއިން އިސްނަގައިގެން ޓެކުހަށް ރަޖިސްޓްރީ ކުރުމުގެ ބާރު މީރާ އަށް ލިބިދޭ ގޮތަށް ޓެކްސް ނެގުމާއި ބެހޭ އިދާރީ ޤަވާއިދު އިސްލާހުކޮށްފިއެވެ.
ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދަށް ގެނައި ހަވަނަ އިސްލާހުގައި ބަޔާންކޮށްފައި ވާ ގޮތުން ޤާނޫނުގެ 21 ވަނަ މާއްދާގެ (ށ) ގެ ދަށުން ނުވަތަ އެ ނޫންވެސް ގޮތަކަށް ލިބޭ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް، ޓެކްސް ޤާނޫނެއްގެ ދަށުން ނުވަތަ ގަވާއިދެއްގެ ދަށުން ރަޖިސްޓަރީކުރަން ޖެހޭނެކަމަށް މީރާއަށް ގަބޫލުކުރެވޭ ފަރާތްތައް، އެ ޤާނޫނުގެ ދަށުން ނުވަތަ ގަވާއިދުގެ ދަށުން ރަޖިސްޓަރީކޮށް އެ ފަރާތްތަކަށް އެންގުމުގެ އިޚުތިޔާރު، ކޮމިޝަނަރ ޖެނެރަލަށް ލިބިގެންވާ ކަމުގައެވެ.
މީގެ އިތުރުން މިއަދު އެ ޤަވާއިދަށް ގެނައި އިތުރު އިސްލާހްތަކުގެ ތެރޭގައި ޓެކްސް ދައްކާ ފަރާތުން އިތުރު ވިޔަފާރި ހަރަކާތެއް ފަށައިފިނަމަ ނުވަތަ މީރާއަށް ދީފައިވާ، ޓެކްސް ދައްކާ ފަރާތުގެ މަޢުލޫމާތެއް ނުވަތަ އެ ފަރާތުން ހިންގާ ވިޔަފާރި ހަރަކާތަކާ ގުޅޭ މަޢުލޫމާތެއް ބަދަލުވެއްޖެނަމަ އަދި ޓެކްސް ދައްކާ ފަރާތުން އައްޔަނުކޮށްފައިވާ މަސްއޫލުވާ މީހާ ނުވަތަ އޭނާގެ މަޢުލޫމާތެއް ބަދަލުވެއްޖެނަމަ އެކަން 15 ދުވަހުގެ ތެރޭގައި މިރާ އަށް އަންގަން ޖެހޭނެއެވެ.
ޓެކްސް ޤާނޫނެއްގެ ދަށުން ނުވަތަ ގަވާއިދެއްގެ ދަށުން ރަޖިސްޓަރީކުރަންޖެހޭ ފަރާތަކުން ރަޖިސްޓަރީކޮށްފައި ނުވާނަމަ، ރަޖިސްޓަރީނުކޮށް ވޭތުވާ ކޮންމެ ދުވަހަކަށް، -/50 ރުފިޔާގެ މަގުން އެ ފަރާތް ޖޫރިމަނާ ވާނެ ކަމަށް ވެސް ގަވައިދުގައި ބުނެފައި ވެއެވެ. އަދި ޖޫރިމަނާ ވުމުގެ އިތުރުން މި ކުށުގެ ޖިނާއީ އަދަބަކީ، ކުށް ކުރި ފަރާތް، އެއްމަސްދުވަހާއި ހަމަސްދުވަހާ ދެމެދުގެ މުއްދަތަކަށް ގޭގައި ބަންދުކުރުން ކަމަށް ވެސް ގަވައިދުގައި ބުނެފައި ވެއެވެ. ގަވައިދުގައި ބުނެފައިވާ ގޮތުގައި އެންމެ ގިނަ ވެގެން ޖޫރިމަނާ ކުރެވޭނެ އަދަދު ކަމުގައި ކަނޑައަޅާފައި ވަނީ -/5000 ރުފިޔާ އާއި ހަމައަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް