"ސްޕެޝަލް އިކޮނޮމިކް ޒޯން މޯލްޑިވްސް" ގެ ނަމުގައި ސަރުކާރުގެ އިދާރާއެއް އުފައްދަވައިފި

"ސްޕެޝަލް އިކޮނޮމިކް ޒޯން މޯލްޑިވްސް" ގެ ނަމުގައި ސަރުކާރުގެ އިދާރާއެއް ރައީސުލްޖުމްހޫރިއްޔާ އުފައްދަވައިފި އެވެ. ރައީސް އޮފީހުން އާންމުކޮށްފައިވާ ދެންނެވުމެއްގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރި...

28 Dec 2015 | 08:59

"ސްޕެޝަލް އިކޮނޮމިކް ޒޯން މޯލްޑިވްސް" ގެ ނަމުގައި ސަރުކާރުގެ އިދާރާއެއް ރައީސުލްޖުމްހޫރިއްޔާ އުފައްދަވައިފި އެވެ.

ރައީސް އޮފީހުން އާންމުކޮށްފައިވާ ދެންނެވުމެއްގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚުތިޔާރުގެ ދަށުން، ޤާނޫނު ނަންބަރު 2014/24 (ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ޤާނޫނު) ގެ ދަށުން އުފައްދަވާފައިވާ ބޯޑް އޮފް އިންވެސްޓްމަންޓާ ހަވާލުކޮށްފައިވާ މަސްއޫލިއްޔަތު އަދާކުރުމަށް އެހީތެރިވުމުގެ ގޮތުން "ސްޕެޝަލް އިކޮނޮމިކް ޒޯން މޯލްޑިވްސް" ގެ ނަމުގައި އިދާރާއެއް މިއަދު އުފައްދަވައި، އެ އިދާރާއަކީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ހަމަޖައްސަވައިފިކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވާކަމަށެވެ.

ސަރުކާރުގެ އޮފީސްތަކުން ލިޔުއްވާ ސިޓީގައި ނަންބަރު ޖެއްސެވުމުގައި، ސްޕެޝަލް އިކޮނޮމިކް ޒޯން މޯލްޑިވްސްއަށް ލިޔުއްވާ ސިޓީގައި ޖައްސަވަމުން ގެންދަވާނެ ނަންބަރަކީ 463 ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ކަމަށް އެ ދެންނެވުމުގައި ބުނެފައި ވެ އެވެ.

އެ ދެންނެވުމުގައި ސްޕެޝަލް އިކޮނޮމިކް ޒޯން މޯލްޑިވްސްގެ ސެކްރެޓޭރިއެޓްގެ އޮފީހުގެ މަސައްކަތްތައްވެސް ބަޔާންކޮށްފައި ވެ އެވެ. އެ މަސައްކަތް ތައް ތިރީގައި އެވަނީ އެވެ.

  1. ބޯޑް އޮފް އިންވެސްޓްމަންޓްގެ ނިންމުންތައް ނިންމުމުގައި ބޯޑަށް ބޭނުންވާ ދިރާސާތައް ކުރުން.
  1. ބޯޑް އޮފް އިންވެސްޓްމަންޓަށް ބޭނުންވާނެ މަޢުލޫމާތާއި ތަފާސްހިސާބު ހޯދުން.
  1. ބޯޑް އޮފް އިންވެސްޓްމަންޓްގެ ނިންމުންތައް ތަންފީޒުކުރުން.
  1. ޓެކްނިކަލް ކޮމިޓީގެ މަސައްކަތްތައް ހިންގައި ބެލެހެއްޓުން.
  1. ބޯޑް އޮފް އިންވެސްޓްމަންޓާއި ޓެކްނިކަލް ކޮމިޓީއާ ދޭތެރޭގައި ވިލަރެސްކުރަންޖެހޭ ކަންކަން ވިލަރެސްކުރުން.
  1. ބޯޑް އޮފް އިންވެސްޓްމަންޓުގެ ނިންމުންތަކުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުމާއި، ބޯޑުގެ ބައްދަލުވުންތަކުގެ ރިކޯޑު ބެލެހެއްޓުމާއި، ބޯޑުގެ އިދާރީ އިންތިޒާމުތައް ހަމަޖެއްސުމާއި، ބޯޑުގެ ނިންމުންތައް އަންގަންޖެހޭ ފަރާތްތަކަށް އެންގުން.
  1. ޤާނޫނު ނަންބަރު 2014/24 (ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ޤާނޫނު) އާއި، އެ ޤާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާއި އެނޫން ޤާނޫނުތަކުން ބޯޑް އޮފް އިންވެސްޓްމަންޓުގެ މަސްއޫލިއްޔަތު ކަމުގައި ހަމަޖައްސާ ކަންތައްތައް އިދާރީގޮތުން ހިންގައި ބެލެހެއްޓުން.
  1. ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުތައް ތަންފީޒުކުރުމުގައި ބޯޑް އޮފް އިންވެސްޓްމަންޓަށް އެހީތެރިވެދިނުން.
  1. ޤާނޫނުގައިވާ ގޮތުގެ މަތިން ބޯޑް އޮފް އިންވެސްޓްމަންޓާ ހަވާލުކޮށްފައިވާ މަސްއޫލިއްޔަތު ފުރިހަމަ ގޮތުގައި އަދާކުރުމަށްޓަކައި ދޭންޖެހޭ އިދާރީ، ފަންނީ އަދި އެހެނިހެން އެހީތެރިކަން ދިނުން.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް