އިމިގްރޭޝަންގެ ފަސް މުވައްޒަފަކު ބިދޭސީން އަތުން ފައިސާ ހޯދަމުންދިޔަ މައްސަލައެއް ބަލަން ފަށައިފި

މޯލްޑިވްސް އިމިގްރޭޝަންގެ ފަސް މުވައްޒަފަކު ބިދޭސީންގެ އަތުން ނަހަމަގޮތުގައި ފައިސާ ހޯދަމުންދާކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ބަލަން ފަށާފައިވާކަން ހޯމްލޭންޑް މިނިސްޓަރު އަލީ އިހްސާން ހާމަކުރައްވައ...

28 Nov 2024 | 17:09

މޯލްޑިވްސް އިމިގްރޭޝަންގެ ފަސް މުވައްޒަފަކު ބިދޭސީންގެ އަތުން ނަހަމަގޮތުގައި ފައިސާ ހޯދަމުންދާކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ބަލަން ފަށާފައިވާކަން ހޯމްލޭންޑް މިނިސްޓަރު އަލީ އިހްސާން ހާމަކުރައްވައިފިއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ވިދާޅުވީ މޯލްޑިވްސް އިމިގްރޭޝަން ގެ 5 މުވައްޒަފުން ޤާނޫނާއި ޤަވާއިދުތަކާއި ޚިލާފަށް ބިދޭސީންނާއި ގުޅުންހުރި ބައެއްކަންކަންކޮށް، އެކި ފަރާތްތަކުން ނަހަމަގޮތުގައި ފައިސާ ހޯދަމުންދާކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގެ މަޢުލޫމާތުލިބުމުން ފުލުހުންމެދުވެރިކޮށް އެމައްސަލަދަނީ ތަހުގީގު ކުރެވެމުން ކަމަށެވެ.

"ޔުނިފޯރމުއެޅި މުއައްސަސާތަކުގެ ތެރޭގައިތިބެ ޔުނިފޯރމުގެ ހުރުމަތްކަނޑާ، ރައްޔިތުންގެ ކުރިމަތީ މުއައްސަސާތަކުގެ އިތުބާރުގެއްލުވަމުންދާ ފަރާތްތަކާ ދޭތެރޭ ޤާނޫނީގޮތުން އެޅޭ އެއްމެ ހަރުކަށިފިޔަވަޅު އެޅުމަކީ ރައީސުލްޖުމްހޫރިއްޔާ އަޅުގަނޑަށް އަންގަވާފައިވާކަމެއް" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ މިފަދަ ކަންކަމަކީ މިސަރުކާރުން އެއްވެސް ވަރަކަށް ތަހައްމަލު ކުރާނެކަންކަމެއްނޫންކަމަށާއި މި މައްސަލާގައި މިހާރުވާނީ މި ދެންނެވުނު ފަރާތްތަކުން ބޭނުންކުރާ އިލެކްޓްރޯނިކް ސާމާނު ހިފެހެއްޓި ދިރިއުޅޭ ތަންތަން ބަލައި ފާސްކުރެވިފައި ކަމަށެވެ. އަދި މިމައްސަލައިގެ އިތުރު ތަފްސީލުތައް ތަހުޤީގު ކުރިއަށްދާވަރަކުން ފުލުހުނާއި ކަމާއިބެހޭ އެހެން އިދާރާތައްގުޅިގެން ހާމަކުރަމުންދާނެ ކަމަށާއި އަދި ދައުލަތުގެ މުއައްސަސާތަކުގެ އިތުބާރު ގެއްލިދާނެފަދަ ކަންކަމުން ބަރީއަވެ ތިބުމަށް އެއްމެހާ ފަރާތްތަކަށް ތަކުރާރުކޮށް ދަންނަވާކަމުގައިވެސް މިނިސްޓަރު ވިދާޅުވެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް