ބީއެމްއެލް އިސްލާމިކް އިން ރާއްޖޭގެ ފުރަތަމަ ޝަރީޢާ ކޮމްޕްލައެންޓް ވިސާ ކްރެޑިޓް ކާޑު ތައާރަފްކޮށްފި

ބޭންކް އޮފް މޯލްޑިވްސްއިން ޝަރީޢާ ކޮމްޕްލައެންޓް ބީއެމްއެލް އިސްލާމިކް ވިސާ ކްރެޑިޓް ކާޑު މިއަދު ތައާރަފް ކޮށްފިއެވެ. ބީއެމްއެލް އިސްލާމިކް ވިސާ ކްރެޑިޓް ކާޑަކީ، ކަސްޓަމަރަށް ހިދުމަތް ފޯރުކޮށްދިނުމުން...

28 Nov 2024 | 16:25

ބޭންކް އޮފް މޯލްޑިވްސްއިން ޝަރީޢާ ކޮމްޕްލައެންޓް ބީއެމްއެލް އިސްލާމިކް ވިސާ ކްރެޑިޓް ކާޑު މިއަދު ތައާރަފް ކޮށްފިއެވެ.

ބީއެމްއެލް އިސްލާމިކް ވިސާ ކްރެޑިޓް ކާޑަކީ، ކަސްޓަމަރަށް ހިދުމަތް ފޯރުކޮށްދިނުމުން އެއްބަސްވެފައިވާ ފީއެއް ނެގޭ ގޮތަށް އިސްލާމިކް ބޭންކިންގެ އުޖްރާ އުސޫލުން ފަރުމާކޮށްފައިވާ ކާޑެއް ކަމަށް އެ ބޭންކުން ބުނެއެވެ.

ކްލެސިކް، ގޯލްޑް، ޕްލެޓިނަމް އަދި ސިގްނޭޗަރ  ކާޑު ލިބެން ހުންނަ މި ވިސާ ކާޑަކީ ރާއްޖެ އާއި ރާއްޖެއިން ބޭރު މުއާމަލާތްތައް ކުރެވޭ ގޮތަށް  އެންމެ ފަހުގެ ސަލާމަތީ ފިޔަވަޅުތައް އެކުލެވޭ ކާޑެކެވެ. އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވިޔަފާރިތައްކުރުމަށް ފަސޭހަކަމާއި އެކު މި ކާޑު ބޭނުންކުރެވޭނެކަމަށާއި ބީއެމްއެލް އިސްލާމިކް ވިސާ ކްރެޑިޓް ކާޑު ކަސްޓަމަރުންނަށް، ބީއެމްއެލް ރިވޯޑްސް ޕްރޮގްރާމްގައި ބައިވެރިވެ، ކްރެޑިޓް ކާޑުން ކުރާ މުއާމަލާތްތަކަށް ޕޮއިންޓް ހޯދޭނެ ކަމަށާއި އަދި ފްލައިޓް ޓިކެޓް، ކާރު ކުއްޔަށް ނެގުން، ހޮޓެލް ބުކިންތަކަށް ނުވަތަ ރާއްޖެ އާއި ރާއްޖެއިން ބޭރުގެ މަރޗަންޓުންގެ ވައުޗަރ ހޯދުމަށްވެސް ރިވޯޑް ޕޮއިންޓްސް ބޭނުންކުރެވޭނެކަމަށްވެސް އެ ބޭންކުން ބުނެއެވެ.

މި ކާޑާއި ގުޅޭގޮތުން އެ ބޭންކްގެ ޑައިރެކްޓަރ އޮފް އިސްލާމިކް ބޭންކިންގ ހަސަން ކަލާމް ވިދާޅުވީ ކަސްޓަމަރުންނަށްދޭ އިސްލާމިކް ބޭންކިންގެ ހިދުމަތްތައް ފުޅާކޮށް ތަރައްގީކުރުމުގެ ތެރެއިން ޝަރުޢީ ހަމަތަކަށްފެތޭ ކްރެޑިޓް ކާޑު ޕޯރޓްފޯލިއޯއަށް، ވިސާ ކްރެޑިޓް ކާޑު ތައާރަފްކުރުންވެގެންދިޔުމަކީ އެ ބޭންކަށް ލިބޭ އުފަލެއް ކަމަށާއި ބީއެމްއެލްގެ އަމާޒަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފޯރުކޮށްދެމުންދާ ވިސާގެ ހިދުމަތްތަކާއި އެއްހަމައެއްގައި އިސްލާމިކް ބޭންކިންގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން  ހިދުމަތް ބޭނުންވާ ކަސްޓަމަރުންނަށް ހާއްސަ އަދި ރައްކާތެރި ހިދުމަތެއް ފޯރުކޮށްދިނުން ކަމަށެވެ.

ބީއެމްއެލް އިސްލާމިކް އިން އަންނަނީ ރާއްޖޭގެ އިސްލާމިކް ބޭންކިންގް ދާއިރާއަށް ތަފާތު، އައު ހިދުމަތްތައް ތައާރަފްކުރަމުންނެވެ. އެގޮތުން އެ ބޭންކުންވަނީ ރާއްޖޭގެ ފުރަތަމަ ޝަރީޢާ ކޮމްޕްލައެންޓް ކްރެޑިޓް ކާޑު މި އަހަރު ކުރީކޮޅު ތައާރަފް ކޮށްފައެވެ.

ބީއެމްއެލް އިސްލާމިކް ކްރެޑިޓް ކާޑާ ގުޅޭ އިތުރު މައުލޫމާތު ބޭންކުގެ ވެބްސައިޓް މެދުވެރިކޮށް ލިބޭނެކަމުގައިވެސް އެ ބޭންކުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް