ވާހަކަ: އަބަދުވެސް އިންތިޒާރު ކުރާނަން – ތިރީސް ހަވަނަ ބައި

ކުރީގެ އަދަދާއި ގުޅޭ... "ބޭސްގަނޑު އަޅާ ގަޑީގައި ކުޑަކޮށް ދިލަނަގާނެ.... އިރުކޮޅެއްފަހުން ރަނގަޅުވާނެ..... ތިން ދުވަސްކޮށްފައި ބޭސްގަނޑު ނަގާއިރު އޮންނާނީ މުޅިން ރަނގަޅު ވެފައި...." ބޭސްގަނޑު އަޅަމުން...

28 Nov 2023 | 09:28

ކުރީގެ އަދަދާއި ގުޅޭ...

"ބޭސްގަނޑު އަޅާ ގަޑީގައި ކުޑަކޮށް ދިލަނަގާނެ.... އިރުކޮޅެއްފަހުން ރަނގަޅުވާނެ..... ތިން ދުވަސްކޮށްފައި ބޭސްގަނޑު ނަގާއިރު އޮންނާނީ މުޅިން ރަނގަޅު ވެފައި...." ބޭސްގަނޑު އަޅަމުން ނާޝިދު ވާހަކަ ދެއްކިއެވެ.

ބޭސްގަނޑު އަޅާ ނިމެންދެން ޙައިރާންވެފައި ހުމޭދާ ބަލަހައްޓައިގެން އިނެވެ.

"މިދެން ނިމުނީ.... ބޭސްގަނޑު ނަގާނީ ތިންދުވަސްކޮށްފައި.... ބޭސްގަނޑު ނަގަން ނާޝިދު އަންނާނަން.... ދެންދޭ ކޮޓަރިއަށް އަރާމުކޮށްލަން.... ނާޝިދުވެސް މި ދަނީ...." ހުމޭދާއާއި ދިމާއަށް ބަލާލުމަށްފަހު ނާޝިދު ތެދުވެގެން ހިނގައިގަންނަމުން ބުނެލިއެވެ.

ހަސީނާގެ އެހީގައި ޚާލިދު މަޑުމަޑުން ސޯފާއިން ތެދުވެގެން ހިނގައިގަތެވެ. އެވަގުތު ނާޝިދުގެ ފަހަތުން ހުމޭދާ ހިނގައިގަތެވެ.

"ނާޝިދު... ކީތް ތިކުރީ..... ނާޝިދަށް އިނގޭތަ ތިކަހަލަ ބޭސްވެރިކަންވެސް..... މިހާދުވަސްވީއިރުވެސް ތީ އަދި ހުމޭ އަށް ނޭނގިއޮތް ކަމެއް...." ޙައިރާން ވެފައިހުރެ ހުމޭދާ ނާޝިދު އާއި ސުވާލު ކުރިއެވެ.

"ސާބަސް ހުމޭއަށް.... ނާޝިދުގެ ކަންކަން ބަލާކަށް ހުމޭއެއް ނޫޅެމެއްނު.... އުޅޭނަމަ މިހާރު ނާޝިދުގެ ވަރަށް ގިނަ ކަންކަން އެނގިފަ ހުންނާނީ..... ހުމޭ އަށް ނޭނގޭ ވަރަށްގިނަ ކަންކަން ނާޝިދު އެބަކުރަމޭ..... މިހާރު މި މަސައްކަތް ކުރަނީ ހުމޭގެ މަންމަ އާއި ބޭބެގެ ލޯބި ހޯދަން..... އޭގެ ފަހުން ކައިވެނީގެ ވާހަކަ ދައްކާލަންވެގެން....." ހުމޭދާގެ އަތުގައި ހިފާލުމަށްފަހު ނާޝިދު ސަމާސާ ރާގަކަށް ބުނެލިއެވެ.

"ސަމާސާކުރާކަށްވެސް ވަކިވަގުތެއް ނޯވޭތަ...." ހުމޭދާވެސް މަޖާ ރާގަށް ބުނެލިއެވެ.

"އޯކޭ.... ދެން މިވަގުތު ނާޝިދު މިދަނީ.... ބޭބެ މައްޗަށް އަރުވަން މަންމައަށް ހެލްޕްވާން ދޭބަލަ..... ނާޝިދު އަދި ވަރަށް އަވަހަށް ހުމޭ ކައިރިއަށް އަންނާނަން....." ހުމޭދާގެ ކޮލުގައި ހިފާލަމުން ނާޝިދު ބުނެލިއެވެ.

ޖެހިގެން އައިދުވަހެވެ. ޢާއިޝާގެ އޮޕަރޭޝަން ކުރެވޭތީ ޚާލިދު ނޫން ހުރިހާ މީހުން ތިބީ ހޮސްޕިޓަލުގައެވެ. އެއް ދުވަސްވީ އިރު ޚާލިދަށްވަނީ ވަރަށްބޮޑަށް ލުއި ލިބިފައެވެ. އުނަގަނޑުގެ ރިހުންގަނޑުވަނީ ވަރަށްބޮޑަށް ކުޑަވެފައެވެ. އެހެން ނަމަވެސް ބޭސްގަނޑު ނެގުމަށް ހަމަޖެހިފައިވަނީ ތިންދުވަސް ފަހުން ކަމުގައިވާތީ އަރާމުކޮށްލަން ގޭގައި މަޑުކޮށްލީއެވެ. ގަޑިން ހެދުނު ނުވައެއް ޖެހިއިރު ޢާއިޝާ އޮޕަރޭޝަން ތިއޭޓަރަށް ވެއްދުމަށްފަހު ނެރުނީ ގަޑިއެއްހާއިރު ފަހުންނެވެ. އޭރު އަދި ޢާއިޝާ ހެޔެއް ނާރައެވެ. އެހެން ނަމަވެސް ޢާއިޝާގެ ހުރިހާ ކަމެއް ރަނގަޅު ކަމަށާއި، އޮޕަރޭޝަން ކާމިޔާބު ކަމުގައި ޑޮކްޓަރ ބުންޏެއެވެ. އޮޕަރޭޝަން ތިއޭޓަރުން ނެރިގެން ޢާއިޝާ ގެންދިޔައީ ރޫމަށެވެ. ރޫމަށް ގެންދިޔަތާ ބައިގަޑިއެއްހާއިރު ފަހުން މަޑުމަޑުން ޢާއިޝާ ޙަރަކާތް ކުރަން ފެށިއެވެ. އަދި ކުޑަކޮށް ލޯހުޅުވާލުމަށްފަހު ދެފަރާތަށް ބަލާލިއެވެ.

"ކޮބާ ދަރިފުޅު ރަނގަޅުތަ...؟" ޢާއިޝާގެ ބޮލުގައި ފިރުމާލަމުން ޒާހިރާ ސުވާލުކުރިއެވެ.

އޭގެ ޖަވާބުގައި ޢާއިޝާ މަޑުމަޑުން ބޯ ޖަހާލިއެވެ.

"ކޮއްކޮއާ މިވަގުތު މާގިނަ ވާހަކަ ނުދައްކާ.... ޑޮކްޓަރ ބުނެފައޮތީ މިވަގުތު ކޮއްކޮ އަރާމު ކުރުމަށް....." މަންމައާއި ދިމާއަށް ބަލާލުމަށްފަހު އަޒާމް ބުނެލިއެވެ.

"ދަރިފުޅު ހަސީނާދައްތަ ގޮވައިގެން ގެއަށްދޭ ދެން.... ސައިވެސް ނުބޮއެއްނު އަދި ތިހިރީ.... ބައްޕަމެން މިކޮޅުގައި ތިބޭނަން.... ދަރިފުޅު ގެޔަށްގޮސް ސައިބޮއިގެން ނިދާލާފައި މެންދުރުފަހު އާދޭ...." ނާޞިރު އަޒާންއާއި ދިމާއަށް ބަލާލުމަށްފަހު ބުނެލިއެވެ.

ހަސީނާ ގެއަށް އައިސް ފުރަތަމަވެސް ދިޔައީ ކޮޓަރިއަށެވެ.

"މިހާރު ރިހުން ކިހިނެތްތަ....؟" އެދުގައި އިށީންނަމުން ހަސީނާ ޚާލިދުކުރެން އަހާލިއެވެ.

"ރިހުންގަނޑު ވަރަށް ބޮޑަށް ކުޑަވެއްޖެ..... އެވަގުތު ހީވީ އުނަގަނޑު ބިންދައިގެން ދިޔަހެން.... ވަރަށް ބޮޑަށް ތަދުވި...." އުނަގަނޑުގައި އަތްޖައްސާލަމުން ޚާލިދު ވާހަކަ ދެއްކިއެވެ.

"އާނ.... އެވަގުތު އަހަރެންވެސް ވަރަށް ހާސްވި..... ގޭގައި މީހަކުވެސް އުޅުނު ގަޑިއެއް ނޫންވިއްޔަ..... ނަޞީބެއް އެވަގުތު ނާޝިދަށް މިގެއަށް ވަދެވުނުކަން....." ޚާލިދުގެ އުނަގަނޑުގައި އަތް ޖައްސާލަމުން ހަސީނާ ވާހަކަ ދެއްކިއެވެ.

"ކޮންމެ ކަމެއްވެސްވާނީ ރަނގަޅަކަށް..... އެހާ ޒުވާން ކުއްޖަކަށް މިކަހަލަ ބޭސްވެރިކަން އެނގޭނެ ކަމަކަށް މަށެއް ހިޔެއްވެސް ނުކުރަން..... ހާދަ ރަނގަޅު ކުއްޖެކޭ އެއީ....." ޚާލިދު، ހަސީނާއާއި ދިމާއަށް ބަލަން އޮވެ ވާހަކަ ދެއްކިއެވެ.

"އާނ.... ނާޝިދުގެ އެހީތެރިކަން އެވަގުތު ނުލިބުނުނަމަ ނޭގެ ކަންތައް ވާނެ ގޮތެއްވެސް.... މަވެސް ހުރީ ހަދާނެގޮތް ހުސްވެފައި.... މިދަނީ ސައިތައްޔާރު ކޮށްލަން އިނގޭ.... ތައްޔާރު ކޮށްލައިގެން މިގެންނަނީ...." ހަސީނާ ތެދުވަމުން ބުނެލިއެވެ.

"ނޫނޭ.... ކޮންމެހެން ކޮޓަރިއަށް ގެންނާނެ ކަމެއް ނެތް..... މިހާރު ހިނގާލެވެއޭ.... ތިރިޔައަށް ސައިބޯން ދާނީ..... ކޮބާ ހުމޭދާ.... އޭނާ ހޭލައިފިތަ...؟" ހަސީނާ ތެދު ހިނގައިގަތުމުން ޚާލިދު ބުނެލިއެވެ.

"ހުމޭދާވެސް ހޮސްޕިޓަލަށް ދިޔައޭ.... އަހަރުމެންނާއެކު ގެއަށް އެއައީ.... ސައިބޯން އެދިޔައީ..... ޚާލިދުވެސް މަޑުމަޑުން ތިރިއަށް އާދޭ....." ޚާލިދުއަށް ބަލާލުމަށްފަހު ހަސީނާ ބުނެލިއެވެ.

އިރުއޮއްސެއް ކައިރިވަނީ އެވެ. އަޒާން އިނީ ސިޓިންގ ރޫމްގައި ޓީވީ ހުޅުވާލައިގެންނެވެ. އެހެން ނަމަވެސް ޓީވީން ދައްކަނީ ކޯއްޗެއް ކަމެއްވެސް އަޒާން އަކަށް ނޭނގެއެވެ. އަޒާން އިނީ ހުމޭދާގެ ޚިޔާލުތަކުގެ ތެރެއަށް ގެއްލިފައެވެ. އެރީތި ދެލޮލެވެ. އަސަރުގަދަ ތުންފަތެވެ. ޖަންބުކުލަ އަރާ ކޯތާފަތެވެ. އެއްވެސް މޭކަޕެއް ނެތި ހުމޭދާ ހުންނައިރު އެފެންނަ މަޢުސޫމު ކަމެވެ. ފަހަކަށް އައިސް ހުމޭދާއާއި ދޭތެރޭ އަޒާންއަށް އެހާބޮޑަށް ވިސްނެނީ ކީއްވެބާއެވެ. ހުމޭދާގެ އެރީތި ދިގުފަން އިސްތަށިގަނޑާ ކުޅެލާހިތްވަނީ ކީއްވެބާއެވެ. އަބަދުވެސް ހުމޭދާ ފެންނަ ހިސާބުގައި ހުންނަން ބޭނުންވަނީ ކީއްވެބާއެވެ. އަޒާން ގަސްދުކުރީ މިރޭ ކޮންމެވެސް ވަގުތެއް ހޯދައިގެން ހުމޭދާއާއި ބައްދަލުކޮށް އަޒާން ހިތުގެ އެދުން ހާމަ ކުރުމަށެވެ. އަޒާންގެ މިހިޔާލީ ދުނިޔެއިން ނުކުމެވުނީ ކުއްލިއަކަށް ޓީވީ ނިވުމުންނެވެ. އަޒާން ޓީވީގެ ރިމޯޓު ނަގާފައި ދެތިން ފަހަރަކު ރިމޯޓަށް ފިތާލިއެވެ. އެހެންނަމަވެސް ޓީވީއެއް ނުހުޅުވުނެވެ. އެންމެފަހުން ތެދުވެގެން ޓީވީ ކައިރިއަށް ގޮސް ކަރަންޓު ވާގަނޑު ބަލައިލިއެވެ. ކަރަންޓުވެސް ހުއްޓެވެ. ސުވިޗުވެސް ހުރީ ޖައްސާފައެވެ. ސުވިޗް އޮފް ކޮށްލުމަށްފަހު އަނެއްކާ ސްވިޗް އޮންކޮށްލުމަށްފަހު ޓީވީއާ ކުޅެން އިންދާ ކުޑަދޮރުގައި ވަރަށް ބާރަށް އެއްޗެއް ޖެހުނު އަޑު ކަހަލަ އަޑެއް އަޒާންއަށް އިވިގެން އެދިމާއަށް ބަލާލިއިރު ކުޑަދޮރު ކައިރިއަކު އެއްވެސް މީހެއް ނުވަތަ އެއްޗެއްވެސް ފެންނާކަށް ނެތެވެ. ކުޑަދޮރު ހުރީ ވެސް ލައްޕާފައެވެ. އެހެން ނަމަވެސް އެއީ އަޒާން އަށް ހީވި ހީވުމެއް ނޫންކަމުގައިވާތީ އަޒާން ގަސްދުކުރީ ކައިރިއށްގޮސް ވީގޮތެއް ބަލާލުމަށެވެ. އަޒާން ޓީވީ ކައިރިން ތެދުވެގެން ގޮސް ކުޑަދޮރު ހުޅުވާލިއެވެ. ކުޑަދޮރު ހުޅުވާލުމާއެކު ޖެހުނު ވައިރޯޅިއަކާއެކު ކުއްލިއަކަށް ބޭރުން އަތެއް އައިސް އަޒާންގެ ކަރުގައި ހިފިއެވެ. އަޒާން ސިއްސައިގެން ގޮސްފައި އެއަތް ފޮޅާލުމަށްފަހު ފަހަތައް ޖެހިލިތަނާ އަރިއަޅާލައިގެން ވެއްޓުނެވެ. އަޒާން ތެދުވެ ކަރުގައި އަތް ޖައްސާލިއިރު ރިހުމެއް ހުރިކަން ޔަޤީންވިއެވެ. އެހެންނަމަވެސް ކަންތައް އެވީ ގޮތެއް ހަމަ އެއްގޮތަކަށް ވެސް އަޒާން އަކަށް ނޭނގުނެވެ. އެވަގުތު ނިވިފައިހުރި ޓީވީ ވެސް ހުޅުވިއްޖެއެވެ. ކަރަށްވެފައިހުރި ތަދުން ކުއްލިއަކަށް އަޒާން ހޮޑު ލަވައިގެންފިއެވެ. ދުވެފާ ކަހަލަ ގޮތަކަށް މައްޗަށްގޮސް ކޮޓަރީ ފާހާނާއަށް ވަދެވުނީ ހަމަ ކިރިހާއެވެ. ހޮޑު ލެވިއްޖެއެވެ. އަޒާން ފާހާނާއިން ނިކުތްއިރު ވަރުބަލިވެގެން ހިނގާލާނެ ވަރުވެސް ނެތެވެ. ފާރުގައި ހިފަހައްޓަމުން މަޑުމަޑުން އައިސް އެދުގައި އޮށޯވެލުމާއެކު ލޯ މެރިއްޖެއެވެ. ދަންވަރުގެ ވަގުތެވެ. އަޒާން ހޭލެވުނީ މީހަކު ދޮރުގައި ޖަހާ އަޑަށެވެ. އަޒާން ގަޑިއަށް ބަލާލިއެވެ. އެކެއް ޖެހީއެވެ. މިވަގުތު ދޮރުގައި ޖަހާނީ ކާކުބާއެވެ. އަނެއްކާ ޢާއިޝާ ކޮއްކޮއަށް ކަމެއްވީ ބާއެވެ. އަޒާން ތެދުވެގެން ގޮސް ދޮރުހުޅުވާލިއެވެ. އަޒާންއަށް ލިބުނީ ސިހުމެކެވެ. ކުރިމަތީގައި ހިނިތުންވެފައިހުރީ ހުމޭދާ އެވެ. ނިދާ ހެދުމުގައި ހުމޭދާހުރި އިރު ކުރިއަށްވުރެވެސް ރީތިހެން ހީވިއެވެ. ހުމޭދާގެ އެދިގު ފަން އިސްތަށިގަނޑު އޮތީ ފުރަގަހަށް ދޫކޮށްލާފައެވެ. އަޒާން ދޮރު ހުޅުވާލުމާއެކު ހުމޭދާ ކޮޓަރިތެރެއަށްވަނެވެ. އަޒާންހުރީ ވާއެއް ނުވާއެއް ނޭނގި ވަރަށް ބޮޑަށް ހައިރާން ވެފައެވެ. ދަންނަވަރުގެ މިވަގުތު ހުމޭދާ އެއައީ ކީއްކުރަންބާއެވެ. ހުމޭދާ ކޮޓަރިއަށް ވަދެގެންގޮސް އަޒާންގެ އެނދުގައި އިށީނެވެ. އަޒާން ދޮރުކައިރީގައިހުރީ ޙައިރާންވެފައެވެ. ހުމޭދާއަކީ ދުވަހަކުވެސް އަޒާން އާއި އިސްވެ ވާހަކަ ދެއްކި ކުއްޖެއްވެސް ނޫނެވެ. އަޒާންހުރީ ދޮރުމަތީގައި ފާޑަކަށް ހުއްޓުން އަރާފައެވެ. ހުމޭދާ އިނީ އަޒާންގެ ލޮލާ ދިމާއަށް ބަލަހައްޓައިގެންނެވެ. އަދި ކައިރިއަށް އައުމަށް ހުމޭދާ އަތުން އަޒާނަށް އިޝާރާތް ކޮށްލިއެވެ.


ނުނިމޭ... ވާހަކައިގެ އާ ބައެއް، 30 ނޮވެމްބަރު، ބުރާސްފަތި ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް