އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމަށް އަލީ އަހްސަން

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ޑެޕިއުޓީ މިނިސްޓަރުކަމަށް ހދ. ވައިކަރަދޫ ހިސާން، އަލީ އަޙްސަން އައްޔަން ކުރައްވައިފި އެވެ. އަޙްސަން އަކީ، ދީނީ ގިނަ ޢަދަދެއްގެ ޢިލްމުވެރިންނާއި ތަފާތު ދާއިރާތަކުގ...

28 Nov 2023 | 03:38

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ޑެޕިއުޓީ މިނިސްޓަރުކަމަށް ހދ. ވައިކަރަދޫ ހިސާން، އަލީ އަޙްސަން އައްޔަން ކުރައްވައިފި އެވެ.

އަޙްސަން އަކީ، ދީނީ ގިނަ ޢަދަދެއްގެ ޢިލްމުވެރިންނާއި ތަފާތު ދާއިރާތަކުގެ ޢިލްމީ ފުންނާބު އުސް ބޭފުޅުން ހިމެނޭހެން އުފައްދާފައިވާ އިސްލާމިކް އޮގަނައިޒޭޝަން ފޯ ކަލްޗަރ އެންޑް ސިވިލައިޒޭޝަން (އައިއޯސީސީ) ގެ ރައީސް އެވެ. އަދި އައިއޯސީސީ ނައިބު ރައީސްކަން ވެސް އެއިގެ ކުރިންކުރެއްވި އެވެ.

ނޫސްވެރިކަމުގެ ދާއިރާގައި ގިނަދުވަސް ތަކެއް ހޭދަކުރެއްވި އަޙްސަން ވަނީ މޯލްޑިވްސް މީޑިޔާ ކައުންސިލްގެ މެންބަރުކަންވެސް އަދާކުރައްވާފަ އެވެ.

މީގެ އިތުރުން އަޙްސަން އަދާކުރެއްވި ވަޒީފާތަކުގެ ތެރޭގައި، ޖަމިއްޔަތުއް ރަޙްމާގެ ޖެނެރަލް ސެކެޓްރީ ކަމާއި އިލްމު އިންސްޓިޓިއުޓްގެ އެސިސްޓެންޓް ޑިރެކްޓަރކަން ފާހަގަކޮށްލެވެއެވެ. އަދި  ދިއިސްލާމް އޮންލައިން އާއި ދިއިސްލާމް މަޖައްލާ ނެރުމުގައި އިސްކޮށް ހަރަކަާތްތެރިވުމުގެ އިތުރުން އަހްސަން ވަނީ އިސްލާމިކް މިނިސްޓްރީއިން މީގެ ކުރިން ނެރެފައިވާ ހިދާޔަތުގެ އަލި މަޖައްލާ ނެރުމާއި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގައި މާރކެޓިން އަދި މީޑިއާގެ މަސައްކަތުގައި ހަރަކާތްތެރިވެފައެވެ.

އާ ސަރުކާރުގެ އިސްލާމިކް މިނިސްޓަރަކަށް އައްޔަން ކުރައްވާފައިވަނީ، ޑރ. މުހަންމަދު ޝަހީމް ޢަލީ ސައީދު އެވެ. އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމަށް އައްޔަން ކުރައްވާފައިވަނީ ޑރ. މުހައްމަދު ޝުޖާއު އަބްދުލްހަކީމް އެވެ.

ރައީސް އޮފީހުން މިއަދު ވަނީ ގިނަ މިނިސްޓްރީތަކަށް އިތުރު ސްޓޭޓް މިނިސްޓަރުން އައްޔަން ކުރައްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް