ފީފާ ވޯލްޑް ކަޕް 2022 ގެ ގްރޫޕް ޖީގައި މިރޭ ކުޅުނު މެޗުން 1-0 ގެ ނަތީޖާއިން ސްވިޒަލެންޑް ބަލިކޮށް ބްރެޒިލް ދެ ވަނަ ބުރުގެ ޖާގަ ކަށަވަރުކޮށްފިއެވެ.
މި މޮޅާއެކު ބްރެޒިލް 6 ޕޮއިންޓާއެކު ގްރޫޕްގެ 1 ވަނައިގައި އޮތްއިރު، ސްވިޒަލެންޑް 2 ވަނައިގައި އޮތީ 3 ޕޮއިންޓާއެކުގައެވެ. ކެމަރޫން އަދި ސާބިއާއަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ. އެހެންކަމުން ފަހު މެޗުން ބްރެޒިލް އެއްވަރު ވިޔަސް، ގްރޫޕްގެ 1 ވަނަ ކަށަވަރުވާނެއެވެ.
މެޗުގެ ފުރަތަމަ ހާފުގައި ބްރެޒިލްއިން މޮޅަށް ކުޅުނު ނަމަވެސް، ލަނޑެއް ކާމިޔާބު ކުރެވޭގޮތް ނުވިއެވެ. މި ހާފުގައި ވިނީޝިއަސް އަދި ރަފީނާ ގޯލަށް އަމާޒުކޮށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލި ނަމަވެސް، ސްވިޒަލެންޑްގެ ގޯލްކީޕަރ ސޮމާ ވަނީ އެ ބޯޅަތައް ދިފާއު ކޮށްފައެވެ. ފުރަތަމަ މެޗުގައި 2 ލަނޑު ޖެހި ރިޗާލިސަން ފުރަތަމަ ހާފުގައި ފެނުނީ ވަރަށް ދަށް ކޮށެވެ.
ދެ ވަނަ ހާފުގައި ވެސް ބްރެޒިލްއިން ކުޅުން ފެށި ވަރުގަދަކޮށެވެ. އެހެނަސް ވަކި ހިސާބަކުން ސްވިޒަލެންޑުން ކުރިޔަށް ޖެހި އެޓޭކް ކުރަން މަސައްކަތް ކުރަން ފެށިތަން ފެނުނެވެ.
މެޗުގެ 64 ވަނަ މިނިޓުގައި ކަސެމީރޯ އޭރިޔާގެ ތެރެއަށްލި ބޯޅައަކުން ވިނީޝިއަސް ގޯލު ޖެހިއެވެ. އެހެނަސް، އެ ބޯޅަ ކަސެމީރޯއަށް ލިބުމުގެ ކުރިން، އޮފްސައިޑް ޕޮޒިޝަނެއްގައި ހުރެފައި އަހިސް ރިޗާލިސަން އެ ބޯޅައާ ކުޅެފައިވާތީ އޮފްސައިޑް ކަމަށް ނިންމީއެވެ.
ބްރެޒިލް އިން މެޗުގައި ޖެހި ހަމައެކަނި ލަނޑު މެޗުގެ 83 ވަނަ މިނިޓުގައި ކާމިޔާބުކޮށްދިނީ ކަސެމީރޯ އެވެ. ވިނީ އޭރިޔާގެ ތެރެއަށް ކެނޑި ޕާހެއް އެއްބުރުން ރޮޑްރިގޯ ކުރިޔަށް ޖައްސާލުމުން ކަސެމީރޯ ވަނީ ބާރު ހަމަލާއަކުން ގޯލަށް ބޯޅަ ވައްދާލާފައެވެ.
މެޗުގެ ތަފާސް ހިސާބުތައް:
| ބްރެޒިލް | ސްވިޒަލެންޑް | |
| 1 | ލަނޑު | 0 |
| 47% | ބޯލް ޕޮޒިޝަން | 40% |
| 5 | ޝޮޓް އޮން ޓާގެޓް | 0 |
| 1 | ޝޮޓް އޮފް ޓާގެޓް | 0 |
| 557 (89%) | ޕާސްތައް (ކާމިޔާބު މިންވަރު) | 489 (86%) |
| 1 | ރީނދޫ ކާޑު | 1 |
| 0 | ރަތް ކާޑު | 0 |
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް