ވޯލްޑް ކަޕް 2022: ކޮރެއާ ބަލިކޮށް ގާނާ އުންމީދު އާކޮށްފި

ފީފާ ވޯލްޑް ކަޕް 2022 ގެ ގްރޫޕް އެޗްގައި މިރޭ ކުޅުނު ވާދަވެރި ފޯރިގަދަ މެޗުން 3-2 ގެ ނަތީޖާއިން ސައުތު ކޮރެއާ ބަލިކޮށް ގާނާ އުންމީދު އާކޮށްފިއެވެ. ފުރަތަމަ ކުޅުނު މެޗުން ޕޯޗުގަލް އަތުން އެންމެ ލަނޑެއް...

28 Nov 2022 | 15:19

ފީފާ ވޯލްޑް ކަޕް 2022 ގެ ގްރޫޕް އެޗްގައި މިރޭ ކުޅުނު ވާދަވެރި ފޯރިގަދަ މެޗުން 3-2 ގެ ނަތީޖާއިން ސައުތު ކޮރެއާ ބަލިކޮށް ގާނާ އުންމީދު އާކޮށްފިއެވެ.

ފުރަތަމަ ކުޅުނު މެޗުން ޕޯޗުގަލް އަތުން އެންމެ ލަނޑެއްގެ ތަފާތުން ބަލިވި ގާނާ މި މެޗުން މޮޅުވުމާއެކު 3 ޕޮއިންޓާއެކު އެ ޓީމު މި ވަގުތު އޮތީ ގްރޫޕްގެ 2 ވަނައިގައެވެ. އެހެނަސް މިރޭ ޕޯޗުގަލް އާއި އުރުގުއޭ ކުޅޭ މެޗުން ނުކުންނަ ނަތީޖާއެއްގެ ގޮތުން ގާނާއަށް 2 ވަނަ މަގާމު ގެއްލުން ގާތެވެ. މިރޭ ޕޯޗުގަލް މޮޅުވެއްޖެނަމަ އެ ޓީމަށް 2 ވަނަ ބުރު ކަށަވަރުވާނެއެވެ. އުރުގުއޭ މޮޅުވެއްޖެނަމަ ނުވަތަ މެޗު އެއްވަރު ވެއްޖެނަމަ، ދެ ވަނަ ބުރަށް ދާނެ ޓީމުތައް އެނގޭނީ ގްރޫޕްގެ ފަހު މެޗުންނެވެ.

މިރޭގެ މެޗު ސައުތު ކޮރެއާއިން ރަނގަޅަށް ފެށި ނަމަވެސް، ލަނޑު ޖަހާ ލީޑު ނެގީ ގާނާއިންނެވެ. އަޔޫ އޭރިޔާގެ ތެރެއަށް ނަގައިދިން ނުރައްކާތެރި ހުރަސް ކޮރެއާގެ ޑިފެންޑަރުންނަށް ސާފުކޮށްނުލެވުމުގެ ފައިދާ ނަގައި މި ލަނޑު ޖެހީ ސަސީލޫ އެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން މެޗުގެ 34 ވަނަ މިނިޓުގައި ގާނާގެ އަޔޫ ދިން ބޯޅައަކުން މުހައްމަދު ކުޑޫސް އިތުރު ލަނޑެއް ޖަހައި ގާނާގެ ލީޑު ފުޅާކޮށްދިނެވެ.

ދެ ވަނަ ހާފު ފެށިގެން ސައުތު ކޮރެއާ އިން މޮޅަށް ކުޅެމުން ދިޔައިރު، އެ ޓީމުން ފަހަތުން އަރާ ދެ ލަނޑު ޖަހާ ނަތީޖާ ހަމަހަމަކޮށްލި ވެސްމެއެވެ. 58 ވަނަ މިނިޓުގައި ލެފްޓް ވިންގުން ލީ ނަގައިދިން ހުރަހަކުން ބޮލުން ޖަހާ ޗޯ ލަނޑު ޖެހިއިރު، އެއްވަރު ކުރި ލަނޑު މެޗުގެ 61 ވަނަ މިނިޓުގައި ކާމިޔާބު ކޮށްދިނީ ވެސް ޗޯ އެވެ.

ކޮރެއާ އިން ކުރި ހިތްވަރާއި މަސައްކަތް ބޭކާރުވީ މެޗުގެ 68 ވަނަ މިނިޓުގައި ގާނާގެ މުހައްމަދު ކުޑޫސް ލަނޑެއް ޖަހައި އަނެއްކާ ވެސް ގާނާއަށް ލީޑު ނަގައިދިނުމުންނެވެ. އޭގެ ފަހުން ކޮރެއާގެ މުޅި ޓީމު ކުރިޔަށް ޖެހި ލަނޑު ޖަހަންކުރި މަސައްކަތް ބޭކާރުވިއިރު، މި ނަތީޖާއާއެކު ކޮރެއާއަށް ކުރިޔަށް ދިއުމަށް ދެން އޮތީ ވަރަށް ހަނި ފުރުސަތެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް