ހދ.ފިނޭއާއި މ.މުލި ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު އެމްޓީސީސީ އާއި ހަވާލުކޮށްފި އެވެ.
މި އެއްބަސްވުންތަކުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓާ ޖެނެރަލް ޝާނާ ފަރޫޤްއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ސީއީއޯ އާދަމް އާޒިމްއެވެ.
މީގެ ތެރެއިން މުލީގެ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގެ ދަށުން އެމްޓީސީން މުލީގައި 479 މީޓަރުގެ ބަނދަރެއް ތަރައްޤީކުރާނެވެ. މުއްޔަކީ އާބާދީގައި ހާހަކަށްވުރެ ގިނަ މީހުން ދިރިއުޅޭ ރަށެކެވެ. އެރަށުގައި މިހާރު ބޭނުންކުރަމުންދާ ބަނދަރަކީ ދުވަސްވުމުގެ ސަބަބުން، ވަރަށް ބޮޑަށް ހަލާކުވެ އެއްގަމު ތޮއްޓަށްވެސް ބޮޑެތި ގެއްލުންވެފައިވާ ބަނދަރެކެވެ.
މި މަސައްކަތުގައި ދެން ހިމެނެނީ ބަނދަރު ފުންކުރުމާއި، 465 މީޓަރުގެ ބޭރު ތޮށި ލުމާއި، 89 މީޓަރުގެ ސަރަޙައްދުގައި ރިވެޓްމަންޓްޖެހުމެވެ. އަދި ބަނދަރުގައި ރޭމްޕް ހެދުމާއި ކޮންކްރިޓް ބްރިޖެއް ހެދުމާއި ޕޭވްމަންޓާއި ނެރުބައްތި އަދި ބަނދަރު ބައްތި ޖެހުމުގެ މަސައްކަތްވެސް މި މަޝްރޫޢުގެ ދަށުން ކުރިއަށްގެންދާނެއެވެ.
މި މަސައްކަތް އެމްޓީސީސާއާ ހަވާލުކޮށްފައިވަނީ 65.6 މިލިއަން ރުފިޔާއަށް 18 މަސްދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.
ފިނޭގައި ހެދުމަށް ހަމަޖެހިފައިވަނީ 248 މީޓަރުގެ ބަނދަރެކެވެ. އަދި ބަނދަރުގައި 219 މީޓަރުގެ ބޭރު ތޮށި ލުމާއި، ރިވެޓްމަންޓްޖެހުމާއި ހާާބަރ ޕޭވްމަންޓް ހެދުމާއި، ނެރު ބައްތި އާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ. އަދި ހައި ސްޕީޑް ފެރީ ނެޓްވޯރކަށް ބޭނުންވާ އެކްސަސް ޕްލެޓްފޯރމެއްވެސް ބަނދަރުގައި ހެދުމަށްވެސް މި މަޝްރޫޢުގެ ދަށުން ވަނީ ހަވާލުކޮށްފައެވެ.
ފިނޭގެ ބަނދަރުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 15 މަސް ދުވަހުން ނިންމާގޮތަށް 47 މިލިއަން ރުފިޔާއަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް