ބޮލީވުޑްގައި ކުރިއަރަމުން އަންނަ ތަރިން ކަމަށްވާ އިޝާން ކައްކަރާއި އަނަންޔާ ޕާންޑޭ ރުޅިވާން ޖެހުނު ސަބަބަކަށް މެދުވެރިވީ ވިޖޭ ދެވަރަކޮންޑާ ކަން ހާމަވެއްޖެ އެވެ.
ކަރަން ޖޯހަރުގެ ރިއަލިޓީ ޝޯ "ކޮފީ ވިތް ކަރަން" އަކީ ވަރަށް ގިނަ ތަރިންގެ ސިއްރު މައުލުމާތުތައް އާންމުވާ ޝޯ އެކެވެ. އެ ޝޯގެ ސީޒަން ހައެއް ނިންމާލާފައިވާއިރު އަދިވެސް ދަނީ ޝޯގެ އެޕިސޯޑުތަކުގައި ދެކެވުނު ވާހަކަތައް ތިލަކުރަމުންނެވެ.
އޭގެ ތެރެއިން އަނަންޔާ އާއި އިޝާންގެ ގުޅުމަށް ކުއްލިއަކަށް ވީގޮތް ނޭނގޭ ގިނަ ބަޔަކަށް ސަބަބު ވަނީ ހާމަވެފައި އެވެ ދެމީހުން ރުޅިވާން ޖެހުނު ސަބަބު ނުސީދާކޮށް ހާމަކުރީ ކަރަން އެވެ.
ކަރަން ބުނީ އެ ދެމީހުން ރުޅިވީ އަނަންޔާގެ ހިތަށް ވިޖޭ އަރާވަރުން ކަމަށެވެ. އަދި އިޝާން އާއި ދެމީހުންގެ ގުޅުމަށް ބެލުމެއް ނެތި އަނަންޔާ ވިޖޭ އާއި އެކު ކެއުމަކަށް ދިޔަ ކަމަށެވެ. ދެމީހުންގެ ގުޅުމަށް ބުރޫއަރައި ރުޅިވާން ޖެހުނު ހިސާބަކީ އެއީ ކަމަށް ކަރަން ބުނެފައިވެ އެވެ.
އަނަންޔާ ވަނީ ވިޖޭ އާއި އެކު އެންމެ ފަހުން ކުޅުނު ފިލްމު "ލިގަރް"ގެ ޕްރޮމޯޝަންގެ ތެރެއިންވެސް އޭނާ ވިޖޭ އާއި ރައްޓެހިވާން ބޭނުން ވެގެން އެކަން ހުށަހެޅި ކަމަށް ބުނެފައި އެވެ. އެކަމަކު ވިޖޭ ޖަވާބެއް ދީފައި ނުވާ ކަމަށްވެ އެވެ.
އޭގެ ފަހުން ވަނީ ވިޖޭގެ ލޯބިވެރިޔަކީ ސައުތް އިންޑިއާގެ މަޝްހޫރު ތަރި ރަޝްމިކާ މަންދަނާކަން ހާމަވެފައި އެވެ.
އެ ދުވަސްވަރު އަނަންޔާ ދެއްކި ވާހަކަތަކަށް ފާޑުކީ މީހުން ދަނީ އަނަންޔާއަށް މިހާރު އެހުރީ ލަނޑެއް ލިބިފައި ކަމަށް ބުނަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް