ޕްލާސްޓިކް ކޮތަޅުން ދެ ރުފިޔާ ނަގަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
ކުނި މެނޭޖުކުރުމާ ބެހޭ ބިލަށް މި އިސްލާހު ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ކޮމަންޑޫ ދާއިރާގެ މެމްބަރުން މުހައްމަދު ރަޝީދު އެވެ. މި އިސްލާހު ފާސްކުރީ52 ވޯޓުންނެވެ.
މި އިސްލާހުގައި ވާގޮތުން ފިހާރަތަކުން ގަންނަ ތަކެތި އަޅަން ޕްލާސްޓިކް ކޮތަޅު ދޭންވާނީ ދެ ރުފިޔާގެ ފީއަކާއި އެކު އެވެ. ފިހާރަތަކުން ކަސްޓަމަރަށް ދޭ އިންވޮއިސް ނުވަތަ ރަސީދުގައި ކަސްޓަމަރުގެ އަތުން ޕްލާސްޓިކް ކޮތަޅަށް ނެގި އަގު ހިމަނަން ޖެހޭނެ ކަމަށް އެ ބިލުގައިވެ އެވެ.
ބިލުގައި ބުނެފައި ވަނީ ޕްލާސްޓިކް ކޮތަޅުން ނަގާ ޓެކްސް މީރާއަށް ދައްކަން ޖެހޭނެ ކަމަށެވެ. އެ ޓެކްސް ނުނަގައި ޕްލާސްޓިކް ކޮތަޅު ދީފި ނަމަ 5،000 ރުފިޔާ އާއި 50،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖުރިމަނާ ކުރާނެ ކަމަށެވެ.
މި ބިލުގައި ވަނީ ޕްލާސްޓިކް ކޮތަޅުން ފައިސާ ނުނެގޭނެ ހާލަތްތަކެއްވެސް ބަޔާންކޮށްފައި އެވެ.
އޭގެ ތެރޭގައި ހިމެނެނީ ޑިއުޓީ ފްރީ ފިހާރަތަކުން ކުރާ ވިޔަފާރި، ބަންދު ނުކޮށް ހުންނަ ތާޒާ މަސް އެޅުމަށް ބޭނުންކުރާ ކޮތަޅެވެ. އަދި ބަންދު ނުކޮށް ހުންނަ ހަނޑޫ، ހަކުރު އަދި ފުށް އެޅުމަށް ބޭނުންކުރާ ކޮތަޅު ހިމެނެ އެވެ.
މީގެ އިތުރުން 50 އަށް ވުރެ ގިނަ ޕްލާސްޓިކް ކޮތަޅު ހިމެނޭ ކޮތަޅު ބޮނޑި އާއި ކުނި މެނޭޖުކުރާ ފަރާތްތަކަށް ވިއްކާ ކަޅު ކޮތަޅުންވެސް ފައިސާ ނުނެގޭނެ ކަމަށް ބުނެފައިވެ އެވެ.
މިއަދު ފާސް ކުރި އިސްލާހަށް އަމަލު ކުރަން ފަށާނީ ރައީސް، ބިލް ތަފްސީދު ކުރައްވާ ދުވަހުން ފެށިގެން ހަތަރު މަސް ދުވަހުގެ ތެރޭގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް