ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ) އާއި ދެކޮޅަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަބުރުގެ ދައުވާ ކުރައްވަން ނިންމަވައިފި އެވެ.
އެ މައްސަލަ މިހާރު ވަނީ ސިވިލް ކޯޓަށް ވައްދާފައި އެވެ. އެ މައްސަލަ ކޯޓަށް ހުށަހެޅީ ލިޓިޖެންޓްސްގެ ފަރާތުންނެވެ.
ލިޓިޖެންޓްސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސިވިލް ކޯޓަށް ހުށަހެޅުއްވި ދައުވާގައި ނަޝީދުގެ ފަރާތްޕުޅުން އެދިވަޑައިގެންފައި ވާނީ އަބުރަށް އަރައިގަތުމުގެ ބަދަލެއްގެ ގޮތުން ޝަރީފް އަތުން 10 މިލިއަން ރުފިޔާ ނަގައިދިނުމަށް ކަމަށެވެ.
ކޯޓަށް މި މައްސަލަ ހުށަހެޅުއްވީ ޝަރީފު ކުރެއްވި ޓުވީޓަކާއި ގުޅިގެން ނަޝީދަށް ލިބުނު މައުނަވީ ބަދަލުގެ ގޮތުގައި އެވެ. މި މަހުގެ25 ވަނަ ދުވަހު ޝަރީފު ކުރެއްވި އެ ޓުވީޓުގައި ވަނީ ދޮގު ވާހަކަތަކެއް ކަަމށްވެސް ބުނެފައިވެ އެވެ.
ޝަރީފު އެ ދުވަހު ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަން ވައްޓާލަން 50 މީހަކު މަރާލައި މަރުގެ ތުހުމަތު މައުމޫންގެ އިސްތަށިފުޅުގައި އަޅުވަން ނަޝީދު ރޭއްވެވި ކަމަށެވެ. އެ އަނިޔާވެރި އަމަލު ހުއްޓުވުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ގަރާރެއް ފާސްކުރި ކަމަށް ޓްވީޓްގައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް