ދުވާފަރު ހުރިހާ ކައުންސިލަރުން ސަސްޕެންޑުކޮށްފި

ރ. ދުވާފަރު ކައުންސިލްގެ ހުރިހާ ކައުންސިލަރުން ސަސްޕެންޑު ކޮށްފި އެވެ. އެ ކައުންސިލްގައި ހަތް ކައުންސިލަރުން ތިއްބަވަ އެވެ. އޭގެ ތެރެއިން އެއް ކައުންސިލަރަކު އިސްތިއުފާދެއްވާފައިވާތީ ސަސްޕެންޑުކޮށްފައ...

28 Nov 2022 | 07:09

ރ. ދުވާފަރު ކައުންސިލްގެ ހުރިހާ ކައުންސިލަރުން ސަސްޕެންޑު ކޮށްފި އެވެ.

އެ ކައުންސިލްގައި ހަތް ކައުންސިލަރުން ތިއްބަވަ އެވެ. އޭގެ ތެރެއިން އެއް ކައުންސިލަރަކު އިސްތިއުފާދެއްވާފައިވާތީ ސަސްޕެންޑުކޮށްފައިވަނީ ބާަކީ ތިއްބެވި ހަ ކައުންސިލަރުންނެވެ.

ކައުންސިލަރުން ސަސްޕެންޑު ކުރީ އިއްޔެ އެލްޖީއޭއިން ބޭއްވި ބައްދަލުވެއްގައި އެވެ. އެލްޖީއޭއިން ވަނީ އެކަން ކަށަވަރުކޮށްދީފައި އެވެ.

ކައުންސިލަރުންގެ ތެރެއިން ތިން ފިރިހެން ކައުންސިލަރުން ސަސްޕެންޑު ކޮށްފައިވަނީ ތިން މަސްދުވަހަށެވެ. އަންހެން ކައުންސިލަރުން ސަސްޕެންޑު ކުރީ ދެ މަސް ދުވަހަކަށެވެ.

ކައުންސިލްގެ ހިންގުން މިހާރު ހަވާލުކޮށްފައި ވަނީ ސެކްރެޓަރީ ޖެނެރަލްއާ އެވެ.

ދުވާފަރު ކައުންސިލަރުން ސަސްޕެންޑު ކުރީ ކައުންސިލްގެ ހުރިހާ މެމްބަރުންނާއި އަންހެނުންގެ ކޮމިޓީގެ މެމްބަރުންގެ އިތުރުން ބައެއް މުވައްޒަފުންގެ ބައިވެރިވުމާ އެކު ހިންގާފައިވާ ކަމަށް ތުހުމަތުކުރާ ބޮޑު ހިޔާނާތާ ގުޅިގެންނެވެ. އެ މައްސަލަ ފެންމަތިވީ އެލްޖީއޭގެ މޮނިޓަރިން ރިޕޯޓަކުންނެވެ.

އެ ރިޕޯޓުން އެނގުނު ގޮތުގައި ދުވާފަރު ކައުންސިލް މެމްބަރުން ވަނީ އަމިއްލަ އެކައުންޓަށް މިލިއަނުން ދައުލަތުގެ ފައިސާ ޖަމާ ކޮށްފައި އެވެ. އަދި ހިސާބުތަކާއި ލިޔެކިޔުންތައްވެސް ބަލަހައްޓާފައި ނުވާކަން އެނގިގެން ގޮސްފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް