ބޮޑެތި ތުހުމަތުތަކާއި އެކު މެމްބަރު ޖާބިރާއި ޒަރީރުގެ މެދުގައި ބަހުގެ ހަމަލާތަކެއް!

މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރާއި މަތިވެރީ ދާއިރާގެ މެމްބަރު ހަސަން ޒަރީރުގެ މެދުގައި ވަރުގަދަ ބަހުގެ ހަމަލާތަކެއް ބަދަލުކުރައްވައިފި އެވެ. މާލެއާއި...

28 Nov 2022 | 06:17

މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރާއި މަތިވެރީ ދާއިރާގެ މެމްބަރު ހަސަން ޒަރީރުގެ މެދުގައި ވަރުގަދަ ބަހުގެ ހަމަލާތަކެއް ބަދަލުކުރައްވައިފި އެވެ.

މާލެއާއި އަތޮޅު ތެރޭގެ ވިޔަފާރިތަކުން ކަރަންޓަށް ނަގާ ރޭޓު ހަމަހަމަ ކުރުމަށް ސަރުކާރުން ހުށަހެޅި ބިލު ދިރާސާ ކުރުމަށް ފަހު ކޮމިޓީން ފޮނުއްވި ރިޕޯޓަށް ފުރަތަމަ ބަހުސް ކުރެއްވީ ޒަރީރެވެ. އޭނާގެ ވާހަކައިގަ ދެއްކެވީ މަތިވެރީގައި ޖާބިރުގެ ކުންފުނިން ހިންގާ ގެސްޓު ހައުސްއިން ރަށަށް ގެންއްލުން ވަމުންދާ ވާހަކަ އެވެ.

ޒަރީރު ވިދާޅުވީ ޖާބިރު އެ ގެސްޓު ހައުސްގެ ކުއްޔާއި ކަރަންޓު ބިލު ނުދައްކާތާ ހަތަރު ވަރަކަށް އަހަރުވެފައިވާ ކަމަށެވެ. އެކަމަކު ޖާބިރުވުމުން އެއްވެސް އިދާރާއަކަށް ފިޔަވަޅު އަޅަން ނުކެރިގެން އުޅެނީ ކީއްވެކަން ނޭނގޭ ކަމަށް ވިދާޅުވި އެވެ.

ޒަރީރު ވިދާޅުވީ ޖާބިރުގެ ގެސްޓު ހައުސްގެ ސަބަބުން މަތިވެރިއަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާއިރު ރައްޔިތުންގެ ގޭގޭގެ ކަރަންޓު ބިލުތައް ބޮޑުކަމުން ނުދެއްކިގެން ގޭގެއިން ކަރަންޓު ކަނޑަމުންދާ ކަމަށެވެ. އެއީ އިންސާފު ނޫން ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޖާބިރުގެ ގެސްޓު ހައުސްއިން ހަލައްކަ ހަތްދިހަ ހާހަށްވުރެ ގިނަ ރުފިޔާގެ ކަރަންޓު ބިލު ނުދައްކާ އެބައޮތް ކަމަށެވެ.

މިވާހަކަތަކަށް ރައްދު ދެއްވައި ފަހުން ޖަލްސާގައި ޖާބިރު ވިދާޅުވީ މަތިވެރީގައި ހިންގާ ގެސްޓު ހައުސްއިން ދައްކަން ޖެހޭ އެއްވެސް ފައިސާއެއް ނޯންނާނެ ކަމަށެވެ. އެކަމުގެ ހެއްކަކީ އޭނާ އާއި ދެކޮޅަށް އެއްވެސް ކޯޓަކުން ހުކުމެއް ކޮށްފައި ނެތުން ކަމަށް ވިދާޅުވި އެވެ.

ޖާބިރު ވިދާޅުވީ ޒަރީރަކީ ހައްދުފަހަނައަޅާފައިވާ މީހުންނާއި ގުޅިގެން ސީރިއާއަށް މީހުން ހަނގުރާމައަށް ފޮނުވާ މީހެއް ކަމަށެވެ.

ޖާބިރު މިހެން ވިދާޅުވުމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވާހަކަ ހުއްޓުވައި ހެއްކާއި އެކު އެފަދަ ތުހުމަތު ކުރެއްވުމަށް ޖާބިރަށް އިލްތިމާސް ކުރައްވާފައި އެވެ. ނަޝީދަށް ރައްދު ދެއްވައި ޖާބިރު ވިދާޅުވީ ޒަރީރު ދެއްކެވި ވާހަކަތަކާއި ގުޅިގެން ނަޝީދު އެހެން ވިދާޅުވެފައި ނުވާ ކަމަށެވެ.

ޖާބިރު މަތިވެރީގައި ހިންގާ ގެސްޓު ހައުސްގެ މައްސަލައިގަ މީގެ ކުރިންވެސް ހިތްހަމަ ނުޖެހުންތައް އެ ރަށު މީހުންނާއި ޖާބިރާއި ދެމެދު ހިނގާފައިވެ އެވެ. ކައުންސިލުންވެސް ޖާބިރާއި ދެކޮޅަށް މީގެ ކުރިން ވާހަކަ ދައްކާފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް