ކުށްކުރަން ކުޑަކުދިން ބޭނުންކުރާ މައްސަލައިގަ ވަކިން ދައުވާކުރަން ފަށައިފި

މިފަހަކަށް އައިސް ކުށްކުރުމުގައި ކުޑަކުދިން ބޭނުން ކުރާ މައްސަލައިގަ ވަކިން ދައުވާ ކުރަން ނިންމައިފި އެވެ. އެފަދަ މައްސަލައަކީ މިދިޔަ ޖޫން މަހު އައްޑޫ ސިޓީ ފޭދޫގައި މުހައްމަދު ޒިޔާން މަރާލި މައްސަލަ އ...

28 Nov 2022 | 05:55

މިފަހަކަށް އައިސް ކުށްކުރުމުގައި ކުޑަކުދިން ބޭނުން ކުރާ މައްސަލައިގަ ވަކިން ދައުވާ ކުރަން ނިންމައިފި އެވެ.

އެފަދަ މައްސަލައަކީ މިދިޔަ ޖޫން މަހު އައްޑޫ ސިޓީ ފޭދޫގައި މުހައްމަދު ޒިޔާން މަރާލި މައްސަލަ އެވެ. އެ މައްސަލައިގަ ޒިޔާން ގަޔަށް ވަޅި ހެރި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހުންގެ ތެރޭގައި ހިމެނޭ ކުޑަކުދިންނަކީ ރެކްރޫޓުކޮށްގެން އެ ކުދިން ލައްވާ ކުރި ކަމެއް ކަމަށް ފުލުހުން ބުނެފައިވެ އެވެ.

ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމު ވިދާޅުވީ އެ މައްސަލައިގަ ހަތް މީހެއްގެ މައްޗަށް ދައުވާ ކުރަން އިއްޔެ ކްރިމިނަލް ކޯޓަށް ފޮނުވާފައިވާ ކަމަށެވެ. އޭނާ ވިދާޅުވި އޭގެ ތެރެއިން ހަ މީހެއްގެ މައްޗަށް ވަނީ ކުޑަކުދިން ލައްވާ ކުށް ކުރުމުގެ އަށް ދައުވާއެއް ކޮށްފަ އެވެ.

އެ ކުށް ސާބިތުވެއްޖެ ނަމަ އެމީހުންގެ މައްޗަށް24 އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

މި މައްސަލައިގަ ދެން ހިމެނޭ މީހާގެ މައްޗަށް ވެސް ކުޑަކުދިން ލައްވާ ކުށްކުރުވުމުގެ ހަތަރު ދައުވާއެއް، ވަކިވަކިން ހުށަހަޅާނެ ކަމަށް ޝަމީމް ވިދާޅުވި އެވެ. ޕީޖީ ވިދާޅުވީ މިއީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން، ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ކުށުގެ ދައުވާ އެންމެ ގިނަ ބައެއްގެ މައްޗަށް ހުށަހެޅި މައްސަލަ އެވެ.

އޭނާ ވިދާޅުވީ މި ދައުވާތަކަކީ މިފަދަ ކުށްތަކަށް ދައުވާ ކުރުމުގެ ފެށުން ކަމަށެވެ. ކުރިޔަށް އޮތްތާވެސް ކުށްކުރުމުގައި ކުޑަކުދިން ބޭނުންކުރުން ނިމުމަކަށް ގެނައުމަށް ގާނޫނީ ގޮތުން އެޅެން ހުރި ފިޔަވަޅުތައް އަޅާނެ ކަމަށް ވިދާޅުވި އެވެ.

އިތުރަށް ވިދާޅުވީ މިމައްސަލައިގެ ތެރެއިން ކަށަވަރުވި ކަމަކީ، ކުށްކުރާ ޖަމާއަތްތަކުން ކުށްކުރުމުގައި، ގަސްތުގައި ކުޑަކުދިން ބޭނުންކުރާކަމެވެ. އަދި އެކުދިން ލައްވާ ކުށްކުރުވުމަށް ފަހު، ދިފާއުގައި ހެކި އުފެއްދޭގޮތަށް ހަރަކާތްތައް ހިންގާފައިވާކަންވެސް އެނގިގެން ގޮސްފައިވާ ކަމަށް ވިދާޅުވި އެވެ.

ޕީޖީ ވިދާޅުވި ގޮތުގައި މައްސަލާގައި ހިމެނޭ ކުދިން ލައްވާ ކުށް ކުރުވި ވަގުތު، އެހެން ތަނެއްގައި ތިބިކަން ދެއްކުމަށްޓަކައި، ވަކި ރޭވުމެއްގެ ތެރެއިން، ކުށުގެ މާހައުލު ނޫން އެހެން ތަނެއްގައި އެ ވަގުތު ކުއްޖާ އުޅުނުކަން ދެއްކުމަށް އެހެން މީހުން ލައްވައި، މި ކަމުގައި ހިމެނޭ ބޮޑެތި މީހުން މަސައްކަތް ކުރުން ފަދަ ކަންކަން ކުރި އެވެ. އެ މީހުން އެކަން ކުރީ އެގޮތަށް، އެ ބޭނުމުގައިކަން، ތަހުގީގަށް ހޯދިފައިވާ ކަމަށާއި ހެކި އުފައްދަން އުޅުނަސް ފުލުހުން "އެއް ފިޔަވަޅު ކުރީގައި" ތިބުމުން އެކަން ކާމިޔާބު ނުވީ ކަމަށް ޝަމީމް ވިދާޅުވި އެވެ.

ޒިޔާންގެ މަރުގެ މައްސަލައިގަ އިތުރުން ދެ މީހެއްގެ މައްޗަށް ވަނީ ތޫނުއެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ ކޮށްފަ އެވެ. އަދި ފަސް މީހެއްގެ މައްޗަށް، ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގައި އެހީތެރިވުމުގެ ކުށުގެ ދައުވާ ވެސް ވަނީ ކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް