ފީފާ ވޯލްޑް ކަޕްގައި ސްޕެއިން އާއި ޖަރުމަނު ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.
އަލް ބައިތް ސްޓޭޑިއަމުގައި ސްޕެއިން އަދި ޖަރުމަން ބައްދަލުކުރި މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއިންނެވެ.
މި މެޗު ފެށިގެން ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުން ވެސް ފެނިގެން ދިޔައީ ވަރަށް ހަމަހަ ކުޅުމެކެވެ. އެގޮތުން ދެ ޓީމުން ވެސް ދިޔައީ ހަމަލާއުފައްދާ ނަތީޖާ ނެރެވޭތޯ ބުރަކޮށް މަސައްކަތް ކުރަމުންނެވެ. އެގޮތުން ސްޕެއިންގެ ޑެނީ އޮލްމޯ ފޮނުވާލި ބާރު ހަމަލާއަށް ޖަރުމަނުގެ ކީޕަރު ހުރަސް އެޅިއިރު، ޖޯޑީ އަލްބާ ފޮނުވާލި ހަމަލާ ދިޔައީ ގޯލާއި އަމާޒުނުވެ ބޭރަށެވެ. މީގެ އިތުރުން ޖަރުމަނުގެ ސާޖް ގިނާބްރީ އާއި ކިމިޗްގެ ހަމަލާތަކައް ހުރަސް އެެޅީ ސްޕެއިންގެ ގޯލް ކީޕަރު އުނައި ސިމޮންއެވެ.
މި ހާފުގައި ޖަރުމަނުން ވަނީ ލަނޑެއް ވެސް ޖަހާފައެވެ. ލިބުނު ހިލޭ ޖެހުމަކުން ގޯލު ކުރިމައްޗަށް ހުރަސްވި ބޯޅައެއް އެންޓޯނިއޯ ރުޑިގާ ބޮލުން ޖަހާ ގޯލުގެ ތެރެއަށް ފޮނުވާލިއެވެ. ނަމަވެސް މި ބޯޅަ ފޮނުވާލިއިރު، ރުޑިގާ ހުރީ އޮފްސައިޑުގައި ކަމަށް ވުމުން މި ލަނޑު ބަލައިގެންފައެއް ނުވެއެވެ.
ފުރަތަމަ ހާފުގެ ކުޅުން ނިމުނު އިރު، އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވިއިރު، މި މެޗުގައި ފެނިގެން ދިޔަ ދެ ލަނޑުވެސް ޖަހާފައިވަނީ ފަހު ހާފުގައެވެ. އެގޮތުން މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ސްޕެއިން ޓީމުންނެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އަލްވާރޯ މޮރާޓާ ސްޕެއިންއަށް ލީޑު ނަގައިދިނީ ޖޯޑީ އަލްބާ ދިން ބޯޅައެއް ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ. ޖަރުމަނުން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ މެޗުގެ 83 ވަނަ މިނެޓުގައެވެ. ޖަރުމަނަށް ނަތިޖާ ހަމަހަމަ ކޮށްދިން ލަނޑު ޖަހައިދިނީ ޖަމާލް މުސިއާލާގެ އެހީތެރިކަމާއި އެކު ނިކްލަސް ފުލްކްރަގްއެވެ.
މި ނަތީޖާއާއެކު ގްރޫޕް އީގެ އެއްވަނާގައި ސްޕެއިން އޮތީ ހަތަރު ޕޮއިންޓު ހޯދައިގެންނެވެ. ދެވަނާގައި އޮތް ޖަޕާނާއި ތިންވަނާގައި އޮތް ކޮސްޓަރިކާއަށް ލިބެނީ ތިން ޕޮއިންޓެވެ. ގްރޫޕް ތާވަލުގެ ފުލުގައި ޖަރމަނީ އޮތީ އެންމެ ޕޮއިންޓަކާއެކުއެވެ. އެހެންކަމުން މުބާރާތުގެ ދެވަނަ ބުރަށް ދިއުމަށް ޖަރުމަނަށް އޮތީ ވަރަށް ހަނި ފުރުސަތެކެވެ.
ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި އަންނަ މަހުގެ 2 ގައި ސްޕެއިން ބައްދަލުކުރާނީ ޖަޕާން އާއެވެ. އަދި ޖަރުމަން ފަހު މެޗުގައި ބައްދަލުކުރާނީ ކޮސްޓްރިކާއާއެވެ. މި ދެމެޗުވެސް ކުޅެން ހަމަޖެހިފައިވަނީ ރޭގަނޑު ދަންވަރު 00:00 ގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް