ކިޔަވައިދޭއިރު ފިލާވަޅު ނޯޓު ކުރުމުގައި ލެޕްޓޮޕާއި ޓެބްލެޓް ބޭނުން ކުރުމުން ކިޔެވުމަށް ދަށްވާ ކަމުގައި ނިއުޔޯކް ޓައިމްސް އިން ރިޕޯޓް ކޮށްފި އެވެ.
ނިއުޔޯކްޓައިމްސް އިން މިކަން ރިޕޯޓް ކޮށްފައިވަނީ ދިރާސާތަކެއްގެ އަލީގަ އެވެ.
އެގޮތުން ފުރަތަމަ ދިރާސާއަކީ އެމެރިކާގެ ދެ ޔުނިވާސިޓީއެއް ކަމުގައިވާ ޕްރިންސްޓަން ޔުނިވާސިޓީ އާއި ޔުނިވާސިޓީ އޮފް ކެލިފޯނިއާއިން ކޮށްފައިވާ ދިރާސާ އެކެވެ. އެ ދިރާސާގައި ދަރިވަރުންތަކެއް ދެ ގްރޫޕަކަށް ބަހާލުމަށްފަހު އެއް ގްރޫޕްގެ ދަރިވަރުން ފިލާވަޅު ނޯޓު ކުރުމުގައި ލެޕްޓޮޕް ބޭނުންކުރުމަށް އެންގި އެވެ. އަދި އަނެއް ގްރޫޕްގެ ދަރިވަރުން ފިލާވަޅު ނޯޓު ކުރުމުގައި ފޮތާއި ގަލަން ބޭނުން ކުރަން އެންގި އެވެ.
އެ ދިރާސާގެ ނަތީޖާ ދެއްކި ގޮތުން ލެޕްޓޮޕް ބޭނުންކުރި ދަރިވަރުންނަށްވުރެ، ފޮތާއި ގަލަން ބޭނުންކުރި ދަރިވަރުންނަށް ފިލާވަޅު އެނގުނު މިންވަރު މަތިކަން ފާހަގަކޮށްފައި ވެ އެވެ.
ނިއުޔޯކްޓައިމްސްގެ އާޓިކަލްގައި އަލިއަޅުވާލާފައިވާ ދެވަނަ ދިރާސާއަކީ ޔޯކް ޔުނިވާސިޓީއާއި މެކް މާސްޓަރ ޔުނިވާސިޓީގެ ފަންނީ މާހިރުން އެ ދެ ޔުނިވާސިޓީގެ ދަރިވަރުން ބޭނުންކޮށްގެން ކޮށްފައިވާ ދިރާސާ އެކެވެ. އެ ދިރާސާގައި ދަރިވަރުން ކްލާހަށް ގެންދިޔަ ލެޕްޓޮޕްގައި ހުރި ކިޔެވުމާއި ނުގުޅޭ ތަކެތި ބެލުމަށް ދަރިވަރުންނަށް އިރުސާދު ދިނެވެ. ސިނަމާ ސެޝަންތަކެއްގެ ގޮތުގައި ލެޕްޓޮޕް ބޭނުންކުރުމަށް އިރުސާދު ދިނެވެ. އަދި އެއަށްފަހު ފިލާވަޅު ނަގައިދިން އިރު އެ ދަރިވަރުންނަށް ފިލާވަޅުން ފަހުމްވި އެއްޗެއްގެ މިންވަރު އިންތިހާއަށް ދަށްވެފައިވާއިރު ލެޕްޓޮޕް ގެންގުޅޭ ދަރިވަރުންގެ ކައިރީގައި ތިބޭ ދަރިވަރުންނަށް ފިލާވަޅު ފަހުމްވާ މިންވަރުވެސް އިންތިހާއަށް ދަށްކަން ފާހަގަކޮށްފައި ވެ އެވެ.
https://twitter.com/dynarski/status/934844713965846529
އެ އާޓިކަލްގައި ބޭނުންކޮށްފައިވާ ތިންވަނަ ދިރާސާ އަކީ އެމެރިކާގެ މިލިޓަރީ އެކަޑެމީގެ ދަރިވަރުން ބޭނުންކޮށްގެން ކޮށްފައިވާ ދިރާސާ އެކެވެ. އެ ދިރާސާގައި ބައެއް ދަރިވަރުން ލެޕްޓޮޕާއި ޓެބްލެޓު ކުލާހަށް ގެނައުން މަނާ ކުރެވުނެވެ. އަދި ބައެއް ދަރިވަރުން އެތަކެތި ކުލާހަށް ގެންދިއުން ހުއްދަ ދިނެވެ. މި ދިރާސާގެ ނަތީޖާ ދެއްކި ގޮތުން ލެޕްޓޮޕާއި ޓެބްލެޓް ކުލާހަށް ނުގެންދާ ދަރިވަރުންގެ ކިޔެވުން، ލެޕްޓޮޕާއި ޓެބްލެޓް ގެންދިޔަ ދަރިވަރުންގެ ކިޔެވުމާއި އަޅާ ބަލާއިރު އިންތިހާއަށް މޮޅެވެ.
ޒަމާނަށް އަންނަ ބަދަލާއިއެކު ޓެކްނޮލޮޖީތައް ފައްކާވެ ކުރިއަރަމުން ބަވަނަ ވަމުން އަންނަ މި ދުނިޔޭގައި ކިޔެވުމުގައި ތަފާތު އެކި ގެޖެޓްތައް އަންނަނީ ބޭނުން ކުރެވެމުންނެވެ. އޭގެ ތެރޭގައި ލެކްޗަރަރ ކިޔަވައިދޭއިރު އެ ދައްކާ ވާހަކަ ލިޔުމަށް ބަދަލުކޮށްލާ ސޮފްޓްވެއާ ތަކާއި މޯބައިލް އެޕްލިކޭޝަންތަށްވެސް ހިމެނެ އެވެ. ނަމަވެސް މަތީގައި އެވާ ދިރާސާތަކަށް ރިއާޔަތްކުރާއިރު ލެޕްޓޮޕާއި ޓެބްލެޓް އަދި ޒަމާނީ އެ ގެޖެޓުތައް ބޭނުންކުރުމާއި، ފޮތާއި ގަލަން ބޭނުންކުރުމުން ދަރިވަރުންގެ އުނގެނުމަށް އަންނަ ބަދަލާއި ތަފާތު ސާފުކޮށް އެނގެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް