ބަނޑޭރިކޮށި އެކެއްގައި ފްލެޓު އެޅުމުގެ ތައްޔާރީތައް ވާން ފަށައިފި

27 Oct 2026 | 15:40
ބަނޑޭރިކޮށި ސަރަހައްދު --

ބަނޑޭރިކޮށި ސަރަހައްދު --

ސިފައިންނަށް އެންމެ ފުރަތަމަ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އަޅާފައިވާ ބަނޑޭރިކޮށި 1 އަދި 2 ގެ ތެރެއިން އެކެއްގައި ފްލެޓު އެޅުމުގެ ތައްޔާރީތައް ވާން ފަށާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

މި އަހަރުގެ ސިފައިންގެ ދުވަހު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ސިފައިންނަށް ޚާއްޞަ ބޯހިޔާވަހިކަމުގެ މަޝްރޫޢެއް ހިންގަވާނެކަން އިޢުލާންކުރައްވައިފައެވެ. އެގޮތުން ބަނޑޭރިކޮށި ތަރައްގީކޮށް ސިފައިންނަށް ބޯހިޔާވަހިކަން ލިބޭ ބޮޑު މަޝްރޫއުއެއް އެތަނުގައި ހިންގަވާނެ ކަމަށް ވިދާޅުވެފައިވެ އެވެ.

އެމްއެންޑީއެފުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ސިފައިންނާއި ފުލުހުންނަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދެމުން އައި ބަނޑޭރިކޮށި 1 އަދި 2 އަލުން ތަރައްޤީކޮށް، ގިނަ ޢަދަދެއްގެ އެޕާޓްމެންޓް ބިނާކުރުމުގެ މަސައްކަތް ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ މިނިސްޓްރީއާއި އެމްއެންޑީއެފުން ފަށާފައިވާ ކަމަށެވެ.

މި މަޝްރޫއުގެ މަގުސަދަކީ ޚިދުމަތުގައި ތިބި ސިފައިންނާއި އެ މީހުންގެ ޢާއިލާތަކަށް އެކަށީގެންވާ ބޯހިޔާވަހިކަމެއް ހޯދައިދިނުން ކަމަށެވެ. އަދި ސިފައިންގެ ޚިދުމަތާ ގުޅޭ މީހުންގެ ޢަދަދު އެތައް ގުނައަކަށް އިތުރުވެ، ބޯހިޔާވަހިކަމަށް ހުށަހަޅާ ނިސްބަތް ބޮޑުވެފައިވާތީ އެކަން ހައްލު ކުރުން ކަމަށް ބުނެފައިވެ އެވެ.

ބަނޑޭރިކޮށި 1 ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން އެ ތަނުގައި މިހާރު ދިރިއުޅޭ ފަރާތްތަކަށް މަޝްރޫޢު ކުރިއަށް ގެންދާނެ ގޮތުގެ މަޢުލޫމާތު ހިއްސާކޮށް، ކަންބޮޑުވުންތަކަށް ޙައްލު ހޯދައިދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެ އެވެ. އެ އިދާރާއިން ބުނީ މި މަޝްރޫޢު ބައްޓަންކޮށްފައި ވަނީ، ދިރިއުޅެމުންދާ ފަރާތްތަކަށް ކުރިމަތިވާ ދަތި ކުޑަކުރުމަށް ޓަކައި ފިޔަވަހިތަކަކަށް ބަހާލައިގެން ކުރިއަށް ގެންދެވޭ ގޮތަށް ކަމަށެވެ.

ބަނޑޭރިކޮށި 1 ނިމުމާ އެކު، އެ ތަނުގައި މިހާރު ދިރިއުޅޭ ފަރާތްތައް އައު އެޕާޓްމެންޓްތަކަށް ބަދަލުކުރާ ގޮތަށް ވަނީ ނިންމާފައި އެވެ. މަޝްރޫޢު ފުރިހަމަވާ އިރު، މިހާރު ބަނޑޭރިކޮށީގައި ތިބި ފަރާތްތަކުގެ އިތުރުން ގިނަ ޢަދަދެއްގެ ސިފައިންނާއި ފުލުހުންނަށް ބޯހިޔާވަހިކަން ލިބޭނެ މަގު ފަހިވެގެންދާނެ ކަމަށް ސަރުކާރުން ބުނެފައިވެއެވެ.

ރައީސް މުޢިއްޒުގެ އަމާޒަކީ 2040 ވަނަ އަހަރު އަންނަ އިރު، ތަރައްޤީވެފައިވާ ޤައުމުތަކުގައި ސިފައިންގެ ޚިދުމަތް ދެވޭ ފެންވަރަށް ރާއްޖޭގެ ސިފައިންގެ ވަސީލަތްތައް ތަރައްޤީކުރެއްވުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް