މުދަލާއެކު ކޮންޓެއިނަރު ދޫކުރުމުގެ ޚިދުމަތް ތިލަފުށި ޕޯޓުގައި ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: އެމްޕީއެލް
މާލޭ ވިޔަފާރި ބަނދަރުގެ އޮޕަރޭޝަންތައް ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫޢުގެ ތެރެއިން، މުދަލާ އެކު ހުރި ގޮތަށް ކްލިއަރކުރާ ފުލް ކޮންޓޭނަރ ލޯޑް (އެފްސީއެލް) ގެ ޚިދުމަތް ތިލަފުށި ކާގޯ ޓަރމިނަލް (ޓީސީޓީ) ގައި މިއަދު ފަށައިފިއެވެ.
މި ޚިދުމަތް ފެށީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓުރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) މެދުވެރިކޮށް ތިލަފުށީގައި ބިނާކުރި 100 މީޓަރުގެ ކީ ވޯލް ސަރަހައްދުގައެވެ. މާލޭ ބަނދަރުގެ ޚިދުމަތްތައް ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫޢުގައި މިއީ ތިލަފުއްޓަށް ބަދަލުކުރެވުނު ފުރަތަމަ އޮޕަރޭޝަނެވެ.
ޓީސީޓީން މިވަގުތު ދެނީ ޑައިރެކްޓް ޑެލިވަރީ (ޑީއާރް) އުސޫލުން ކަނޑުމަގުން އެފްސީއެލް ކޮންޓޭނަރ ކްލިއަރކުރުމާއި، މުދާ ހުސްކޮށްފައި ގެންނަ ކޮންޓޭނަރ ބޭލުމުގެ ޚިދުމަތެވެ. ނަމަވެސް ކާބޯތަކެއްޗާއި ބޭހުގެ ބާވަތްތައް ޑީއާރް އުސޫލުން ކުރިއެކޭ ވެސް އެއްގޮތަށް މާލޭ ވިޔަފާރި ބަނދަރާއި ހުޅުމާލެ އިންޓަރނޭޝަނަލް ޓަރމިނަލުން ކްލިއަރކުރެވޭނެއެވެ. މާލޭ ބަނދަރަށް ގެންނަ ކޮންޓޭނަރުގެ ބޮޑު ބައެއް ކްލިއަރކުރަނީ ކަނޑުމަގުން ކަމަށް ވާއިރު، ގިނައީ އެފްސީއެލް ކޮންޓޭނަރެވެ.
މީގެ ކުރިން ޑީއާރް ކޮންޓޭނަރުގެ ބޮޑު ބައެއް ކަނޑުމަގުން ކްލިއަރކުރީ ހުޅުމާލެ ޓަރމިނަލުން ކަމަށް ވާތީ، މި ބަދަލާ އެކު އެ ޓަރމިނަލްގެ ލޯކަލް ކީ ވޯލް އޮޕަރޭޝަންތަކަށް ލުއިކަމެއް ލިބޭނެ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފައިވެއެވެ.






ތިލަފުށީގައި ފުރަތަމަ ހިދުމަތް ފެށުމާއި ގުޅިގެން އެމްޕީއެލްގެ ސީއީއޯ ކެޕްޓަން ހުސައިން ޝަފީގް ވިދާޅުވީ ތިލަފުއްޓަށް ކާގޯ ކްލިއަރެންސްގެ ޚިދުމަތެއް ގެންދިޔުމަށް އެމްޕީއެލްގެ މުވައްޒަފުން ވަރަށް ބުރަ މަސައްކަތެއް ކުރި ކަމަށެވެ. ކުރިއަށް އޮތް ތަނުގައި ލެސް ދެން ކޮންޓޭނަރ ލޯޑް (އެލްސީއެލް) ކާގޯ ކްލިއަރކުރުމުގެ ޚިދުމަތް ވެސް ތިލަފުށީގައި ދޭން ފަށާނެ ކަމަށް ސީއީއޯ ޝަފީގް ވިދާޅުވިއެވެ.
ތިލަފުށި ބަނދަރުގެ ފުރަތަމަ ފިޔަވަހީގައި ތަރައްޤީކުރާ 375 މީޓަރުގެ ކީ ވޯލް ބިނާކުރުން ޗައިނާ ހާބަރ އިންޖިނިއަރިން ކޮމްޕެނީން ކުރިއަށް ގެންދާ އިރު، އެ މަސައްކަތް 2027 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި އެއްކޮށް ނިންމާލެވޭނެ ކަމަށް ބެލެވެއެވެ.
އެ ކުންފުނިން 820 މީޓަރުގެ ޑޮމެސްޓިކް ކީ ވޯލް ހެދުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ވެސް ވަނީ ފަށައިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް