ހުރާގައި ފުލުހުން ހަރަކާތްތެރިވާ މަންޒަރު - ދުވަހަށް ލިބިފައިވާ ވީޑިއޯކޮޅަކުން ނަގާފައިވާ ފޮޓޯއެއް -
އިއްޔެރޭ ފަތިހުގެ ވަގުތެއްގައި ވެލާނާ
އިންޓަނޭޝަނަލް އެއާޕޯޓުގައި ޑޮލަރު ޝޫޓްކޭސްއެއް ފޭރުނު މައްސަލައިގާ
ހައްޔަރުކުރި މީހުންގެ ތެރޭގައި ކ. ގުރައިދުއަށް ނިސްބަތްވާ ދެބެން ހިމެނޭ ކަމަށާއި
އަދި ތިންވަނަ ބޭބެގެވެސް ހިއްސާއެއް ވާނެކަމުގައި ބެލެވިއްޖެއެވެ.
އެ މައްސަލައިގާ ކ. ހުރާގައި ފުލުހުން ހަރަކާތްތެރިވަމުން
އަންނައިރު ހައްޔަރުކުރި ދެމީހަކު ފުލުހުންގެ ބެލުމުގެ ދަށުން ތާކަށް ގެންދާ މަންޒަރުގެ
ވީޑިއޯކޮޅެއް ދުވަހަށް ލިބިފައިވާއިރު އެ ވީޑިއޯކޮޅުން އެ ފެންނަ ދެމީހަކީ ކާކުތޯ
ބެލުމަށް ދުވަހުން ކުރި މަސައްކަތުން އެނގުނު ގޮތުގައި އެއީ ކ. ގުރައިދޫ ގެއަކަށް
ނިސްބަތްވާ ދެމީހެކެވެ. ނަމާއި އުމުރު އެނގުނު ނަމަވެސް ރަސްމީ އިދާރާއަކުން އެ
މައުލޫމާތު ހިއްސާ ނުކުރާތީ އަދި އެ މަޢުލޫމާތު ދުވަހުން ހިއްސާ ނުކުރަން
ނިންމަނީއެވެ.
އެ މީހުން ލޯންޗެއްގައި ކ. ހުރަޔަށް އިއްޔެ ހެނދުނު
ދިޔަ ކަމަށާއި އެމީހުންގެ ޢާއިލާ މީހަކު ހުރާގައި އުޅޭކަމަށް ބައެއް މީޑިއާ ތަކުން
ރިޕޯޓްކޮށްފައިވާއިރު އެ މަޢުލޫމާތުވެސް ދުވަހުން ކަށަވަރު ކުރި އިރު ތިންވަނަ
މީހާއަކީ އެ ދެބެންގެ އެއްބަނޑު އެއްބަފާ ބޭބެއެކެވެ. ހުރާ މީހަކާ އިނދެގެން އެ
ރަށުގައި އުޅޭތާ އަހަރުތަކެއްވެފައިވާ އެމީހާއާއި މި މައްސަލައާއި ގުޅުމެއް ވާކަން
ސާފެއް ނޫނެވެ.
ދުވަހުން އެއްކުރި މަޢުލޫމާތުން އިތުރު ކަމެއްވެސް
ފާހަގަ ކުރެވުނެވެ. އެއީ އެ ތިން ބެއިންގެ އެއްބަނޑު އެއްބަފާ އިތުރު މީހަކު އެއާޕޯޓުގައިވެސް
ވަޒީފާ އަދާކުރާކަމެވެ. ނަމަވެސް ހަތަރު ވަނަ މީހާ (އެއާޕޯޓުގައި ވަޒީފާގައި އުޅޭ
މީހާ) އާއި މި މައްސަލައާއި ގުޅުމެއް ވާކަމެއްވެސް ދުވަހަކަށް ސާފެއް ނޫނެވެ.
މި މައްސަލަ ހިނގިތާ 24 ގަޑިއިރަށްވުރެ ގިނަ އިރު
އަދި މައްސަލައިގާ ބަޔަކު ހައްޔަރު ކުރިތާ 24 ގަޑއިރަށްވުރެ ގިނަ އިރު
ވެފައިވާއިރު އެ ބައެއްގެ ވަނަވަރު އަދި ފުލުހުން ހާމައެއް ނުކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް