އިންޑިއާގެ އައްސޭރި ސަރަހައްދެއްގެ މަންޒަރެއް -
ބަންގާޅު ކަނޑުގައި އުފެދުނު ކޮޅިގަނޑު ހޮނިހިރު ދުވަހު
ތޫފާނަކަށް ބަދަލުވެފައިވާއިރު މިރޭ މެންދަމުގެ ވަގުތެއްގައި އިންޑިއާއަށް އަރާނެ
ކަމަށް ބެލެވިއްޖެއެވެ.
އިންޑިއާ މެޓުން އެންމެ ފަހުން ބުނެފައިވާގޮތުގައި ތޫފާން
މޮންތާ މިވަގުތު ދަތުރުކުރަމުންދަނީ ގަޑިއަކު 15 ކިލޯ މީޓަރުގެ ބާރުމިނުގައެވެ. މިއަދުގެ
ހަވީރުގެ ވަގުތެއްގައި ތޫފާނުގެ ބާރު އިތުރަށް ގަދަވެ، ބާރުގަދަ ތޫފާނެއްގެ ގިންތިއަށް
ބަދަލުވާއިރު އިންޑިއާގެ އަންދްރަޕްރަދޭޝްގެ އައްސޭރިއާއިހަމައަށް ހަމަ މިރޭ އިރުއޮއްސޭހާއިރު
ފޯރާނެއެވެ.
ބާރުގަދަ ތޫފާނަކަށް ބަދަލުވާއިރު ގަޑިއަކު 60 މޭލަށް
ވައިގަދަވުމުގެ ފުރުޞަތު ބޮޑު ކަމަށް ބުނެފައިވެއެވެ.
މި ތޫފާން ބާރުގަދަ ތޫފާނެއްގެ ގޮތުގައި އަންދްރަޕްރަދޭޝް
އަށް އަރަން ދާއިރު އެ ސްޓޭޓުން އަންނަނީ އެކަމަށް ތައްޔާރުވުމަށް ފިޔަވަޅުތަކެއް
އަޅަމުންނެވެ.
އެގޮތުން އައްސޭރި އަވަށްތައް ކަމުގައިވާ ކަކިނާޑާ،
ކޮނަސީމާ، ވެސްޓް ގޯދާވަރީ އަދި އީސްޓް ގޯދާވަރީއަށް ރަތް އިންޒާރު ވަނީ
ނެރެފައެވެ. މާބަނޑު މީހުންނާއި ބަލި އަދި އުމުރުން ދުވަސްވީ މީހުންނަށް
އިސްކަންދޭ ތަރުތީބަކުން މީހުން ސަލާމަތީ އައްސޭރިތަކަށް ގެންދިއުމުގެ މަސައްކަތްވެސް
އަންނަނީ ކުރަމުންނެވެ. ސްކޫލުތަކާއި ކޮލެޖުތައްވެސް ވަނީ އެ ސަރަހައްދުގައި
ބަންދުކޮށްފައެވެ.
މި ތޫފާނުގެ ސީދާ އަސަރު ރާއްޖެއަށް ކުރާނެ
ކަމަކަށް ނުބެލެވެއެވެ. އެހެންނަމަވެސް ބަންގާޅު ކަނޑާއި އަރަބި ކަނޑުގައި އުފެދޭ މިފަދަ
ތޫފާނުގެ ނުސީދާ އަސަރު ކޮންމެވެސް ވަރަކަށް ރާއްޖެ ސަރަހައްދަށް ކުރަމުންދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް