އިންޑިއާއިން ރާއްޖަށް ކަނޑައެޅި ދޯބުރާލި ހަކުރު ކޯޓާއިން ބައެއް، އިންޑިއާގެ ބައެއް އެކްސްޕޯޓަރުން މަކަރާއި ހީލަތުން ސްރީ ލަންކާއާއި މެލޭޝިޔާއަށް އެކްސްޕޯޓްކުރިކަން ފަޅާއަރައިފިއެވެ.
އިންޑިއާގައި ނެރެމުން އަންނަ ދަ ހިންދޫ ބިޒްނަސްލައިންގައި ރިޕޯޓްކޮށްފައިވާގޮތުގައި މިދިޔަ އަހަރުގެ ސެޕްޓެމްބަރުން މި އަހަރުގެ އޮކްޓޯބަރުގެ ނިޔަލަށް އިންޑިއާއިން ރާއްޖެއަށް ކަނޑައެޅި ދޯބުރާލި ހަކުރު ކޯޓާއިން ގާތްގަނޑަކަށް 65 ހާސް ޓަނު އެގޮތަށް އެ ދެގައުމަށް މަކަރާއި ހީލަތުން އެކްސްޕޯޓްކޮށްފައިވެއެވެ.
މިދިޔަ އަހަރު އިންޑިއާގެ ދޯބުރާލި ހަކުރުގެ އުފެއްދުން ދަށްކަމުން އެ ގައުމުން އެހެން ގައުމުތަކަށް އެކްސްޕޯޓް ކުރުން ލިމިޓް ކުރިއެވެ. އެހެންނަމަވެސް ރާއްޖެއާއި އޮންނަ ގާތް ގުޅުމެއްގެ ސަބުބުން ރާއްޖެއަށް ހާއްސަ ކޯޓާއެއް ހަމަޖެއްސިކަމަށާއި ނަމަވެސް އެއިން ބައެއް ލަންކާއަށާއި މެލޭޝިޔާއަށް ބައެއް އެކްސްޕޯޓަރުން އެކްސްޕޯޓްކޮށްފައިވަނީ މަކަރާއި ހީލަތުން ބޮޑު ފައިދާ ނެގުމުގެ ބޭނުމުގައިކަން އިންޑިއާގެ އެހެން ބައެއް ނޫސްތަކުގައި ފާހަގަކޮށްފައިވެއެވެ.
މިކަންކަން ފަޅާއެރިނަމަވެސް އެ އެކްސްޕޯޓަރުންނަކީ ކޮބައިކަން އަދި މިކަން ތަކުރާރުވިޔަނުދޭން އަޅާނެ ފިޔަވަޅުތަކަކީ ކޮބައިކަން އަދި ހާމަކޮށްފައެއް ނެތެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް