އިންޓަނެޓް ބޭނުންކުރުމުގައި ރައްކާތެރިކަން ކަށަވަރުކުރެވޭނެ އުފެއްދުމެއް "ނެޓް ޕްރޮޓެކްޓް" ގެ ނަމުގައި ދިރާގުން ލޯންޗުކޮށްފިއެވެ.
ދިރާގުން މިއަދު ބުނެފައިވާގޮތުގައި ވައިރަސް ފަތުރާފަދަ ވެބްސައިޓްތަކުންނާއި ފިޝިންގް އެޓޭކްތަކުންނާއި ސްޕޭމް އީމެއިލްސް އަދި ގެއްލުންދޭ ކޮންޓެންޓްތަކުން، ނެޓް ޕްރޮޓެކްތް ރައްކާތެރިކޮށްދޭނެއެވެ.
ނެޓް ޕްރޮޓެކްޓް ފަރުމާކުރެވިފައިވަނީ ސެކިއުރިޓީ ސެޓިންގްސް ފަސޭހަކަމާއެކު ކަސްޓަމައިޒްކޮށްލެވޭފަދަ ގޮތަކަށް އަދި ގިނަ ކަސްޓަމައިޒޭޝަންސްތަކެއްވެސް ގެނެވޭގޮތަށް ކަމުގައި ދިރާގުން ބުނެފައިވެއެވެ.
އެގޮތުން އުމުރާއި ނުގުޅޭ ވެބްސައިޓްތައް ބްލޮކް ކުރެވުމާއި އިންޓަނެޓް ބޭނުންކުރެވޭނެ ވަކި ވަގުތުތަކެއް ކަނޑައެޅުމާއި ބޭނުން ވެބްސައިޓްތަކެއް ނުވަތަ ވެބްސައިޓް ހިމެނޭ ކެޓަގަރީތަކެއް ބްލޮކް ކުރުމުގެ ފުރުސަތުވެސް ނެޓް ޕްރޮޓެކްޓް އިން ފަހިވެގެންދާނެކަމުގައި ދިރާގުން ބުނެފައިވެއެވެ
ދިރާގުން ބުނެފައިވަނީ މޯބައިލް އަދި ފިކްސް ބްރޯޑްބޭންޑް ބޭނުންކުރާ ފަރާތްތަކަށްވެސް ފުރަތަމަ 30 ދުވަހު މި ހިދުމަތް އެއްވެސް އަގަކާ ނުލާ ލިބިގެންދާނެ ކަމަށާއި އަދި ކުރިން ދިރާގުގެ "ޕޭރެންޓަލް ކޮންޓްރޯލް" ހިދުމަތް ހިޔާރުކޮށްފައިވާ ފަރާތްތައްވެސް މިހާރު ނެޓް ޕްރޮޓެކްޓަށް އަޕްގްރޭޑް ކުރެވި ކުރިއަށް އޮތް 12 މަސް ދުވަހަށް 50 އިންސައްތަ ޑިސްކައުންޓް ލިބޭނެހެން ބަދަލުގެނެވިފައިވާކަމަށްވެސް ބުނެފައިވެއެވެ.
ކަސްޓަމަރުންގެ އޮންލައިން ތަޖުރިބާއަކީ ރައްކާތެރި އަމާން ތަޖުރިބާއެއް ކަން ކަށަވަރުކުރުމަށް ދިރާގުން އަބަދުވެސް ވަރަށް އިސްކަމެއްދޭކަން ދިރާގުން ފާހަގަކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް