އަމިއްލަ މަންފާއަށް މުވައްޒަފުންތަކެއް ކުރި އަމަލުގެ ސަބަބުން ވަރަށް ހައިރާންވެއްޖެ – ސިނގިރޭޓު އެތެރެކުރި މުވައްޒަފުންނާމެދު ފިޔަވަޅު އަޅައިފިން: ދަ ހޯކްސް

ސިނގިރޭޓު އެތެރެކުރުމަކީ މުވައްޒަފުންތަކެއް އަމިއްލަ މަންފާއަށް ކުރި ކަމެއް ކަމަށާއި އެކަމުގެ ސަބަބުން ކުންފުންޏަށް ބޮޑު ހައިރާންކަމެއް ލިބިފައިވާއިރު އެ މުވައްޒަފުން ދެނެގަނެ ފިޔަވަޅުވެސް އަޅާފައިވާނ...

28 Oct 2024 | 09:02

ސިނގިރޭޓު އެތެރެކުރުމަކީ މުވައްޒަފުންތަކެއް އަމިއްލަ މަންފާއަށް ކުރި ކަމެއް ކަމަށާއި އެކަމުގެ ސަބަބުން ކުންފުންޏަށް ބޮޑު ހައިރާންކަމެއް ލިބިފައިވާއިރު އެ މުވައްޒަފުން ދެނެގަނެ ފިޔަވަޅުވެސް އަޅާފައިވާނެކަމުގައި ދަ ހޯކްސް ކުންފުނިން ބުނެފިއެވެ.

އެ ކުންފުނިން މިހެން ބުނެފައިވަނީ މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައެވެ.

ހޯކްސްގެ އެ ނޫސްބަޔާނުގައި ބުނެފައިވަނީ  ދަ ހޯކްސްގެ އުޅަދެއް މެދުވެރިކޮށް ރާއްޖެއަށް ސިނގިރޭޓު އެތެރެކުރާކަމުގެ އިންޓެލިޖެންސް މައުލޫމާތު ލިބުމާއި ގުޅިގެން 25 އޮކްޓޯބަރ 2024 ވަނަ ދުވަހުގެ ރޭގަނޑު ގާތްގަނޑަކަށް 11:00 ހާއިރު، ތިލަފުށީގައި ގާއިމުކުރެވިފައިވާ ދަ ހޯކްސްގެ ބޯޓު ޔާޑަށް ފުލުހުން ހާޒިރުވިކަމަށާއި ތިލަފުށީގައި ހުންނަ ކުންފުނީގެ ބޯޓު ޔާޑަށް ފުލުހުން ހާޒިރުވެ، ބަލައި ފާސްކޮށްފައިވަނީ ބަލާ ފާސްކުރުމުގެ އަމުރެއް ނުވަތަ ކޯޓު އަމުރެއް ނެތިކަމަށެވެ.

"ދަ ހޯކްސްގެ މެނޭޖްމަންޓުން ވަނީ ފުލުހުންނަށް ދޭންޖެހޭ ހުރިހާ އެއްބާރުލުމެއްދީ ގާނޫނާއި ހިލާފު އަމަލުތަކުގައި ބައިވެރިވެ އެ އަމަލުތައް ހިންގާ ފަރާތްތައް ދެނެގަނެ ހައްޔަރުކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރުމަށް ފުރިހަމަ އެއްބާރުލުން ދީފައި، ދަ ހޯކްސް ޓީމުން ވާނީ ފުލުހުންގެ ޓީމު ދަ ހޯކްސް ބޯޓު ޔާޑަށް ވަނުމުގެ ފުރުސަތު ދީ ކޯޓު އަމުރެއް ލިބެންދެން އެތަނުގައި ފުލުހުންގެ ޓީމު ހަރަކާތްތެރިވުމަށް ފުރުސަތު ދީފައި" ދަ ހޯކްސްއިން ބުނެފައިވެއެވެ.

މި ހާދިސާ ހިނގުމާއި ގުޅިގެން ކުންފުނީގެ ފަރާތުންވަނީ އެ މައްސަލަ އިދާރީގޮތުން ތަހުގީގުކުރަން ފެށި ކަމަށާއި އެގޮތުން ކެމެރާ ފުޓޭޖްތައް ބެލިބެލުމުން މިހާތަނަށް ކުންފުނީގެ މުވައްޒަފުންތަކެއްގެ މައްޗަށް ޣައިރު ގާނޫނީ ހަރަކާތްތަތަކަށް ކުންފުނީގެ ރިސޯސަސް ބޭނުންކޮށް އަމިއްލަ މަންފާ ނަގަން މަސައްކަތްކޮށްފައިވާކަމުގެ ތުހުމަތުކުރެވިފައިވާއިރު ކުންފުނިން ވަނީ ތުހުމަތު ކުރެވުނު މުވައްޒަފުންތައް ވަގުތުން މަސައްކަތުން އެކަހެރިކޮށް ކަމާބެހޭ ތަހުގީގީ އިދާރާތަކަށް އެކަން ރިޕޯޓްކޮށްފައިވާނެކަމުގައި ބުނެފައިވެއެވެ.

"މިފަދަ ޣައިރު ގާނޫނީ އަމަލުތަކުގައި ދަ ހޯކްސް އިން ގެންގުޅޭ ސިޔާސަތަކީ ޒީރޯ ޓޮލަރަންސް ޕޮލިސީ، އެގޮތުން ތަފާތު 10 ގައުމެއްގެ 900 އަށްވުރެ ގިނަ މުވައްޒަފުން މަސައްކަތްކުރަމުންދާއިރު، ކުންފުނިން އަބަދުވެސް މަސައްކަތްކޮށްފައިވަނީ މުވައްޒަފުންގެ ލާބައާއި މަންފާއަށް، އެހެންނަމަވެސް، ކުންފުނީގެ މަދު މުވައްޒަފުންތަކެއް ބައިވެރިވެ ކުންފުނީގެ މެނޭޖްމަންޓުން މުވައްޒަފުންނާއިމެދު ކުރި އިތުބާރާއި ޔަގީންކަން ގެއްލޭގޮތަށް ހިންގާފައިވާ މި އަމަލަކީ ކުންފުންޏަށް ލިބުނު ބޮޑު ހައިރާންކަމެއް، އެގޮތުން ކުރިއަށް އޮތްތަނުގައިވެސް ދަ ހޯކްސްގެ ރިސޯސަސް މިފަދަ ނަހަމަ ގޮތެއްގައި ބޭނުންކުރުން ހުއްޓުވުމުގެ ގޮތުން ކުންފުނީގެ އެތެރޭގެ ކޮންޓްރޯލް ހަރުދަނާ ކުރުމަށް އިތުރު ފިޔަވަޅުތައް ކުންފުނިން ދަނީ އަޅަމުން" ދަ ހޯކްސް ކުންފުނިން ބުނެފައިވެއެވެ.

އެ ކުންފުނިން ބުނެފައިވަނީ އެ ކުންފުންޏަކީ ތެޔޮ އެތެރެކޮށް ވިޔަފާރިކުރުމަށް މަޝްހޫރު ކުންފުންޏެއް ކަމަށާއި ދަ ހޯކްސް އަކީ ފައިދާކުރަނިވި ތެލުގެ ވިޔަފާރިކުރާ ކުންފުންޏަކަށްވާއިރު ދުންފަތުގެ އިސްތިއުމާކުރުމަށް ބޭނުންކުރާ އެއްވެސް ބާވަތެއް އެތެރެކުރުމުގެ އެއްވެސް ވިޔަފާރިއެއްގައި ބައިވެރިވުމަށް އަދި އެފަދަ އެއްވެސް ޝައުގުވެރިކަމެއް ދަ ހޯކްސްގެ ނެތްކަމަށެވެ. މިއާއި ހިލާފަށް މީޑިއާތަކުގައި ދެކެވޭ ވާހަކަތަކަކީ ހަގީގަތާ ހިލާފަށް ދެކެވޭ ވާހަކަތަކެއްކަމަށާއި އެހެންކަމުން ޒިންމާދާރުކަމާއެކު މިފަދަ ހަބަރުތައް ރިޕޯޓްކުރުމަށް މީޑިއާތަކަށް ގޮވާލާކަމުގައިވެސް ދަ ހޯކްސްއިން ބުނެފައިވެއެވެ.

ދަ ހޯކްސް އިން އިތުރަށް ބުނެފައިވަނީ ދަ ހޯކްސް އަކީ ދެފުށްފެންނަ ގޮތަށް ވިޔަފާރިކުރަމުންއަންނަ ކުންފުންޏެކެވެ. އަދި މިފަދަ ކަންކަމާއި ގުޅިގެން ޒިންމާ ނަގަންޖެހޭ ފަރާތްތައް ހޯދުމަށް ކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރުމަށް ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް ދޭންޖެހޭ ފުރިހަމަ އެއްބާރުލުން ދަ ހޯކްސްއިން ދޭނެކަމުގެ ފުރިހަމަ ޔަގީންކަން އަރުވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް