ގާނޫނު ތަންފީޒުކުރުމުގައި އަހަރެމެން ފަސް ނުޖެހޭނަން – ހޯކްސް ބޯޓްޔާޑުން 1.6 މިލިޔަން ސިނގިރޭޓު އަތުލައިގަނެވިއްޖެ: ކަސްޓަމްސް

ރާއްޖެއަށް ސިއްރުން އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ ސިނގިރޭޓް ކަސްޓަމްސްއިން އަތުލައިގެންފިއެވެ. އެގޮތުން ކަސްޓަމްސް އިން މިރޭ ބުނީ ހޯކްސް ޕްރައިވެޓް ލިމިޓެޑްގެ އެޖެންޓްކަމުގެ ދަށުން 2024 އޮކްޓޯބަ...

27 Oct 2024 | 19:19

ރާއްޖެއަށް ސިއްރުން އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ ސިނގިރޭޓް ކަސްޓަމްސްއިން އަތުލައިގެންފިއެވެ.

އެގޮތުން ކަސްޓަމްސް އިން މިރޭ ބުނީ ހޯކްސް ޕްރައިވެޓް ލިމިޓެޑްގެ އެޖެންޓްކަމުގެ ދަށުން 2024 އޮކްޓޯބަރ 24 ވަނަ ދުވަހު ރާއްޖެ އައި "އެމް.ޓީ ހޯކްސް ޖަވާހިރު" ނަމަކަށް ކިޔާ ބޯޓަކުން ގިނަ އަދަދެއްގެ ސިނގިރޭޓް އެތެރެކުރަން އުޅޭކަމުގެ މައުލޫމާތު, 2024 އޮކްޓޯބަރ 25 ވަނަ ދުވަހުގެ ރޭ ކަސްޓަމްސް އަށް ލިބުމާގުޅިގެން, ހިންގުނު ޚާއްސަ އޮޕަރޭޝަނެއްގައި އެތަކެތި މިހާރު ވަނީ ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެނެވިފައި ކަމަށެވެ.

"މި ބޯޓުން ހޯކްސް ޕްރައިވެޓް ލިމިޓެޑްގެ ލޯކަލް ދޯންޏެއްކަމަށްވާ "ހޯކްސް ރޯދި" (ރަޖިސްޓްރީ ނަންބަރު: P9845B-03 02-F) އަށް އަރުވައިގެން ކ.ތިލަފުއްޓަށް ގެނެސް, އެކުންފުނީގެ ނަމުގައި ރަޖިސްޓަރީކޮށްފައިވާ ޓްރަކަކަށް (ރަޖިސްޓްރީ ނަންބަރު: CC0A C1967) އެތަކެތި އަރުވައިގެން ގެންގޮސް، ބޭލުމުގެ މަސައްކަތް ކޮށްފައިވަނީ ކ. ތިލަފުށީގައި ހުންނަ އެ ކުންފުނީގެ ބޯޓު ޔާޑަށެވެ. އެތަކެތި ބޭލުމަށް މަސައްކަތްކޮށްފައިވަނީ 2024 އޮކްޓޯބަރ 25 ވަނަ ދުވަހުގެރޭ ގާތްގަނޑަކަށް 10:00 އެހާކަށް ހާއިރު" ކަސްޓަމްސް އިން ބުނެފައިވެއެވެ.

އެތަކެތި ބޭލުމަށް މަސައްކަތްކުރި ބޯޓު ޔާޑުގައި އިތުރު ސިނގިރޭޓް ހުރިކަމަށް ޝައްކުކުރެވޭތީ, ކޯޓު އަމުރެއްގެ ދަށުން މިހާރު ދަނީ އެތަން ބަލައިފާސްކުރަމުން ކަމަށް ކަސްޓަމްސް އިންބުނެއެވެ. އަދި މިހާތަނަށް "ހޯކްސް ބޯޓްޔާޑު" ބަލާފާސްކުރި ކުރުމުން، އެތަނުގައި ހުރި އެކޮމަޑޭޝަނުންނާއި ވޯކްޝޮޕުން މެންޗެސްޓަރ ބްރޭންޑުގެ ސިނގިރޭޓު (ގާތްގަނޑަކަށް 1.695 މިލިއަން ސިނގިރޭޓް ސްޓިކްސް) ފެނިފައިވާކަށާއި މިސިނގިރޭޓްތައް މިހާރު ވަނީ ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެނެވިފައި ކަމަށް ކަސްޓަމްސް އިން ބުނެފައިވެއެވެ.

ކަސްޓަމްސް އިން ބުނެފައިވަނީ މިއީ ރާއްޖެއަށް ސިއްރުން މުދާ އެތެރެކުރަން އުޅުނުކަމަށް ތުހުމަތުކުރެވޭ މައްސަލައެއްއަކަމަށްވާތީ،  މި މައްސަލައިގެ ތަހުޤީޤް ކަސްޓަމްސްއިން ފަށާފައިވާނެކަމަށާއި ރާއްޖެއަށް އެތެރެކުރެވޭ މުދަލުގެ ލިޔެކިއުން ނިންމުމާއި މުދާ ބަލައިފާސްކުރުމުގެ މަރުޙަލާތަކުގައި ކަސްޓަމްސްއަށް ލިބޭ އިންޓެލިޖެންސް މަޢުލޫމާތާއި ކަސްޓަމްސްގެ ހިރާސް ނިޒާމުގެ ތެރެއިން ކަނޑައެޅޭ ގޮތެއްގެމަތީން އަމަލުކުރާނެކަންވެސް ހާމަކުރާކަމަށާއި އަދި ހަމަ އެހެންމެ ރާއްޖެއަށް އެތެރެކުރެވޭ މުދަލާގުޅޭގޮތުން ކަސްޓަމްސްގެ ޤާނޫނު ތަންފީޒްކުރުމުގައި ކަސްޓަމްސްއިން ފަސްނުޖެހޭނެކަމުގައިވެސް މިރޭ ކަސްޓަމްސްއިން ބުނެފައިވެއެވެ.

ކަސްޓަމްސް އިން އިތުރަށް ބުނެފައިވަނީ މިފަދަ ޚާއްސަ އޮޕަރޭޝަންތައް ހިންގުމުގަ އާއި ތަޙްޤީޤްތައް ކުރުމުގައި ދިވެހި ފުލުހުންގެ ޚިދުމަތުން ކަސްޓަމްސް އަށް ދެއްވާ ޚާއްސަ އެހީތެރިކަމާއި އެއްބާރުލެއްވުމަށް ޝުކުރުދަންނަވާކަމަށާއި މީގެ އިތުރުން، މި އޮޕަރޭޝަން ހިންގުމުގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ކޯސްޓް ގާޑުން ވެދެއްވަމުންދާ އެހީތެރިކަން ފާހަގަކޮށް، އެފަރާތަށްވެސް ޝުކުރުދަންނަވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް